ހަބަރު

ސަންގް ޓީވީ އަށް ބްރޯޑްކޮމްއިން ނަސޭހަތްދީފި

ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތަކުން އެއްކިބާނުވެ، ބްރޯޑްކާސްޓްކުރުމަށް ސަންގް ޓީވީއަށް އަންގާ ނަސޭހަތްތެރިވެއްޖެ އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ސަންގް ޓީވީއަށް ނަސޭހަތްދީފައިމިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ބެލުމަށްފަހު އެވެ.

ސަންގް ޓީވީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ، މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ގައި ސަންގު ޓީވީ އިން ބްރޯޑްކާސްޓްކުރި ސިޔާސީ ބަހުސް ޕްރޮގްރާމުގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ހުރިކަމަށް ބެލެވޭތީ، މި މައްސަލަ ބަލައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

މައްސަލަ ބެލުމަށްފަހު ކޮމިޝަނުން ބުނެފައިވަނީ، ސަންގު ޓީވީ އިން ބްރޯޑްކާސްޓްކުރި މައްސަލައާ ގުޅުންހުރި ކޮންޓެންޓުގައި މުޖުތަމައިގެ އަދަބު އަހުލާގުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓިފައިނުވާކަމަށް ބެލެވޭތީ އާއި އަދި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބްރޯޑްކާސްޓްކޮށްފައިވާ ކަމަށެވެ.

އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެ ވަނަ ހަމައިގެ (1) އަދި (2) އާ ހިލާފު ކަމެއްކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން، ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ސެވަން މީޑިއާ ޕްރައިވެޓް ލިމިޓެޑަށް އަންގައި ނަސޭހަތްތެރިވުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންް ނިންމާފައިވާ ކަމަށެވެ.