ބޭރު ކުޅިވަރު

ބާސެލޯނާ ކަޓައިފި، އެތްލެޓިކޯ އާއި ބަޔާން ސެމީ އަށް

ޗެމްޕިއަން ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓައި މުބާރާތުގެ ސެމީ ފައިނަލަށް އެތްލެޓިކޯ މެޑްރިޑާއި ބަޔާން މިއުނިކް ދަތުރުކޮށްފި އެވެ.

ބާސެލޯނާ މުބާރާތުން ކެޓީ އެތްލެޓިކޯ އަތުން މިރޭ ރަށުން ބޭރުގައި 2-0އިން ބަލިވުމުންނެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗުން ބާސެލޯނާ 2-1އިން މޮޅުވެފައިވީ ނަމަވެސް ރޭ އެ ޓީމު ބަލިވީ މެޗު ނިމެން އެންމެ ހަތަރު މިނިޓަށްވީ ފަހުންނެވެ.

އެންޓޯނިއޯ ގްރިއެޒްމަން ގޯލު ޖަހާފައިވީ ނަމަވެސް އަވޭ ގޯލުގެ ތަފާތުން ސެމީ އަށް ދިއުމަށް އުއްމީދު ކުރަމުންދިޔަ ބާސެލޯނާގެ އުއްމީދުތައް ވިއްސިވިހާލިވީ 86 ވަނަ މިނިޓްގައި އެތްލެޓިކޯ އަށް ލިބުނު ޕެނަލްޓީންނެވެ. މި ޕެނަލްޓީ ލިބުނީ ކެޕްޓަން އަންދްރޭސް އިނިއެސްޓާގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ގްރިއެޒްމަން ޖެހި މި ޕެނަލްޓީ ގޯލަށް ވަނީ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަންގެ އަތުގައި ޖެހިފަ އެވެ.

މިއަށްފަހު އެތްލެޓިކޯގެ ގަބީގެ އަތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ޖެހުނު ނަމަވެސް ރެފްރީ ވަނީ ބާސެލޯނާ އަށް ޕެނަލްޓީ ނުދީފަ އެވެ.
ބާސެލޯނާ އަށް މި މެޗުގައި އެޓޭކް ކުރަން ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައިނުވާއިރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ އަށް ޕެނަލްޓީ އޭރިޔާތެރެއިން އެންމެ ބޯޅައެއްވެސް ނުލިބެ އެވެ.

މިއީ މީގެ ދެ އަހަރު ކުރިން އެތްލެޓިކޯ އަތުން ސެމީ ފައިނަލުގައި ބާސެލޯނާ ބަލިވި ފަހުން އެ ޓީމުން އަތުން މި މުބާރާތުގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ.

ސެމީން ޖާގަ ހޯދި އަނެއް ޓީމަކީ ޖަރުމަނުގެ ބަޔާން މިއުނިކެވެ. ޕޯޗުގަލްގެ ބެންފީކާގެ ދަނޑުގައި ކުޅުނު މެޗު 2-2އިން އެއްވަރުވުމުން ބަޔާން ސެމީ އަށް ދިޔައީ އަމިއްލަ ރަށުގައި ކުޅުނު މެޗުން 1-0އިން މޮޅުވެފައިވާތީވެ 3-2ގެ އެގްރީގޭޓުންނެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ދެން ކުޅޭނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި ސްޕޭނުގެ ރެއާލް މެޑްރިޑެވެ.