ސްރީލަންކާގައި ކަރަންޓްގައި ޖެހިގެން ދިވެއްސަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ އެ ގައުމުގައި ކިޔަވަމުން އައި 18 އަހަރުގެ ދިވެހި ދަރިވަރެކެވެ.
މަރުވެފައިވަނީ ނާއިލް އަލީ ނާހިދު ކިޔާ ދަރިވަރެކެވެ. އޭނާއަކީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.
މިއަދު ހެނދުނު ކަރަންޓްގައި ޖެހި ނާއިލް މަރުވި ނަމަވެސް އެއްވެސް އިތުރު ތަފުސީލެއް ނުލިބެ އެވެ. ސްރީލަންކާގައި މި ދުވަސްވަރު ކަރަންޓް ކެނޑުމުގެ މައްސަލަތަކެއް ކުރިމަތިވަމުންދާއިރު ދާދި ފަހުން ވަނީ ކަރަންޓް ޝޯޓެއްވެ ދިވެހި އާއިލާއެއް އުޅުނު ގެއަކަށް ވެސް ގެއްލުންތަކެއް ލިބިފައެވެ. އެ ހާދިސާގައި ބައެއް މީހުންނަށް އަނިޔާވެސްވި އެވެ.