ބޭރު ކުޅިވަރު

ސެމީގައި ބަޔާން – އެތްލެޓިކޯ އަދި ސިޓީއާ ދެކޮޅަށް ރެއާލް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އަދި ބަޔާން މިއުނިކާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހިއްޖެ އެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިނގިރޭސިވިލާތުގެ ސިޓީއާ ދެކޮޅަށް ސްޕޭނުގެ ރެއާލް ނުކުންނާނީ އިއްތިހާދު ސްޓޭޑިއަމުގަ އެވެ. ސެމީގެ ފަހު މެޗު ރެއަލްގެ ދަނޑުގައި ކުޅޭނީ އަންނަ މޭ މަހުގެ ހަތަރެއްގަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކަޓުވާލި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ޖަރުމަނުގެ ބަޔާން ކުޅޭ ފުރަތަމަ މެޗު އޮންނާނީ އޭޕްރީލް 27 ވަނަ ދުވަހު ސްޕޭނުގަ އެވެ. ޖަރުމަނުގައި ފަހު މެޗު ކުޅޭނީ މެއި މަހުގެ ތިނެއްގަ އެވެ.

ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅޭނީ މޭ މަހުގެ 28 ވަނަ ދުވަހު އިޓަލީގެ މިލާނުގަ އެވެ.

ލިވަޕޫލާ ދެކޮޅަށް ވިޔަރެއާލް

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތުގެ ލިވަޕޫލަށް ސްޕޭނުގެ ވިޔަރެއާލްއާ ވާދަކުރަން ޖެހިއްޖެ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ސެވިއްޔާ ސެމީގައި ވާދަކުރާނީ ޔުކްރޭނުގެ ޝަކްޓާ ޑޮނެސްކާ އެވެ.

ޖަރުމަނުގެ ވަރުގަދަ ބޮރޫޝިޔާ ޑޯޓްމުންޑް ބަލިކޮށް ސެމީން ޖާގަ ހޯދި ލިވަޕޫލް ވިޔަރެއާލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ އޭޕްރީލް 29ގަ އެވެ. މި ދުވަހު ސެވިއްޔާ ނުކުންނާނީ ޝަކްޓާގެ ދަނޑުގަ އެވެ. ސެމީ ފައިނަލުގެ ދެ ވަނަ ލެގު ކުޅޭނީ މޭ މަހުގެ ހަ ވަނަ ދުވަހު އެވެ.

ޗެމްޕިއަން ޓީމަށް ޗެމްޕިއަންސް ލީގު ޖާގަ ލިބޭ ޔޫރޮޕާ ލީގުގެ ފައިނަލް ކުޅޭނީ ސްވިޒަލޭންޑުގައި މޭ މަހުގެ 18ގަ އެވެ.