ރިޕޯޓް

އަސާސީ ހިދުމަތަކުން، މިވަރު ފައިދާއެއް ނެރުނީ ކިހިނެއް؟

Apr 17, 2016
8
  • ފައިދާއާއެކު މުވައްޒަފުން ތިބީ އުފަލުން
  • ފެނުގެ ހިދުމަތް ހިދުމަތް މި އަހަރު ވަރުގަދަ ކުރާނެ
  • އާ މަޝްރޫއުތަކަށް ވަނީ އިންވެސްޓްކޮށްފައި

ގައުމީ ފެން ކުންފުނީގެ ތާރީހުގައި މި އަހަރު ފާހަގަ ކުރެވޭނީ ރަން އަކުރުންނެވެ. ސަބަބަކީ ކުންފުނީގެ 21 އަހަރުގެ ދިގު ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ލިބިގެން ދިޔަ އަހަރަށް މި އަހަަރު ވުމެވެ. ނަމަވެސް މި ފައިދާއާއެކު ގިނަ ބަޔަކު ސުވާލު އުފައްދައިފި އެވެ. ސުވާލަކީ ފެނުގެ ހިދުމަތް ފަދަ އަސާސީ ހިދުމަތަކުން މިވަރުގެ ފައިދާއެއް ކުންފުންޏަށް ހޯދުނީ ކިހިނެއް ހެއްޔެވެ؟

"ފައިދާ ނެރުނީ ހަރަދު ކުޑަކުރުމާއި މުވައްޒަފުންގެ މަސައްކަތުން،" ގައުމީ ފެން ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މިހެންނެވެ.

މިހާ ހިސާބުން މިދިޔަ އަހަރު ފެން ކުންފުނީގެ މާލީ ހިސާބުތަކަށް ބަލައިލާނަމެވެ. ފެން ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އަށް ބަލާއިރު 2014 ވަނަ އަހަރު ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 729 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2015 ވަނަ އަހަރު މި އަދަދުވަނީ 963 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު ލިބުނު ފައިދާއަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 35 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ އިތުރުން 2014 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް 154 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު ލިބިފައިވާ 368 މިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 139 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީ ލިބުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި 2014 ވަނަ އަހަރު އިންޖިނިއަރިންގެ މަޝްރޫއު ތަކުން އެ ކުންފުންޏަށް 150.70 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2015 ވަނަ އަހަރު ލިބިފައިވާ 337.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު 121 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މެނުފެކްޗަރިންގެ ދާއިރާ އިން 2014 ވަނަ އަހަރު 160.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް 2015 ވަނަ އަހަރު މި ދާއިރާ އިން ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 182 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 27 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި ވަރުގެ ތަނަވަސް އާމްދަނީއެއް ކުންފުންޏަށް ލިބުނުއިރު ވޭތުވެދިޔަ ތިން އަހަރަކީ ކުންފުންޏަށް އެންމެ ބޮޑެތި ގޮން ޖެހުންތަކެއް ކުރިމަތިވި އަހަރުތަކެކޭ ބުނެވިދާނެ އެވެ. އެގޮތުން ފެން ކުންފުނީގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި މާލެ އިން ފެން ކަނޑައިގެން ދިއުން ހިމެނެ އެވެ. މިއީ ފެން ކުންފުނީގެ މޫނުމަތީގައި ޖެހުނު ލައްގަނޑަކަށްވި އެވެ. މީގެ އިތުރުން ފެން ލިބުމުގައި ބައެއް ފަހަރު ދިމާވަމުންދާ ދަތިތަކުގެ ސަބަބުން މީހުން ސުވާލު އުފައްދަމުން ދިޔަ އެވެ. ސުވާލަކީ މި ވަރުގެ ފައިދާއެއް ކުންފުންޏަށް ލިބުނުއިރު ފެނުގެ ހިދުމަތް ރަނގަޅު ކުރުމަށް ކުންފުނިން އިންވެސްޓް ކުރަމުންދޭ ހެއްޔެވެ؟

ފެން ކުންފުނީގެ އެމްޑީ ފަޒުލް ވިދާޅުވީ މާލޭގައި ދެމުން ގެންދާ ފެނުގެ ފެންވަރު ޔަގީން ކުރުމުގެ ގޮތުން މާލޭގެ އެކި ހިސާބުތަކުގައި ފެން ރައްކާ ކުރާނެ ވަސީލަތް ތަކެއް ބަހައްޓަ މުންދާ ކަމަށެވެ. މި މަސައްކަތް ނިމުމުން ފެން ރައްކާކުރުގެ ގާބިލްކަން ދުވާލަކު 25،000 ކިއުބިކް މީޓަރަށް އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑު ތަކުރުފާނުގައި ހުންނަ ކުންފުނީގެ ވެއާ ހައުސް ހުންނަ ބިމުގައި 5،000 ކިއުބިކް މީޓަރުގެ އާރްއޯ ޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފެށިފައި. މި މަސައްކަތް މި އަހަރުގެ ތެރޭގައި މުޅިން ނިންމާލެވޭނެ. މި މަސައްކަތް ނިމުމުން ފެން އުފައްދާ މިންވަރު 25،000 ކިއުބިކް މީޓަރަށް އިތުރު ކުރެވޭނެ. މި ސެންޓަރަކީ އިތުރު 5،000 ކިއުބިކް މީޓަރުގެ ފެން ޕްލާންޓެއް ބެހެއްޓޭނެ ވަރުގެ ޖާގަ އޮތް ތަނެއް،" ފަޒުލް ވިދާޅުވި އެވެ.

"މި އަހަރު ތެރޭގައި ހަވީރީ ހިނގުމުގައި ހުންނަ ބިމުގައި 2،000 ކިއުބިކް މީޓަރުގެ ފެން ޕްލާންޓެއް ބެހެއްޓި. ފެން އުފެއްދޭނެ އިންތިޒާމު އުފެއްދޭނެ. މި ޕްލާންޓަށް ފެން ނެގުމަށްޓަކައި ކޮންނަ އަަށް ބޯހޯލްގެ ތެރެއިން ދެ ބޯހޯލްގެ މަސައްކަތް ވަނީ ނިމިގައި. އިތުރު ބޯހޯލްތައް ކޮނެވިގެންދާނެ."

ދެން އޮތް ސުވާލަކީ މި މަސައްކަތްތައް ކުރެވެނީ ކިހިނެއް ކުންފުންޏަށް ލިބުނު ފައިސާ އަކުން ހެއްޔެވެ؟ ފައިސާ ހޯދީ ކިހިނެއް ހެއްޔެވެ؟

ފަޒުލް ވިދާޅުވީ މަޝްރޫއުތައް ހިންގަމުންދަނީ ފެން ފަންޑުން ލިބުނު ފައިސާ ވެސް ހިމަނައިގެން ކަމަށެވެ.

"މި މަސައްކަތް ކުރެވެނީ ސަރުކާރުން ތައާރަފު ކުރި ފެން ފަންޑުން ލިބުނު ފައިސާއާ ސަޕްލައިއާ ކްރެޑިޓް ފެސިލިޓީ ބޭނުންކޮށްގެން،" ފަޒުލް ވިދާޅުވި އެވެ.

ދެން އުފެދޭ ސުވާލަކީ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބުނުއިރު ކުރިއަށް އޮތީ ކޮން މަޝްރޫއުތަކެއް ހެއްޔެވެ؟

ހިންގާނެ ބައެއް މަޝްރޫއުތައް

ކަސްޓަމަރު ސާވިސަސް އިމާރާތް ވަރުގަދަ ކުރުން
ފެނުގެ ހިދުމަތް ދޭން ބޭނުންކުރާ އިންޖީނުގެ ޒަމާނީ ކުރުން
ހުޅުލެ- މާލެ ބްރިޖް މެދުވެރިކޮށް ފެނުގެ ނިޒާމެއް އެޅުން

މާލީ ގޮތުން ކުންފުނި ވަރުގަދަ ކުރުމުގެ މަސައްކަތް

ލެބޯޓްރީގެ ހިދުމަތް
އިންޖިނިއަރިންގެ ހިދުމަތް
ފެން ވައިރު ކުރަން ބޭނުންކުރާ ހޮޅި އުފެއްދުން
މެނު ފެކްޗަރިންގެ މަސައްކަތް
ފެން ބަންދުކުރަން ފުޅި ބަންދުކުރާ ކާރުހާނާއެއް ހެދުން
ހދ. ކުޅުދުއްފުށި، ދުވާފަރުގައި ފެން ބަންދު ކުރަން ތައްޔާރުވުން
ޑީޕްސީ މަޝްރޫއު ފެށުން

ކޮންމެއަކަށް މާލީ ގޮތުން ފައިދާ ބޮޑު އަހަރަކާއެކު ކުންފުނީގެ އަމާޒު ހިފާފައިވަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ. މިގޮތުން ހިދުމަތް ދޭން ތިބި މުވައްޒަފުން އުފާ ކުރުމަށް މުވައްޒަފުންގެ ބޯނަސް މިވަނީ 91 ޕަސެންޓަށް މައްޗަށް ޖައްސާލާފަ އެވެ.