ހުސައިން ރަޒީން (ރަބަރޭ)

ރަބަރޭ މަރާލީ ދިވެއްސަކު ފައިސާ ދީގެންކަން ކަށަވަރު ކުރެވިއްޖެ: ފުލުހުން

  • ފައިސާ ދިން ދިވެހި މީހާ ހުރީ ރާއްޖޭގައި
  • އެ މީހާ ވަނީ ހައްޔަރުކޮށްފައި
  • އޭނާ ވަނީ އެކަމަށް ފައިސާވެސް ޓްރާންސްފާކޮށްފައި

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސްރީލަންކާގައި، މަރާލި ހ. ހަންޑްރެޑް ފްލާވަރ، ހުސައިން ރަޒީން (ރަބަރޭ) މަރާލީ މާލޭގައި ހުރި ދިވެއްސަކު ފައިސާ ދީގެންކަން ތަހުގީގަށް ކަށަވަރު ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، މި މައްސަލާގައި މި މަހުގެ 12 ވަނަ ދުވަހު 28 އަހަރުގެ ދިވެހި ފިރިހެނަކު ރާއްޖެއިން ހައްޔަރުކޮށް ތަހުގީގު ކުރަމުންދާ ކަމަށާއި ހައްޔަރުކޮށްފައިވާ މީހާއަކީ 29 އަހަރުގެ ރަބަރޭ މަރާލަން ފައިސާ ހަރަދު ކުރި މީހާކަން ތަހުގީގަށް ކަށަވަރު ވެފައިވާ ކަމަށެވެ.

އެގޮތުން، ރަބަރޭ މަރާލުމަށްފަހު ވޭން ތެރޭގައި ނަގާފައިވާ ފޮޓޯތައް ރާއްޖެއިން ހައްޔަރު ކުރި މީހާގެ ފޯނަށް ވަގުތުން ފޮނުވާފައިވާކަން ފޮރެންސިކް ތަހުލީލުތަކުން އެގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ޖެހިގެން އައި ދުވަހު ހެނދުނު އިތުރުި ފޮޓޯތައް ފޮނުވުމުން، ރަބަރޭ މަރާލިކަމުގެ ތުހުމަތުގައި ޝްރީލަންކާގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ ބޭންކް އެކައުންޓަށް މާލެއިން ހައްޔަރުކޮށްފައިވާ މީހާ ފައިސާ ޓްރާންސްފާ ކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ ހޯދިފަ އެވެ.

މިމައްސަލާގައި މިހާތަނަށް ޝްރީލަންކާގެ ފުލުހުންވެސް މީގެ ކުރިން ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރުމުގައި ދިވެހި ފުލުހުންގެ ފުރިހަމަ އެހީތެރިކަން ޝްރީލަންކާގެ ފުލުހުންނަށް ދެމުންދާކަމުގައި ރިޔާޒް ވިދާޅުވި އެވެ. އަދި މި މައްސަލާގައި ދެ ގައުމުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާ ބަދަލުކުރުމާއި ދެގައުމުގައި ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތް ކުރިޔަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާ ކުރަމުންދާކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

ރަބަރޭ މަރާލި މައްސަލައިގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ރާއްޖެއިން ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ދުވަސް ކްރްމިނަލް ކޯޓުން ވަނީ ދީފަ އެވެ.