ހުޅުމާލެ

ބްރިޖު އެޅުމުން ޔޫތު ސިޓީގައި 50 މެގަވޯލްޓްގެ ޕަވާހައުސްއެއް އަޅާނަން: ތޯރިގު

ޗައިނާ-މޯލްޑިވްސް ބްރިޖު އަޅައި ނިމުމުން، ހުޅުމާލޭގެ ޔޫތު ސިޓީގައި 50 މެގާ ވޯލްޓުގެ ޕަވާ ހައުސްއެއް ގާއިމް ކުރާނެ ކަމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މާލެއަށް އިތުރަށް ކަރަންޓު ދިނުމަށް އަށް މެގާ ވޯލްޓުގެ ޖެނަރޭޓަރެއް ހޯދުމަށް ބަޔަކާއި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ ހުޅުމާލޭގައި ޔޫތު ސިޓީ ތަރައްގީވާއިރު އެތަނުގައި އެތަށް ހައުސިން ޔުނިޓުތަކުގެ އިތުރުން އިންޓަނޭޝަނަލް ފެރީ ޓާމިނަލްއާ ކްރޫޒްލައިން ޓާމިނަލް އެޅި ގެންދާއިރު އެތަން ޖެނަރޭޓު ކުރުމަށް އިތުރު ކަރަންޓު ބޭނުންވާނެ ކަމަށެވެ. އެގޮތުން ބްރިޖު އަޅައި ނިމޭއިރު ހުޅުމާލޭގައި 50 މެގަ ވޯލްޓުގެ ޕަވާ ހައުސްއެއް ގާއިމް ކުރެވިގެންދާނެ ކަމަށާއި މާލެއާ ހުޅުލޭގެ ބްރިޖުގެ ދަށުން ކޭބަލް އެޅި، އެއް ވިއުގެއިން ހިދުމަތްތައް ގުޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން އިސްނަގައިގެން 50 މެގަ ވޯލްޓުގެ ޕަވާހައުސްއެއް ހުޅުމާލޭގައި ގާއިމް ކުރާނެ. މާލޭގައި އިތުރު ޕަވާ ހައުސްއެއް އިތުރު ކުރެވޭނެ ޖާގައެއް ނެތް. އެހެންކަމުން ހުރިހާ އަމާޒެއް މިއްދު އޮތީ ހުޅުމާލޭގައި އިތުރު ޕަވާ ސިސްޓަމް ހަރުކޮށް ހުޅުމާލެގައި ކަރަންޓު އުފައްދައި ހުޅުމާލެއާ މާލެ އެއް ވިއުގެއަކުން ގުޅާލައިގެން ކުރިޔަށް ގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެއާއި ހުޅުލެ ގުޅާލުމަށް ފަހު ހުޅުމާޅޭގައި އިއާދަކުރެނެވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން ގިނަ އަދަދެއްގެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތައް ވެސް ކުރިޔަށް ދާނެ ކަމަށެވެ.