ދުނިޔެ

އިކުއެޑޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 233 އަށް

އިކުއެޑޯ އަށް މިއަދު 7.4 މެގްނެޓިއުޑްގައި ގެ ބާރުމިނުގައި އައި ބިންހެލުމާއި ގުޅިގެން 233 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ އެވެ. މިހާދިސާ އާއި ގުޅިގެން އިކުއިޑޯގެ ހަ ޕްރޮވިންސަކަށްވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިުއލާނުކޮށްފަ އެވެ.

މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް އެ ގައުމަށް ލިބިފައިވެ އެވެ. އިމާރާތްތައް ވެއްޓި އެތައް ބަޔަކަށް އަނިޔާވެސްވެފައިވެ އެވެ. ބިންހެލުމާއި ގުޅިގެން އެގައުމުގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. ބިންހެލުމާއި ގުޅިގެން އިކުއެޑޯ އާއި އެގައުމުގެ ކައިރި ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު ދިން ނަމަވެސް މިހާރު ވަނީ ސުނާމީގެ އިންޒާރު ކެންސަލް ކޮށްފަ އެވެ.

ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދުތައް ބަންދުކޮށް އެހެން ހިސާބުތަކަށް ވަގުތީ ގޮތުން ބަދަލުވާން އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ އަންގާފަ އެވެ. އެމިނިސްޓްރީ އާއި ހަވާލާދީ ރިޕޯޓުތައް ބުނަނީ އެގޮތަށް އެންގީ އަނެއްކާވެސް އެސަރަހައްދުތަކަށް ބިންހެލުމެއް އައުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ނޫޅޭންޏާ 72 ގަޑިއިރު ފަހުން އަނެއްކާވެސް އެސަރަހައްދުތަކަށް މީހުންނަށް ބަދަލުވެވޭނެ ކަމަށެވެ. އިކުއެޑޯގެ ހުރިހާ މޯބައިލް އޮޕަރޭޓަރަކުން ވަނީ ހިލޭ ޓެކްސްޓް މެސެޖް ފޮނުވޭ ގޮތް ހަދާފަ އެވެ.

ބިން ހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ސިފައިންނާ ފުލުހުން ދަނީ ގެއްލިފައިވާ މީހުން ހޯދާ އެހެން އަވަށްތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

1987 ވަނަ އަހަރުވެސް އިކުއެޑޯއަށް ވަނީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ. އެހާދިސާގައި ހާހެއްހާ މީހުން މަރުވި އެވެ.