މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސް އިން މުސްތަފާއަށް ރައްދު ދީފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް ބަދުނާމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރައްވާފައިވާ ޓުވީޓަށް ކަސްޓަމްސް އިން ރައްދު ދީފި އެވެ.

ކަސްޓަމްސް އިން މުސްތަފާއަށް ރައްދު ދިނީ މިއަދު އެ މުއައްސަސާއިން ނެރުނު ބަޔާނެއް މެދުވެރިކޮށެވެ. އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނާ ގަވާއިދު ތަންފީޒުކުރުމުގައި ކަސްޓަމްސްއިން ހިދުމަތް ފޯރުކޮށްދެނީ ވަކިފަރާތެއް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި އިންސާފާއިއެކުގައި ކަމަށެވެ. އަދި ވަކި ބޭފުޅަކު ބޭނުންފުޅުވާގޮތަށް ކަންތައްތައް ނުވުމުން އެކަމާގުޅިގެން ކަސްޓަމްސް ބަދުނާމުވާ ގޮތަށް ވާހަކަތައް ދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމުގައި ދެކޭ ކަމަށެވެ.

އަދި ގާނޫނާ ގަވާއިދު ނެގެހެއްޓުމުގައި ސާބިތުކަމާއެކު ކަސްޓަމްސް އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

މުސްތަފާ އިއްޔެ ކުރި ޓުވީޓުގައި ބުނެފައިވަނީ ކަސްޓަމްސް ސާވިސް އިން ގާނޫނުތައް އަތްމައްޗަށްލައި އެންމެ ކުރީގެ ހާލަތަށް ވެއްޓި އެއްވެސް ބަލާލުމެއްނެތި މީހުންގެ ހައްގުތަކަށް އަރަން ފަށައިފި ކަމަށެވެ.