މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓަރުން ތަމްރީނު ކުރަން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ބްރޯޑްކާސްޓް ދާއިރާ ކުރިއަރުވައި ތަރައްގާކުރުމުގެ މަގްސަދުގައި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ މަޝްވަރާކުރައްވައިފި އެވެ.

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާ ހައިކޮމިޝަންގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ތަޖުރިބާހުރި ފަންނީ މީހުން އުފެއްދުންކަމަށެވެ. އަދި މި ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނާ ގުޅިގެން، އިންޑިއާ ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިން ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސާލް ހުށަހަޅުއްވާ މައުލޫމާތު ހިއްސާކުރައްވާފައިވެ އެވެ.

މި ޕްރޮޕޯސަލްގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އިންޑިއާގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ކުރިއަށްދާގޮތް ދެނެގަނެ، މި ދާއިރާއިން ގުޅުންތައް ގާއިމްކުރުމަށްޓަކައި ކޮމިޝަނުން އިންޑިއާއަށް ތަޖުރިބާގެ ދަތުރެއް ކުރުމަށް ހިމަނާފައިވެއެވެ. މި ބައްދަލުވުމުގައި ކޮމިޝަންގެ އާ ދައުރުން ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްގީއަށް ކުރަން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން އަދި ބްރޯޑްކާސްޓް ދާއިރާއަށް ހުރި ގޮންޖެހުންތަކާ ބެހޭ މައުލޫމާތުވެސް ސަފީރަށް އެރުވި އެވެ.

މިބައްދަލުވުމުގައި މިޝްރާ ވިދާޅުވީ ރާއްޖެ ދަނީ ތަރައްޤީގެ މަގުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން ކަމަށެވެ. އަދި ރާއްޖެއަކީ އުފެއްދުންތެރި ހީވާގި ރައްޔިތެއް އުޅޭ ގައުމެއް ކަމަށާއި، ތަރައްގީގެ އެކި މަސައްކަތްތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދޭން ބޭނުންވާކަމަށެވެ. އަދި ކޮމިޝަނުން އެދިފައިވާގޮތަށް ބްރޯޑްކާސްޓް ދާއިރާގެ ތަރައްގީއަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.