އިލެކްޝަންސް ކޮމިޝަން

ޑިމޮކްރަސީ އާއި އިންތިހާބަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ޑިމޮކްރަސީ އާއި އިންތިހާބާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް އިލެކްޝަން ކޮމިޝަނުން ހިންގާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް ލ. އަތޮޅުގައި ފަށައިފި އެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ އަތޮޅު ހަތަރު ރަށެއްގަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި ޕްރޮގްރާމް ކުރިއަށް ދާނީ ލ. ގަން، އިސްދޫ، ފޮނަދޫ އަދި މާވަށުގައި ކަމަށާއި އެގޮތުން ހަތަރު ރަށް ހިމެނޭ ގޮތަށް ދެ ޓީމަކަށް ބަހާލައިގެން ކޮންމެ ޓީމެއްގައި ތިން ފަރާތް ހިމެނޭ ގޮތަށް ކޮންމެ ރަށެއްގައި 40 ބައިވެރިންގެ ބެޗަކަށް ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމް އެކުލަވާލައިފައިވަނީ ޖުމްލަ ހަތަރު މޮޑިއުލްގެ މައްޗަށެވެ. އެ ހަތަރު މޮޑިއުލަކީ ޑިމޮކްރަސީ ޒިންމާ ނެގުމާއި ޖަވާބުދާރީވުން، އިންތިހާބުތަކާ އިންތިހާބުތައް ކުރިއަށްދާ ގޮތް، ސިޓިޒެންޝިޕް އަދި ބައިވެރިވުމެވެ.

އެ ކޮމިޝަނުން ބުނީ، މި ސިވިކް އެޑިއުކޭޝަން ދަތުރުގައި އިސް ބޭފުޅެއްގެ ގޮތުން ޓީމުގައި ވަޑައިގެންނެވީ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ކަމަށެވެ. މީގެއިތުރުން ކޮމިޝަން މެންބަރު އަހުމަދު އަކްރަމާއި ހަތަރު ޓްރެއިނަރުންގެ ގޮތުގައި ކޮމިޥަންގެ ހަތަރު މުވައްޒަފުން މި ދަތުގައި ބައިވެރިވާ ކަމަށެވެ.

ޑިމޮކްރަސީ އާއި އިންތިހާބުތަކާ ގުޅޭގޮތުން އާންމު ރައްޔިތުންނާއި ސްކޫލްތަކުގެ މަތީ އުމުރުފުރާތަކުގެ ދަރިވަރުން އަދި މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރި ކުރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދެއް ކަމަށާއި އެގޮތުން ކުރިއަށް އޮތް އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިމޮކްރަސީ އާއި އިންތިހާބުތަކާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން މިހާތަނަށް އަށް އަތޮޅެއްގައި ވަނީ މި ޕްރޮގްރާމް ހިންގާފަ އެވެ.