ރިޕޯޓް

އެކްސްޕްލެއިނާ: އެއް އަހަރު، ކޮންމެ ދުވަހަކަށް އަލިފާނުގެ ހާދިސާއެއް!

  • 350 އަށްވުރެ ގިނަ ހާދިސާގައި 20 މީހުނަށް އަނިޔާ
  • އަލިފާން ނިންވަން ބޮޑެތި ގޮންޖެހުންތައް އެބަހުރި
  • ޒަމާނީ ވަސީލަތް ހޯދުން އަވަސް ކުރަން މަޖުބޫރުވެފައި

މާޒިއަށް ބަލާއިރު ވެސް އަދި ފާއިތުވެދިޔަ މަދު އަހަރުތަކަށް ބަލާއިރު ވެސް ރާއްޖޭގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގައި މާލީ އަދި މާއްދީ ބޮޑެތި ގެއްލުން ލިބިފައި ވެއެވެ. ބައެއް މީހުންގެ ފުރާނަ ގެއްލިފައި ވެއެވެ. ބައެއް މީހުން ނުކުޅެދުމުގެ ހާލަތަށް ވެސް ގޮސްފައި ވެއެވެ. އިހުމާލުވެވި ކޮންމެވެސް ސަބަބަކާހުރެ އުފެދ ކުޑަކުޑަ އަލިފާން ކަންޏަކުން ބޮޑެތި ބިޔަ އިމާރާތް އަނދާ ހުލިވެ އަޅިއަށް ވެގެން ހިނގައްޖެ އެވެ. މިލިއަނުން މިލިއަނުން އިންވެސްޓްކޮށްފައި ހުރި ގިނަ ބައެއްގެ ބުރަ މަސައްކަތްވެސް ބޮޑެތި ހާދިސާތަކުގެ މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެއްޔަށް ވެގެންދާ ކޮންމެ ފަހަރަކީ އަލިފާނުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ވާހަކަ ދެކެވޭ ދުވަސްވަރަކަށްވުން ފިޔަވައި އަލިފާނުން ރައްކާތެރިވުމަށް އެކަށީގެންވާ ގޮތުގައި ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ނޫނީ އެއްވެސް މަސައްކަތެއް ކުރެވޭ ހެއްޔެވެ؟

އަލިފާން ހިފާ ބާވަތުގެ އެއްޗެއްސާއި ސަމާނުގެ ވިޔަފާރިކުރާ ތަންތަނާއި އުފުލާ އުޅަނދު ފަހަރާއި އާންމު ގެދޮރާއި ތަންތަން އެންމެ އަލިފާން ކަންކަންޏަކުން އަޅިއަށްވެގެންދާއިރު މިފަދަ ބޮޑެތި ހާދިސާތައް ދިމާވެދާނެ ކަމަށް ވިސްނައި ރައްކާތެރިވަނީ އަދި ވެވިފައި ވަނީ ނޫނީ ހޭލެވިފައި ވަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ކޮންމެ އަލިފާނުގެ ހާދިސާއަކާއެކު އަލިފާން ނިވުމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަލިފާން ރޯވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅު ދުރާލައި އަޅައިގެން ތިބޭނީ ކޮން އިރަކުން ހެއްޔެެވެ؟ އޭރަށް މިވާހަކަށް ނިމުން އަންނާނެ އެވެ.

ބައެއް ފަހަރު އަލިފާނޭ ބުނާ އިރަށް ލިލީ ގުދަނުގައި ރޯވުން ނޫނީ ދާދި ފަހުން ރޯވި ކޯސްޓްލައިން ހާޑްވެއާ ހަނދާނަށް އަންނަ ގޮތަށް މާލެއާއި އަތޮޅުތަކުގައި ހިނގައިދިޔަ ބޮޑެތި އަލިފާނުގެ ހާދިސާތައް ގިނަ މީހުންގެ ހަނދާނުގައި ފިލައި ނުގޮސް އަދިވެސް ހުންނާނެ އެވެ. އެއީ މިލިއަނުން ގެއްލުންވީ ބޮޑެތި ހާދިސާތަކެވެ. ރާއްޖޭގައި ހިނގާފައި ވަނީ އަލިފާނުގެ ބޮޑެތި ދެތިން ހާދިސާއެއް ނޫނެވެ.

ސިފައިންގެ ތަފާސް ހިސާބުތަކަށް ބަލައިއިރު ވޭތުވެދިޔަ އަހަރު ތެރޭގައި 350 އަށްވުރެ ގިނަ އަލިފާނުގެ ހާދިސާ ހިނގާފައި ވެއެވެ. އޭގެ ތެރެއިން އަލިފާނުގެ ހޫނުގެ ސަބަބުންނާއި، ސަލާމަތްވާން އުޅުމުގެ ތެރޭގަ އާއި އެނޫން ގޮތްގޮތަށްވެސް 29 މީހަކަށް އަނިޔާތައް ލިބިފައި ވެއެވެ.

އަހަރެއްގެތެރޭގައި 356 ދުވަސް އޮންނަ އިރު އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް ކޮންމެ ދުވަހަކަށް ހާދިސާއެއް ވާވަރަށް 350 އަށްވުރެ ގިނަ އަލިފާނުގެ ހާދިސާ ހިނގުމަކީ މައްސަލައެކެވެ. އެ ހާދިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތް ކުރުމުގައި ފަޔާ އެންޑް ރެސްކިއު އިން 100 ޕަސަންޓު ކާމިޔާބެއް ހޯދި ނަމަވެސް މިއީ އަޅައި ނުލައި ތިބެވޭވަރު ކަމެއް ނޫނެވެ.

ކޯސްޓްލައިންގައި ރޯވުމުން އަމަލު ކުރެވުނީ ރަނގަޅަށްތަ؟

މިފަދަ ހާދިސާއެއް ދިމާވާ އިރު ފަޔާ އެންޑް ރެސްކިއޫ އިން އެކަށީގެންވާ ވަރަށް ތައްޔާރުވެ ތިބެން ޖެހޭ އިރު، ސިފައިންނަށް އާމުންވެސް ބަރޯސާވެ އިތުބާރު ކުރަން ޖެހެ އެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ކަމަށްވާ، ކޯސްޓްލައިންގައި ހާދިސާގައި ސިފައިން އަމަލު ކުރި ގޮތާމެދު ގިނަ ބަޔަކު ޝަކުވާކޮށް އެއަށް ފާޑު ކިޔެވެ. ސުވާލުތައް ވެސް އުފެއްދި އެވެ.

ބައެއް މީހުން ބުނި ގޮތުގައި ސިފައިން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. އަނެއް ބަޔަކު ބުނީ ކޯސްޓްލައިން ހާޑްވެއާގައި ރޯވުމުން ސިފައިންނަށް ކަމެއް ނުކުރެވުމުން ތަން އަނދައި ހުލިވާން ދޫކޮށްލީއޭ އެވެ. މިއީ ހަގީގަތް ހެއްޔެވެ؟

ސިފައިންގެ ފަޔާ އެންޑް އެސްކިއު ޑިޕާޓްމަންޓްގެ ކާނަލް އަބްދުﷲ ޒުހުރީ "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އަލިފާން ނިއްވާއިރު ސިފައިން މައިގަނޑު ތިން ކަމަކަށް މަސައްކަތް ކުރާނެ އެވެ. އެއީ ފުރާނަ ސަލާމަތް ކުރުމާއި އަލިފާން އިތުރަށް ފެތުރިގެން ނުދިޔުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމާއި އެންމެ ފަހު ކަމަކަށް ރޯވެފައިވާ އިމާރާތް ސަލާމަތް ކުރުމެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ކޯސްޓްލައިންގައި ރޯވި ދުވަހު ސިފައިން އަމަލު ކުރީ އެގޮތަށެވެ. އާމުން ދިރިއުޅޭ އިމާރާތްތަކުގައި ރޯވެ ނުދިނުމަށް އިސްކަމެއް ދިނެވެ. އެއީ އަލިފާން ނިވުމުގައި އިސްކަން ދޭ ބޭސިޕް ޕްރިންސިޕަލެވެ.

"އަޅުގަނޑުމެން [އެތަނަށް] ދިޔަރުވެސް ކޯސްޓްލައިންގައި ހުރީ އަލިފާން ރޯވެފައި. އެތާނގައިނެތް އިތުރަށް ސަލާމަތް ކުރެވޭނެ އެއްޗެއް. އެތަން ނިއްވަން ހުރިހާ މަސައްކަތެއް ކުރާނަމަ އެތަން ނިވޭ އިރު ދެން ހުރި ތަންތަން ހުންނާނީ ރޯވެފައި. އޭރަށް އަލިފާން ކޮންޓްރޯލް އެއް ނުވާނެ. ދެން އެދުވަހު ދިމާވި އެންމެ ބޮޑެ އެއް ޗެލެންޖަކީ ފުދޭވަރަކަށް ވައި ވެސް ގަދަ ދުވަހަކަށް ވުމުން ވަށައިގެން އެހެން ދިމަ ދިމާއަށް އަލިފާންގަނޑު ފެތުރުން. ކޯސްޓްލައިން އޮތީ އަނދައި ހުލިވެފައި. އެހެންވެ އެތަނަށް ފެން ޖަހައި ނިއްވުމަށްވުރެ، އަލިފާން ފެތުރެމުންދާ ތަންތަނުން ނިއްވުން މުހިންމު ކަމަށް ދެކުނީ، އެދުވަހު އަޅުގަނޑުމެން ކުރި މަސައްކަތުން ވަށައިގެން ހުރި އެތައް ގެއެއް ސަލާމަތް ކުރެވުނު،" އަބްދުﷲ ވިދާޅުވި އެވެ.

އަލިފާން ނިއްވަން ހުރި ގޮންޖެހުންތައް

ކޯސްޓްލައިންގައި ރޯވި ދުވަހު ސިފައިން ކުރިމަތިލާން ޖެހުނު ގިނަ ދަތިތައް ކޯސްޓް ލައިންގެ ބިޔަ އަލިފާނގަނޑުހާ ހާމަކޮށް އެންމެގެ ލޯމައްޗައް ފެނި ހާމަވި އެވެ. ތޮއްޖެހިފައި އޮތް މާލެ ތެރޭގައި ބޮޑެތި ބިޔަ އުޅަނދުތައް ދުއްވުމުގައި ސިފައިން އުޅުން ދަތި ގޮތް އެންމެނަށް ފެނުނު އިރު މީޑިއާގައި ކަވަރު ކުރި އެވެ. އަލިފާން ނިއްވުމުގައި އެކަށީގެންވާ ސްޕީޑެއްގައި ސިފައިންގެ ހަރަކާތްތެރި ވާން އުނދަގޫވީ އެތައް ސަބަބުތަކެއް ހުއްޓެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި އަލިފާން ނިއްވުމަށް ބޭނުންވާ ވަސީލަތްތައް ކޮންމެ ސަރުކާރަކުން ދިން ނަމަވެސް އަލިފާން ނިއްވުމުގައި ބޮޑެތި ޖޮންޖެހުންތަކެއް އަދިވެސް އެބަހުއްޓެވެ. އެގޮތުން ބޮޑު އެއް މައްސަލައަކީ އަލިފާން ނިއްވުމަށް ބޭނުންވާ ޕްރެޝަރުގައި ފެން ނުލިބުމާއި ތޮއް ޖެހުމުގެ ސަބަބުން ފަޔާ ވެހިކަލްތައް މަގުމަތީ ދަތުރު ކުރަން ދިމާވާ އުނދަގޫތަކެވެ.

"އަލިފާން ނިއްވަން ބޭނުންވަނީ ހަތް ބާގްގެ ޕްރެޝާ. ނަމަވެސް މާލޭގައި ޕްރެޝާ މި ހުންނަނީ އާމުކޮށް ގޭގެޔަށް ބޭނުންވާ ވަރަށް ދެ ބާގްގައި. އެހެންވެ މި ޕްރެޝާ ނުލިބެންޏާ އަލިފާން ނިއްވަން ވަރަށް އުނދަގޫވާނެ. ދެން ހަދަން މިޖެހެނީ މޫދުން ފެންނެގުން. އެއަށްވެސް ގިނަ ވަގުތުތަކެއް ނަގަނީ މަގުތައް ތޮއްޖެހިފައި ހުރުމުން،" އަބްދުﷲ ވިދާޅުވި އެވެ. "ދެން އޮތް ގޮންޖެހުމަކީ ތޮއްޖެހުން. އަޅުގަނޑުމެންގެ ފަޔާ ލޮރީތައް ގެނެސްފައި ހުރިތާ ވިއްސަކަށް އަހަރު މިވަނީ. އޭރު މާލޭގެ މަގުތަކަށް އެ ފިޓުވޭ. އެކަމަކު މިހާރު މާލޭ މަގުތައް މިހުރީ ކުޑަވެފައި ދެފަރާތުގައި ޕާކު ކުރުމުގެ ސަބަބުން. އެހެންވެ މި ލޮރީތަކަށް ދެވޭނެ ޖާގައެއް ނޯވެ،" އޭނާ ވިދާޅުވި އެވެ.

ކޯސްޓްލައިންގައި ރޯވި ދުވަހު ފެނުނީ މިފަދަ މަންޒަރުތަކެކެވެ. އެހެން ކަމުން އެކަންތައް ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރަން މިހާރުވެސް ލަސްވެޖެ އެވެ. އެހެން ނަމަވެސް އެ ބިރު ހިތުން ކުޑަކޮށް ފިލީ ބަޖެޓުގައި އަލިފާން ނިއްވުމަށް އިސްކަމެއް ކަމެއްދީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދެއްވުމުންނެވެ. މީގެ އިތުރުން ވެސް އަލިފާން ނިއްވުމަށް ޕްރެޝަރުގައި ފެން ހޯދުމަށް އެމްޑަބްލިއުއެސްއީއާއެކު ވާހަކަ ދައްކައި މުޅި މާލޭގައި ހައިޑްރަންޓް ސިސްޓަމެއް އެޅަން ނިންމުމުންނެވެ.

އަލިފާން ނިއްވުމާއި ބެހޭ ގާނޫނެއް ވަނީ ޑްރާފްޓުކޮށްފަ އެވެ. އެ ގާނޫނު ވުޖޫދަށް ގެނައުމަށް މަސައްކަތް ދަނީ ކުރަމުންނެވެ.

ރޯވުމުގެ ކުރިން އަމިއްލަ ޒިންމާ އަދާކުރޭ!

ކަމެއް ދިމާވާނީ ބުނެފައެއް ނޫނެވެ. އެކަމަކު ރައްކާވެ ތިބިއްޔާ ދަތުރެވެ! ހީވެސް ނުކުރާވަރުގެ ކުޑަ ކަމަކުން އެތައް ބައެއްގެ ފުރާނަވެސް މަދު މިނެޓްކޮޅެއްގެ ތެރޭގައި އުދިހިގެން ހިނގައިދާނެ އެވެ. ހަގީގަތުގައި އަލިފާނުގެ ގިނަ އަލިފާނުގެ ހާދިސާތަކެއް ހިނގަނީ ފަރުވާ ކުޑަވުމުގެ ސަބަބުންނެވެ.

މިސާލަކަށް މާލޭގެ ބައެއް ގެތައް އުސްކޮށް ހަދާފައި ހުންނަ އިރު ޖެހިގެން ތިރިޔަށް ގޭގެ މައްޗައް ކުނި އެޅުމަކީ ދިމާވެފައިވާ އާމު މައްސަލައެވެ. އެހެން އޮންނަ އިރު މީހަކު ސިނގިރޭޓު ބުއިމަށް ފަހު ނިއްވާ ނުލައި ވިސްނުމަކާ ވެސް ނުލައި މަތީ އިމާރާތުގައި ހުރެ އެއްލާލާނީ ތިރީ ހުރި ގޭގެ ފުރާޅަށެވެ. އެހާ ހިސާބުން ކުނިތަކުގައި ރޯވެ ގެ އަނދައިގަންނާނެ އެވެ. ބައެއްގެ ފުރާނައާ މުދަލަށް ގެއްލުން އެ ދެވެނީ ތިމާ އިހުމާލުވީ ވަރަށް ކުޑަ ކަމެއްގެ ސަބަބުންނެވެ. ސިފައިންގެ ހިސާބުތަކުން ދައްކާ ގޮތުން އެފަދަ ގޮތް ގޮތަށް ވަރަށް ގިނަ އަދަދެއްގެ ހާދިސާ މިހާތަނަށް ވަނީ ހިނގާފަ އެވެ.

މިފަދަ ކުދި ކަންތަކުން ވެސް ބޮޑެތި ގެއްލުން އެކަށީގެންވެއެވެ. އެހެންވެ ފުރަތަމަ އަމިއްލަ ފަރުދީ ޒިންމާ އަދާކުރަން މުހިންމެވެ. ސިނގިރޭޓް ބޯ މީހުންވެސް އަލިފާންކޮޅު ނިއްވާލައިފަ ޑަސްބިނަށް ލުން މުހިންމެވެ. އެހެންވެ މިފަދަ ކަންކަމަށް ހޭޅުން ތެރި ކުރުވުމުގެ ގޮތުން ފަޔާ އެންޑް ރެސްކިއު އިންވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ތަފާސް ހިސާބުތަކުން ދައްކައި ގޮތުން ވޭތުވެދިޔަ އަހަރު ތެރޭގައި 61 ޕްރޮގްރާމެއް ހިނގައި އޭގެން 4210 މީހަކަށް އަލިފާނުން ރައްކާތެރިވުމާއިބެހޭ މައުލޫމާތު ދަސްކޮށްދީފަވެއެވެ. އަދި 12 ގެސްޓް ހައުސްއަކާއި 61 ރިސޯޓެއް 84 ފަހަރު ފަޔާ އިންސްޕެކްޓު ކުރި އެވެ. އޭގެ އިތުރުން އިމާރާތްތަކުގައި ގާއިމްކޮށްފައިވާ އަލިފާން ނިއްވުމުގެ ވަސީލަތްތޯ 82 ތަނެއް 121 ފަހަރު ޗެކް ކޮށްފައިވެއެވެ. ހަތް ފަރާތެއްގެ އަށް ތެޔޮބައުޒަރެއް ޗެކު ކުރެވިފައިވާ އިރު ކެމިކަލް ރައްކާ ކުރާ 37 ތަނެއް 38 ފަހަރު މަތިން ޗެކުކޮށްފައިވެއެވެ. އަދި 40 އިވެންޓެއްގައި ފަޔާ ސެކިއުރިޓީ ދީފަވެއެވެ.

ފަޔާ އެންޑ ރެސްކިއު އިން ކުރާ މަސައްކަތަކުގެ އިތުރުން ވެސް އާމުންނަށް ކުރެވޭނެ ގިނަ މަސައްކަތްތަކެއް ހުންނާނެއެވެ. އާއިލާއާއެކު ދިރި އުޅޭ ތަން ސަލާމަތް ކުރަން ކުޑަ މިންވަރެއް ހަރަދުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ގެއްލިގެން ދިޔުމުން ސަލާމަތް ކުރެވިދާނެ އެވެ. އެގޮތުން ގޭތެރޭގެ ރައްކާތެރި ކަމަށް ބޭނުން ކުރެވިދާނެ ބައެއް ތަކެއްޗަކީ:

ސްމޯކް އެލާމް: ސްމޯކް އެލާމަކީ އަލިފާނުގެ ހާދިސާއެއް ހިނގައި ދުން އެރުމުން މުޅި ގެޔަށް އެލާމެއް އަޅާގޮތަށް ހަދާފައިވާ އެއްޗެކެވެ. އޭގެ ސަބަބުން ދަންވަރު ގަޑީ މީހުން ނިދާފަ ތިއްބާވެސް ހާދިސާއެއް ހިނގައިފި ނަމަވެސް މީހުން ސަމާލު ކަމަށް ގެނައުމަށް އެހީވާނެ އެވެ.

ފަޔާ ބްލެންކެޓް: އެއީ އަލިފާނުގެ ހާދިސާއެއް ހިނގައި ވަގުތެއްގައި ނިވުމުގެ ގޮތުން އަލިފާންގަނޑު މަތީ އަޅައި ހާއްސަ ފޮތި ގަނޑެކެވެ. މިފަދަ ހާދިސާއެއްގައި މީހެއްގައިގަ ރޯވުމުންވެސް ފަޔާ ބްލެންކެޓު އަޅައި ނިއްވުމަށް ފަސޭހަ ވާނެ އެވެ.

ފަޔާ އެކްސްޓިންގުއިޝާ: ކާބޮންޑައި އޮކްސައިޑާއި ފެން އަޅައިފައި ހުންނަ އަލިފާން ނިއްވާ ފުޅިއެކެވެ. އަލިފާން ރޯވާ ހާލަތެއްގައި އަލިފާންގަނޑު ބޮޑުވުމުގެ ކުރިން އަލިފާނުގެ ބުޑަށް މި ފުޅިން ފެން ޖަހައި އަލިފާން ނިއްވާލެވޭނެ އެވެ.

މިފަދަ ކުދި އެއްޗެއްސައް ހަރަދުކޮށް ގަނެފައި ހުރުމުން އެތައް ހާސް ރުފިޔައެއް ސަލާމަތްވުން އެކަށީގެންވެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މިފަދަ ސާމާނު ބޭނުންކޮށްގެން ރާއްޖޭގައި ވެސް އެތައް ހާދިސާއެއް ހުޅުގަނޑު ބޮޑުވުމުގެ ކުރިން ހުއްޓުވާފައިވެއެވެ. މީގެ އިތުރުން ވެސް ބޮޑެތި އަލިފާންގަނޑު ނިއްވުމުގައި ސިފައިންނަށް އާމުން އެހީވެދޭ މިންވަރަކީ ވެސް މުހިންމު ފިޔަަވަޅެކެވެ.