ވިޔަފާރި

ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް: ޖުމެއިރާ ދެވަނަފުށީގެ ޖީއެމް

Apr 23, 2016
1

ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށް ޖުމެއިރާ ދެވަނަފުށީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓްޕެތިކް ވިދާޅުވެއްޖެ އެވެ.

"ބްރޭކިން ޓްރެވަލް ނިއުސް" އަށް ދެއްވި އިންޓަވުއެއްގައި ޑޭވިޑް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާމެދު އުފާކުރާ ކަމަށާއި، ރާއްޖޭގެ ޕްރޮމޯޓް ކުރުމުގައި ޓޫރިޒަމް މިނިސްޓްރީން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ.

"މި މަސައްކަތުގެ ނަތީޖާ ފެންނަމުންދޭ. ޓޫރިޒަމް ރަނގަޅު ވަމުންދާތަން ފެނޭ،" ޑޭވިޑް ވިދާޅުވި އެވެ.

ޖުމެއިރާ ކުންފުނިން ރާއްޖޭގައި ހިންގާ ދެވަނަފުށީގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް ދާދިފަހުން ހަވާލުވެވަޑައިގަތް ޑޭވިޑް ވިދާޅުވީ ޗައިނީޒް މާކެޓު ރާއްޖެއަށް ވަރަށް މުހިންމު ކަމަށާއި، ޗައިނާ އިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުން މުހިންމުކަން ބޮޑު ކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާ މާކެޓު މިވަގުތު ދަށަށް ގޮސްފައިވީނަމަވެސް މެދުއިރު މައްޗާއި ރަޝިޔާ އަދި ޖަރުމަނުގެ މާކެޓު ރަނގަޅުވަމުން ދިއުމަކީ އުފަލެއް ކަމަށެވެ.

ފޯސީޒަން ރިސޯޓުގެ ފުޑް އެންޑް ބެވަރޭޖް ޑިރެކްޓަރުގެ މާގާމު ވެސް ފުރައްވާފައިވާ ޑޭވިޑް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ނުކުރާ ކަމަށެވެ.

"އަހަރެންނަށް ގަބޫލެއް ނުކުރެވޭ ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރާކަމަށް،" ޑޭވިޑް ވިދާޅުވި އެވެ.