ތިމާވެށި

ރާއްޖެއިން ޕެރިސް އެގްރިމެންޓް ތަސްދީގުކޮށްފި

Apr 22, 2016

ޕެރިސް އެގްރިމެންޓް އޮން ކްލައިމެޓް ޗޭންޖް ގައި ރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށް ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.
އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުއާހަދާ (ޔޫއެންއެފްސީސީސީ) އާއި ކިޔޯޓޯ ޕްރޮޓޮކޯލް އެންމެ ފުރަތަމަ ސޮއިކޮށް ތަސްދީޤްކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ނިއުޔޯކުގައި ހުންނަ އދ. ގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެގްރިމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހީމް އެވެ.

އެގްރިމެންޓްގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު މިއަދު ވިދާޅުވީ މި އެގްރިމެންޓްގައި ސޮއިކުރަން ރާއްޖެއިން ވަރަށް ބޮޑަށް ދުނިޔޭގެ އެހެން ގައުމުތަކަށް ގޮވާލާފައިވާ ކަމަށާއި މި އެގްރިމެންޓްގައި ގިނަ ގައުމުތަކުން ސޮއިކޮށްފައިވުމަކީ ރާއްޖެ ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ. އެއޯސިސްގެ ރިޔާސަތު ބަލަހައްޓާ ގައުމުހެ ހައިސިއްޔަތުން ރާއްޖެއިން ގޮވާލިގޮވާލުމަށް ގިނަ ގައުމުތަކުން އިޖާބަދީފައިވާތީ އުފާފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ އެގްރިމެންޓްގައި 150 އަށް ވުރެގިނަ ގައުމުން ވަނީ ސޮއިކޮށްފަ އެވެ. އަދި 11 ގައުމުން އެ އެގްރިމެންޓް ވަނީ ތަސްދީގުކޮށްފަ އެވެ.

ޕެރިސް އެގްރިމެންޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕެރިހުގައި އެކުލަވާލި އެގްރިމެންޓެކެވެ. މި އެގްރިމެންޓް އެކުލަވާލުމުގައި އެއޯސިސްގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ރާއްޖެއިން ވަނީ ވަރަށް އިސް ދައުރެއް އަދާކޮށްފައެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަކާލާތުކޮށް ކޮޕް 21 އަކީ ކާމިޔާބު ކޮންފަރެންސަކަށް ހެދުމުގައި ރާއްޖެއިން ވަނީ އިސްދައުރެއް އަދާކޮށްފައެވެ.

މި އެއްބަސްވުން ޢަމަލީ ސިފައަކަށް އައުމަށް، މަދުވެގެން 55 ގައުމަކުން ބައިވެރިވުމާއެކު، ދުނިޔެއިން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ 55 ޕަސެންޓް ހިއްސާކުރާ މިންވަރަށް މި އެއްބަސްވުމުގައި ބައިވެރިން ހިމެނެން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެހެން ގައުމުތަކުން އެގްރިމެންޓްގައި ސޮއިކުރުން އަވަސް ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން މި އެގްރިމެންޓަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި ބޮޑެތި ގައުމުތަކުން ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.