ޕީޕީއެމް

ކޮނޑޭ އާއިލާއާގުޅޭ ހަބަރަކީ ނަފުރަތު އުފައްދަން ފެތުރި ހަބަރެއް: ޕީޕީއެމް

އައިއެސްއާ ގުޅެން ސީރިއާއަށް ދިޔަ ކަމަށް ބުނާ ގއ. ކޮނޑޭގެ އާއިލާގެ މާއުލޫމާތު އޮޅޭ ގޮތަށް ހާމަކޮށް އެ ހަބަރު ފަތުރާފައިވަނީ ރާއްޖެއާ މެދު ނަފުރަތާއި ބިރުވެރިކަން އުފެއްދުމަށް ކަމަށް ވެރިކަންކުރާ ޕީޕީއެމްއެމްއިން ބުނެފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮނޑޭ އާއިލާއާބެހޭ ގޮތުން މައުލޫމާތު އޮޅޭ ގޮތަށް އިންޑިއާގެ "މުމްބާއި މީރާ" އިން ފަތުރާފައިވާ ހަބަރާ މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެ ހަބަރަކީ ރާއްޖެއަށާއި ސުލްހައަށް ލޯބިކުރާ ރައްޔިތުންނަށް ދެވުނު ހަމަލާއެއް ކަމަށް ސިފަކުރާ ކަމަށެވެ.

ޕީޕީއެމް ބުނީ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަކެއް އަޅުވާފައިވާ ކަމަށެވެ. އެއީ އެ ދެ ބޭފުޅުންގެ އަގު ވައްޓާލުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ބަޔާނުގައި ބުނީ، ރައީސް މައުމޫނާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތަކެއް ހަބަރުގައިވާއިރު އެމަނިކުފާނަކީ ހައްދުފަހަނައަޅާ ދިޔުމަށް ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދައުރުގައި އެކަމަށް ބާރުދޭ އެއްވެސް ކަމެއް ކުރައްވާފައިނުވާ ކަމަށެވެ. ރައީސް މައުމޫނަކީ ބައިނަލްއަގްވާމީ ފެންވަރުގެ އިލްމްވެރިއެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރައީސް މައުމޫން ފަދައިން ރައީސް ޔާމީނަކީ ވެސް ހައްދުފަހަނައަޅާ ދިޔުމުގެ ފިކުރާ މުޅިން ހިލާފު ބޭފުޅެއް ކަމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ސަރަހައްދަށް ޓެރަރިޒަމްގެ ބިރު ފެތުރިދާނެތީ، އިންޑިއާގެ ކަމާބެހޭ މުއައްސަސާތަކާ ވަރަށް ގާތުން ރައީސް ޔާމީން މަސައްކަތްކުރައްވާ ކަމަށެވެ.