މީރާ

ޓެކްހާބެހޭ ޖިނާއީ މައުލޫމާތު ބޭރާ ހިއްސާކުރަން މީރާއާ ހަވާލުކޮށްފި

ޓެކްހާބެހޭ ޖިނާއީ މައުލޫމާތު ބޭރު ގައުމުތަކަށް ހިއްސާކުރަން މޯލްޑިވްސް އިންލެޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ހަވާލުކޮށްފި އެވެ. މިކަން މީރާއާ ހަވާލުކުރީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

މީރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ސޮއިކުރެއްވީ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމެވެ.

އެމްއޯޔޫގައި ސޮއި ކުރެއްވުމަށްފަހު، ޕީޖީ ވިދާޅުވީ މި އެއްބަސްވުމުގެ މަގުސަދަކީ ޓެކުހާއި ނުވަތަ އެ ނޫން ވެސް މީރާއިން ފޯރުކޮށްދޭ ކަމަކާ ގުޅޭ މައުލޫމާތެއް ބޭރުގެ ގައުމަކުން ހޯދަން ބޭނުންވާނަމަ އެ މައުލޫމާތެއް ހޯދުމަށް ސީދާ މީރާއަށް ހުށަހެޅުމަށް ފުރުސަތު ދިނުން ކަމަށެވެ. އަދި އެ މައުލޫމާތުތައް މީރާއިން ހިއްސާކުރަމުން ދާނީ ޕީޖީގެ ލަފަޔާއެކުގައި ކަމަށެވެ.

"މިއަދާ ހަމައަށް މިފަދަ އެއްބަސްވުމެއް ނެތީމަ އެޅިފައިވާ ހުރަސްތަކަށް މިއަދު މިވެވުނު އެއްބަސްވުމުގެ ސަބަބުން ހައްލު ލިބިގެންދާނެ،" ޕީޖީ ވިދާޅުވި އެވެ.

ޔަޒީދު ވިދާޅުވީ، އެފަދަ މައުލޫމާތުތައް ހާމަކުރުމުގެ ފުރުސަތު މީރާއަށް ނޯންނާތީ ދަތިތައް ކުރިމަތިވާ ކަމަށާއި ބައެއް ތަހުގީގުތައް ވެސް ދިގުލައިގެންދާ ކަމަށެވެ. ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ޓެކްސްއާ ގުޅުންހުރި ހުރިހާ މައުލޫމާތެއް ބޭންކްތަކާ ހުރިހާ ވެސް މުއައްސަސާތަކެއް މެދުވެރިކޮށް ދުނިޔޭގެ ހުރިހާ ގައުމެއްގެ ޓެކްސް އިދާރާތަކާ ގުޅިފައިވާ ޓެކްނޮލޮޖީގެ ނިޒާމެއް އުފެދިގެންދާނެ،" ޔަޒީދު ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން، ޕީޖީގެ މަސްއޫލިއްޔަތުތައް ޕީޖީ ދާއިރާގެ ކަމާބެހޭ މުއައްސަސާތަކާ ހަވާލުކުރެވިދާނެ އެވެ. މިއީ ޕީޖީގެ ގާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން ތަހުގީގީ މުއައްސަސާއަކަށް ޕީޖީގެ މަސްއޫލިއްޔަތު ހަވާލުކުރާ ފުރަތަމަ ފަހަރެވެ.