ރިޕޯޓް

އިބްތިހާލްގެ މަންމައާމެދު ކަންތައްވާނީ ކިހިނެއް؟

ވ. ރަކީދޫގައި އަނިޔާކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން އެންމެ ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުގެ ހަބަރު އައުމާ އެކު ހީވީ ބާރުގަދަ އެއްޗެއް ގޮވި ހެންނެވެ. ހުރިހާ މީޑިއާތަކުގައި މުޅި އެދުވަހު އޮތީ އިބްތިހާލްގެ މަރުގެ ވާހަކަ އެވެ. ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ އެއްވެސް ކުށެއް ނެތް އިބްތިހާލަށް އެފަދަ އަނިޔާއެއް ދިން މީހަކާ މެދު އޮތް ނަފްރަތާއި ރުޅިވެރިކަމެވެ. އޭގެފަހުން އެންމެންހެން ގޮވަމުން ދިޔައީ އެއްކަމަކަށެވެ. އިބްތިހާލަށް އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވޭ އޭނާގެ މަންމައަށް ބޮޑު އަދަބެއް ދިނުމަށެވެ. އޭނާއަށް މަރުގެ އަދަބު ދޭން ވެސް ބައެއް ފަރާތްތަކުން ގޮވާލަމުން ދިޔަ އެވެ.

ކުށެއް ނެތް ތުއްތު ކުއްޖަކަށް އަނިޔާކޮށް މަރާލުމަކީ އެއްވެސް ހަމައަކުން ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެކަން ކުރި މީހަކަށް އަދަބެއް ނުދީ ދޫކޮށްލުމަކީ ވެސް އެކަމުން ބަޔަކަށް ނުބައި މެސެޖެއް ދެވިދާނެ ފަދަ ކަމެކެވެ. އެކަމަކު އެންމެންހެން އެއް އަޑަކުން ގޮވާލަމުންދާ ގޮތަށް އިބްތިހާލްގެ މަންމައަށް ބޮޑު އަދަބެއް އައުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟ މިހާރު ގާނޫނުތައް ހުރިގޮތުން އެއީ ފަސޭހަ ކަމެއް ހެއްޔެވެ؟ މިއީ މިހާރު ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލަކަށް ވެދާނެ އެވެ.

މީގެ ކުރިން 2012 ގައި ށ. ފޭދޫގައި 15 އަހަރުގެ އަންހެނަކު ކުއްޖަކު ބަލިވެ އިނދެ ވިހައި، އެ ކުއްޖާ މަރާލި މައްސަލައެއް ފެންމަތިވި އެވެ. އެ ކުއްޖާ ބަލިވެ އިނީ އޭނާއަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ އޭނާގެ ދޮންބައްޕައަށް ކަމަށްވެ އެވެ. އެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި އެ އަންހެން ކުއްޖާ އެހެން ފިރިހެނަކާ އެކު ޒިނޭ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމުން އެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ އުފުލުމުން އެ ކުއްޖާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ކުއްޖާ ކުށްވެރިނުވާ ކަމަށް ނިންމައިފަ އެވެ.

އިބްތިހާލްގެ މަންމަ އާފިޔާގެ އާއިލާގެ މީހުންނާއި މިހާތަނަށް އާންމުވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު އާފިޔާއަކީ ޖިންސީ ގޯނާގެ ޝިކާރަކައަކަށްވެފައި ހުރި މީހެކެވެ. އެގޮތުން 2011 ގައި އާފިޔާ ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލާފައިވާކަން ހާމަވެފައި ހުރި މައުލޫމާތުތަކުން އެނގެ އެވެ. އެހެން އެކަން އޮތުމުން ފޭދޫ ކުއްޖާ ސަލާމަތްވި ފަދައިން އާފިޔާ އަށް ވެސް އަދަބުން ސަލާމަތްވުމުގެ ކޮންމެވެސް ވަރެއްގެ ފުރުސަތު އޮތް ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

ފޭދޫ ކުއްޖާގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި، ހައި ކޯޓުން ކުރި ހުކުމުގައިވަނީ ޖިންސީ ގޯނާގެ ސަބަބުން އެ ކުއްޖާއަކީ "ޕޯސްޓް ޓްރޯމެޓިކް ޑިސްއޯޑާގެ" ހާލަތުގައިވާ ކުއްޖެއް ކަމަށާއި އެހެންވެ އެ ކުއްޖާއަކީ ޝަރީއަތް ހިންގުމުގެ ޝަރުތު ފުރިހަމަ ނުވާ ކުއްޖެއް ކަމަށެވެ. އިބްތިހާލްގެ މައްސަލައަށް ބަލާއިރު އާފިޔާއަކީ ވެސް ކުރިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި ހުރި މީހަކަށްވެފައި، އޭނާގެ ކިބައިގައި އެފަދަ ނަފްސާނީ މައްސަލައެއް ހުރިކަން ރަސްމީ ލިޔުންތަކުން ސާބިތުވެއްޖެ ނަމަ އޭނާ ވެސް އަދަބުން ސަލާމަތްވުމުގެ ފުރުސަތު ނެތޭ ބުނެވޭކަށް ނޯންނާނެ އެވެ.

މިހާތަނަށް މީޑިއާއަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އިބްތިހާލް މަރުވި ދުވަހު އޭނާގެ މަންމަ އާފިޔާ އަހުމަދު އޭނާއަށް އަނިޔާ ކުރިކަން އެނގޭކަށް ނެތެވެ. އިބްތިހާލް މަރުވެފައިވަނީ އަނިޔާތަކެއްގެ ސަބަބުން ކަމަށް ނުރަސްމީ މައުލޫމާތުތަކުން އެނގޭ ނަމަވެސް އެ އަނިޔާއަކީ އާފިޔާ ދިން އަނިޔާއެއް ކަން އެނގޭކަށް ނެތެވެ. އެފަދަ މަންޒަރެއް ފެނުނު ކަމަށް ބުނާ އެއްވެސް މީހަކު ހުރިކަމެއް ވެސް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައި ހުރި މައުލޫމާތުތަކުން އެނގޭކަށް ނެތެވެ. އެހެންވެ މިހާތަނަށް ތިލަވެފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އިބްތިހާލްގެ މަރާ އާފިޔާއާ ގުޅުވުން އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ފުލުހުން ކަށަވަރުކޮށް ނުދިން ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުން ކައިރީގައި އެއްބަސްވެފަ އެވެ. އެއީ ހަގީގަތެއް ނަމަވެސް ހަމައެކަނި އެކަމަށް ބިނާކޮށް އިބްތިހާލް މަރާލުމުގެ ކުށް އާފިޔާގެ މައްޗަށް ސާބިތެއް ނުވާނެ އެވެ. ގާނޫނު އަސާސީ ބުނާގޮތުން ކުށުގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފްތައް ފިޔަވައި އެހެން އިއުތިރާފްތައް ހެއްކެއް ކަމަކަށް ނުބެލެވޭނެ އެވެ. އެހެންވެ ބަލި އެނދުގައި އޮވެގެން ބަޔަކު ކައިރީގައި އާފިޔާ ދެއްކި ވާހަކައަކީ މާބޮޑު ބުރަދަނެއް ހުރި އެއްޗެއް ކަމަކަށް ގާނޫނީ ގޮތުން ބެލުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

މިހާތަނަށް އާންމުކޮށްފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އިބްތިހާލް މަރާލީ އާފިޔާ ކަން ސާބިތުކޮށް ދިނުމަކީ ފަސޭހަ ކަމަކަށް ނުވި ނަމަވެސް އެއްވެސް އަދަބެއް ނުލިބި އާފިޔާ ސަލާމަތްވުމަކީ ވެސް ފަސޭހަ ކަމެއް ކަމަށް ނުބެލެވެ އެވެ. އިބްތިހާލާ މެދު އާފިޔާ ކުރިން ވެސް އިހުމާލުވަމުން ދިޔަކަން އެރަށު މީހުންގެ ބަހުންނާއި ޚުދު އާފިޔާގެ ފިރިމީހާގެ ބަހުން ވެސް އެނގޭތީ އާފިޔާގެ މައްޗަށް ކޮންމެވެސް ވަރެއްގެ އަދަބެއް އައުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ދެން ތިބި ދެ ކުދިންނާ މެދު އޭނާ އިހުމާލުވާ ކަން އެނގެން ނެތުމުން އޭނާއަށް ބޮޑު އަދަބެއް އައުމަކީ ވަރަށް ދުރު ކަމެކެވެ.

އެ މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ފުލުހުން ކުރިއަށް ގެންދާއިރު އެކަމާ މެދު ވަކި އެއްޗެއް މިހާތަނަކަށް ފުލުހުން ނުބުނެ އެވެ. އާފިޔާއަށް ބޮޑު އަދަބެއް ލިބުމުގެ ފުރުސަތު އޮތްކަން ނުވަތަ ނޫންކަން ވެސް ޔަގީންކަމާ އެކު ބުނެވޭނީ އެ މައްސަލަ ކޯޓަށް ފޮނުވައި، ދައުލަތުން އުފުލާ ދައުވާއެއްގެ ގޮތުންނެވެ. މިހާރު އެންމެނަށް ވެސް ދެއްކޭނީ މިހާތަނަށް އާންމުވެފައިވާ މައުލޫމާތުތަކުގެ ވާހަކަ އެވެ.