ގައުމީ އިނާމް

ހާއްސަ އިނާމް ދިނުމަށް ވިޝުއަލް އަދި ޕާފޯމިން އާޓް މުބާރާތެއް ބާއްވަނީ!

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިނާމް ދެއްވަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން" ގެ ދާއިރާއިން ވާދަ ކުރާނެ ދެ މީހަކު ހޯދަން ވިޝުއަލް އަދި ޕާފޯމިން އާޓް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އިން މިއަދު އިއުލާންކުރި އެ މުބާރާތަކީ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކޮށްގެން ނުވަތަ އެއްޗެއް އުފެއްދައިގެން މިއަހަރު ބާއްވާ ހާއްސަ އިނާމްދޭ ޖަލްސާގައި އިނާމު ހޯދާ ދެ ފަރާތް ހޯދަން ބާއްވާ މުބާރާތެކެވެ. މި މުބާރާތުން ވިޝުއަލް އަދި ޕާފޯމިން އާޓްސްގެ އެހީގައި އުފައްދާ އުފެއްދުންތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ އުފެއްދުމެއް ހުށަހަޅާ ދެ ފަރާތަށް ހާއްސަ އިނާމަށް ވާދަކުރެވޭނެ އެވެ. ހޮވޭ ފަރާތަށް އިނާމް ހަވާލުކުރައްވާނީ މިއަހަރު ބާއްވާ ހާއްސަ އިނާމްދޭ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އެވެ.

ސެންޓާ ފޯ ދި އާޓްސް އިން ބުނީ، އެ މުބާރާތަށް ހުށަހަޅާ އުފެއްދުމަކީ، ދިވެހިރާއްޖޭގެ ތާރީހީ ހާދިސާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ހާދިސާއެއް އަސްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކުލޯއެއްގެ މައްޗަށް ބިނާކޮށް އަސްލު ނުގެއްލޭގޮތަށް ބަޔާންކޮށް އުފައްދާފައިވާ މަސައްކަތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ހުށަހެޅުންތައް ތައްޔާރުކުރުމުގައި މިއުޒިކަލް ނުވަތަ ކޮމިކް ގެ ތެރެއިން އެމީހަކު ބޭނުން މީޑިއަމަކަށް ހުށަހެޅުން ތައްޔާރުކުރެވޭނެ ކަމަށެވެ.

މުބާރާތަށް ޝައުގުވެރިވާ ފަރާތްތަކަށް، މުބާރާތުގައި ރަޖިސްޓްރީވެ، ހުށަހެޅުން ތައްޔާރުކުރުމުގެ ފުރުސަތު މޭ މަހުގެ ތިންވަނަ ދުވަހު ހުޅުވާލާނެ އެވެ. ރަޖިސްޓްރީކުރުމުގެ ފަހު މުއްދަތަކީ މޭ މަހުގެ 5 ވަނަ ދުވަހެވެ. ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރީކުރަން ޖެހޭނީ ސިޓީއަކާ އެކު އެވެ.