އާދަމް ޝަރީފު އުމަރު

ކަނޑަށް ތެޔޮ އެޅުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ޕްލޭނެއް މުހިންމު: މިނިސްޓަރު

ކަނޑަށް އެޅޭ ނުރައްކާތެރި ތެލާއި އެފަދަ އާލާތްތަކުގެ ސަބަބުން، ތިމާވެށި ތަގައްޔަރުވުން ކުޑަކުރުމުގެ ގޮތުން އެކުލަވާލާ ބަދީލީ ރޭވުމާ (ކޮންޓިންޖެންސީ ޕްލޭން) ބެހޭ މަޝްވަރާ ބައްދަލުވުން މިއަދު ފަށައިފިއެވެ.

ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުމުގައި، ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއި އިދާރާތަކުން ބައިވެރިވާއިރު، މި މަޝްވަރާ ބައްދަލުވުން މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މަޝްވަރާ ބައްދަލުވުމަކީ ޔޫއެސް ޕެސިފިކް ކޮމާންޑް (ޔޫއެސް ޕެކޮމް) އާއި އެމްއެންޑީއެފުން ގުޅިގެން ވިލަރެސްކުރަމުންދާ ބައްދަލުވުމެކެވެ.

"ނޭޝަނަލް އޮއިލް އެންޑް ހަޒަރޑަސް ސަބްސްޓޭންސް ޕޮލިޔުޝަން ކޮންޓިންޖެންސީ ޕްލޭން" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިފަދަ ޕްލޭނެއް ހެދިފައި އޮތުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، މިހާރަށް ހެދިފައިވާ ޑްރާފްޓުގެ މަސައްކަތާމެދު ހިތްހަމަ ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި، އެމަސައްކަތަށް ތައުރީފުކުރައްވައި، ޑިފެންސް މިނިސްޓަރ ވިދާޅުވީ، މިފަދަ މަސައްކަތެއް ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރެވެމުންދާތީ އެކަމާ އުފާފުޅުކުރައްވާ ކަމަށެވެ. މިކަމަށް ކުރެވެމުންދާ މަސައްކަތަށް ތައުރީފުކުރައްވައި، މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ސަރުކާރުގެ އިދާރާތަކާއި އެޖެންސީތަކުގެ ބޭފުޅުންނަށާއި، ޔޫއެސްގެ ކޮންސަލްޓެންޓުނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމަކީ 2014 ވަނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ސައުތު އޭޝިއާ ރީޖަނަލް އެންވަޔަރަމެންޓަލް ސެކިއުރިޓީ ފޯރަމްގެ ތެރެއިން ކުރިއަށްގެންދިޔަ އިތުރު މަސައްކަތްތަކުގެ ނަތީޖާ ކަމަށް ޑިފެންސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަސައްކަތަކީ މުހިންމު މަސައްކަތަކަށްވެފައި، ސަރުކާރުގެ އެކި އިދާރާތަކުގެ ހިޔާލު މިކަމުގައި ހިމަނަންޖެހޭތީ މުޅި ސަރުކާރު އެކުވެގެން ކުރިއަށްގެންދާ ޕްލޭނަކަށް މި ޕްލޭން ހެއްދެވުމަށްވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، މަޝްވަރާ ބައްދަލުވުމާ ގުޅޭ ތައާރަފު ދެއްވީ ޔޫއެސް ޕެކޮމްގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ އެންވަޔަރަމަންޓަލް އޮފިސަރު، މރ.ކްރިސްޓޮފަރ ޝޯލްސްއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ކަމާގުޅޭ މުއައްސަސާތަކާއި، އިދާރާތަކުގެ ބޭފުޅުންގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު އާއި އެފްއާރުއެސްގެ ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީ އާއި ކޯސްޓްގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހީމް އަދި އެމްއެންޑީއެފް ޕްރިންސިޕަލް ޑައިރެކްޓަރު އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިން ކާނަލް ހާމިދު ޝަފީޤު ބައިވެރިވެލައްވަ އެވެ.