އިލެކްޝަންސް ކޮމިޝަން

ކައުންސިލް އިންތިހާބުގައި އީވޯޓިން ބޭނުންކުރަން ނިންމައިފި

އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާނީ އީ-ވޯޓިން ސިސްޓަމްގެ ތެރެއިން ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އީވޯޓިން ސިސްޓަމަށް ބޭނުންކުރާ މެޝިން މަހެއްހާ ދުވަސް ތެރޭ ލިބޭނެ ކަމަށްވެސް އެކޮމިޝަނުން ބުންޏެވެ. އީވޯޓިންގައި ބޭނުންކުރުމަށް ގެނެވޭ މެޝިިންތަކަކީ ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމެއްގެ ދަށުން ގެނެވޭ މެޝިންތަކެކެވެ.

ވީޓީވީން ގެނެސްދޭ "ފަސް މަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ އީވޯޓިން ސިސްޓަމުގައި ބޭނުންކުރާ ވޯޓުލާން ބޭނުންކުރާ މެޝިންތައް ހެކް ނުކުރެވޭނެ ކަމަށެވެ. އެހެން ވީމަ އިންތިހާބުގެ ނަތީޖާ ސައްހަ ކަމާމެދު އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ. އަކްރަމް ވިދާޅުވީ އީ ވޯޓިން ސިސްޓަމަކީ ސިޔާސީ ޕާޓީތަކުން ވެސް ތާއީދުކުރާ ސިސްޓަމެއް ކަމަށާއި މި ސިސްޓަމަށް ބޭނުންކުރާ މެޝިންތައް ސިޔާސީ ޕާޓީތަކުގެ އިންތިހާބުގަ އާއި، ރަށްރަށުގައި އެކި ފެންވަރުގައި ބާއްވާ އިންތިހާބު ތަކުގައި އަދި ސްކޫލްތަކުގައި ބާއްވާ އިންތިހާބު ތަކުގަ ބޭނުންކުރަން ވެސް ފުރުސަތު ދޭނެ ކަމަށެވެ.

"ނެޓު ވޯކިން ތެރެއިންދާ ނިޒާމަކަށް ރައްޔިތުން އެއްވެސް ވަރަކަށް ތާއީދެއް ނުކުރޭ، އީވޯޓިން ނިޒާމަކީ ނެޓުވޯކާއި ގުޅިފައިވާ ނިޒާމެއް ނޫން، މިފަދަ ނިޒާމެއްގެ ދަށުން އިންތިހާބުތައް ކުރިއަށް ގެންދިއުމުގައި ސިޔާސީ ޕާޓީތަކުން ވެސް ތާއީދު ކުރޭ،" އަކުރަމް ވިދާޅުވި އެވެ.

އަންނަ ލޯކަލް އިންތިހާބުގައި އީ- ވޯޓިން ސިސްޓަމް ބޭނުންކުރަން ފެށުމުގެ ކުރިން މި ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރަން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށްވެސް އަކުރަމް ވިދާޅުވި އެވެ. އަކުރަމް އިތުރަށް ވިދާޅުވީ އީވޯޓިން ނިޒާމަކީ ނަތީޖާ ލިބުން އަވަސް އަދި ހަރަދު ކުޑަ ނިޒާމެއް ކަމަށެވެ.

ރާއްޖޭގައި އީ ވޯޓިން ނިޒާމް ތައާރަފް ކުރަން މީގެކުރިންވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. އެއީ 2008 އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަ އެވެ.