ދުންޔާ މައުމޫން

"ގައުމުތަކުން ވާހަކަ ނިންމާ، އަމަލު ކުރަންވެއްޖެ"

ޕެރިސް އެގްރިމެންޓް އޮން ކްލައިމެޓް ޗޭންޖްގައި ގައުމުތަކުން ތަސްދީގު ކުރުން އަވަސްކުރަން ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގައުމުތަކަށް ގޮވާލައްވައިފި އެވެ. ދުންޔާ ވިދާޅުވީ، ވާހަކަ ދެއްކުން ނިންމާ، އަމަލުކުރަން ފަށަން ވެއްޖެ ކަމަށެވެ.

ޕެރިސް އެގްރިމެންޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕެރިހުގައި އެކުލަވާލި އެގްރިމެންޓެކެވެ. މި އެގްރިމެންޓް އެކުލަވައިލުމުގައި އެއޯސިސްގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ރާއްޖެއިން ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަކާލާތުކޮށް ކޮޕް 21 އަކީ ކާމިޔާބު ކޮންފަރެންސަކަށް ހެދުމުގައި ވެސް ރާއްޖެއިން އިސްދައުރެއް އަދާކުރި އެވެ. އަދި އެގްރިމެންޓްގައި ސޮއިކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނުނެވެ.

"ދަ ގްލޯބަލް އެންޑް މެއިލް" ގައި ދުންޔާ ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ، އެހެން ގައުމުތަކުން ވެސް އެގްރިމެންޓްގައި ތަސްދީގު ކުރުން އަވަސް ކުރަންޖެހޭ ކަމަށާއި މި އެގްރިމެންޓަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި ބޮޑެތި ގައުމުތަކުން ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.

އެ އެގްރިމެންޓްގައި 150 އަށް ވުރެގިނަ ގައުމުން ވަނީ ސޮއިކޮށްފަ އެވެ. އަދި 11 ގައުމުން އެ އެގްރިމެންޓް ވަނީ ތަސްދީގުކޮށްފަ އެވެ.

ދުންޔާ ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާއިރު އެކަން ހައްލު ކުރުމަށް ވަގުތު ގެއްލެމުންދާ ކަމަށާއި އެ ކަމަށް އަވަސް އަދި ސީދާ ފިޔަވަޅެއް ނާޅައިފިނަމަ ރާއްޖެ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އިންތިހާއަށް އެބަ އޮތް ކަމަށެވެ.

"މިހާރު ކުރަންވީ އަވަސް މަސައްކަތްތަކެއް، މިދިޔަ ހަފުތާ ރާއްޖޭގެ މަޖިލީހުން ވަނީ ތާރީހީ ޕެރިސް އެގްރިމެންޓްގައި ސޮއިކުރުމަށް ރުހުންދީފަ، ރާއްޖެއަކީ އެކަން ކުރި ފުރަތަމަ ގައުމުތަކުގެ ތެރެއިން ގައުމެއް، އަހަރެމެން މިހާރު މި ގޮވާލަނީ ކުދި އަދި ބޮޑެތި ގައުމުތަކަށް ވެސް އެކަން އެގޮތަށް ކުރުމަށް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ދިފާއުގައި ޕެރިސް އެގްރިމެންޓަކީ ފެށުމެއް ކަމަށާއި، ދަ އެލައެންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓުން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ކަނޑުގެ ލޮނުގަނޑު އުފުލި، ގައުމުތަކަށް ހުރި ނުރައްކަލުގެ އިންޒާރުދީފައިވާ ކަމަށެވެ.

އެ ލިޔުމުގައި ދުންޔާ އިތުރަށް ލިޔުއްވާފައި ވަނީ ތިމާވެށި ރައްކާތެރިކުރުމަށް ބޭނުންވަނީ ފައިދާކުރުވަނިވި ނަތީޖާއެއް ނެރެވޭފަދަ މަސައްކަތްތަކެއް ކަމަށާއި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވިފަދަ ކަންކަމުން ނަތީޖާއެއް ހާސިލުނުވާނެ ކަމަށެވެ. އެގޮތުން އެކަމަނާ ވަނީ ކަނޑު އަޑީގައި ކެބިނެޓް ބައްދަލުވުން ބާއްވައި ހޮލީވުޑް ފިލްމެއް ރައީސް ނަޝީދު ކުޅުއްވިކަން ފާހަގަ ކުރައްވާފަ އެވެ.

"އެ ސަރުކާރަކަށް އަޅުގަނޑު މަސައްކަތްކުރާ ސަރުކާރަކީ ވާހަކަ އަށްވުރެ ބޮޑަށް އަމަލަށް އިސްކަންދޭ ސަރުކާރެއް، މި ސަރުކާރުން ވަނީ އީކޯލޮޖިކަލް އަދި ފުލީ އީކޯ ޕަވާޑް ޓޫރިސްޓް ރިސޯޓްތަށް ތަރައްގީ ކުރުމަށް އެއްބާރުލުންދީފައި، އަދި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކާ ބެހޭ ގޮތުން މިދަނީ އެންމެ ޅަފަތުން ފެށިގެން ސްކޫލުގައި ކިޔަވައިދެމުން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ތިމާވެށި ރައްކާތެރިކޮށް، ޕެރިސް އެގްރިމެންޓުގައިވާ ކަންކަން ތަސްދީގުކުރުމަށް ރާއްޖެއަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށާއި ރާއްޖެ އޮތީ އެކަމުގައި ފަސްވަނަ ގިޔަރުގައި ކަމަށެވެ.

ޕެރިސް އެގްރީމަންޓުގެ ތެރޭގައި ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭހުގެ މިންވަރު މަދުކޮށް ބެލެންސް ކުރުމާއި ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށްކުރުން ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ. މިމަސައްކަތް ކުރިޔަށް ދާގޮތް ރާއްޖެއިން ވެސް ކޮންމެ ފަސް އަހަރަކުން މުތޯލިއާ ކުރަން ޖެހޭ އިރު 2020 ގެ ފަހުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ ލިބެ އެވެ.