މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ރާއްޖޭގެ މީޑިއާގެ ހާލަތާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ކޮމިޝަންގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މީޑިއާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންނާއި އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ކޮމިޝަނުން އަދާކުރަމުންދާ ދައުރުގެ މައުލޫމާތު އިނގިރޭސި ސަފީރާއެކު ކޮމިޝަނުން ހިއްސާކުރިއެވެ.

މީގެއިތުރުން، ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ހުރި ކަންތައްތަކާ ބެހޭގޮތުން އިނގިރޭސި ސަފީރު ކޮމިޝަނާ މަޝްވަރާކުރައްވާ، މިނިވަން އިންސާފުވެރި ނޫސްވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފާހަގަކުރެއްވިގޮތުގައި، ބްރޯޑްކާސްޓިން ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބްރޯޑްކާސްޓަރުން ނެތުންކަން ފާހަގަކުރައްވައި، ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން، އިނގިރޭސި ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިން ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގެ މައުލޫމާތު އިނގިރޭސި ސަފީރާ ހިއްސާކުރައްވައި ހުށަހެޅުއްވިއެވެ.

އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ފާހަގަކުރެއްވިގޮތުގައި، ރާއްޖެއާއި އިނގިރޭސިވިލާތަކީ ޒަމާނުއްސުރެ އެކި ދާއިރާތަކުން ބަދަހި ގުޅުންތަކެއް އޮތް ދެ ގައުމު ކަމަށާއި، އަދި ރާއްޖޭގެ އެކި ދާއިރާތައް ތަރައްގީކޮށް ކުރިއެރުވުމަށް އިނގިރޭސި ސަރުކާރުން އިތުރަށް މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން ކޮމިޝަނުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައިވާ ކަންކަން ފަހިކޮށްދިނުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.