ރިޕޯޓް

އައިޔޫއެމްގެ ލައިބްރަރީ: ރާއްޖޭގެ އެންމެ ފުރިހަމަ ލައިބްރަރީ!

ކުރީގެ ކުއްލިއްޔާ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއަށް ވަނީ ބަދަލުވެފަ އެވެ. ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވާސިޓީ ގާއިމުކޮށް، ކިޔަވައިދިނުން ފަށައި ޔުނިވާސިޓީ މިހާރު ވަނީ ބާރު ސްޕީޑްގައި ހިނގައިގެންފައެވެ. ޔުނިވާސިޓީގެ މެނޭޖްމެންޓުން ދަނީ އެ ޔުނިވާސިޓީ ފުރިހަމަކޮށް ތަރައްގީކުރަން މަސައްކަތްކުރަމުންނެވެ. މިއީ އެކަމުގެ އެއް ހެއްކެވެ. ޔުނިވާސިޓީގެ ހިތްފަސޭހަ ލައިބްރަރީ އެވެ.

ކުރީގައި އޮންނަނީ ބަންދު ކޮއްޓެހެން!

ޔުނިވާސިޓީ ހިންގާ އިމާރާތަކީ މިހާރު ޖަގައިގެ ގޮތުން ދަތި އިމާރާތެކެވެ. އެގޮތުން އެތަނުގައި ހަދާފައިހުރި ލައިބްރަރީ ވެސް ހުރީ ކޮއްޓެއްހެނެވެ. ފޮތްތަކުން މުއްސަނދި ނަމަވެސް ހިތްތަކަށް އަރާމެއް ނޫނެވެ. ކުރިން ލައިބްރަރީ އޮތީ ދަރިވަރުންނާ ރައްޓެހި ގޮތަކަށް ނޫނެވެ. ދިއްލާފައިވާ ބޮކިތަކުގެ އަލި ނޫން އައްޔެއް އެ ލައިބްރަރީއަކަށް ނުވަދެ އެވެ. ކުރު ގޮތަކަށް ބުނާނަމަ ބަންދުވެފައި އޮތް ކޮއްޓެކެވެ.

ޔުނިވާސިޓީއަކަށް ބަދަލުވުމާއެކު ތަނަށް ގެނައި ބަދަލުތަކާއެކު އެންމެ އިސްކަމެއް ދިނީ ތަނުގެ ލައިބްރަރީ ދަރިވަރުންނާ ރައްޓެހި ގަޔާވާ ތަނަކަށް ހެދުމަށެވެ.

"ޔުނިވަސީޓިއަކަށް މިތަން ބަދަލުވުމަށްފަހު އަޅުގަނޑުމެން ބޭނުންވީ ޔުނިވާސިޓީއެއްގެ ހުންނަ އެންމެ އަސާސީ ވަސީލަތްތައް ހޯދައިދިނުން، އެގޮތުން އެންމެ މުހިންމު އެއް ކަމަކަށް މި ބެލީ ލައިބްރަރީ ބަދަލުކުރުން، ލައިބްރަރީ މި ބަދަލުކުރީ މިތާ ހުރި ފޮތްތައް އެކަންޏެއް ނޫން، މިތާގެ ފެންނަ ފެނުން ފޭރާން ވެސް ބަދަލުކުރަންޖެހޭ،" އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ (ޑީވީސީ) އަލީ ރަޝީދު ވިދާޅުވި އެވެ.

ޑިޒައިންކުރީ ސްޕޭސް އާޓުން!

ތަނަވަސްތަނަކަށް ލައިބްރަރީ ހެދުމަށް އެތަނުގެ އިންޓީރިއާ ޑިޒައިން ހެދުމަށް ހަވާލުކުރީ ސްޕޭސް އާޓް ކުންފުންޏާ އެވެ. އެ ކުންފުންޏަކީ މިހާރު ވެސް ރީތި އެތައް ޑިޒައިންތަކެއް ހަދާފައިވާ ކުންފުންޏެކެވެ. އެގޮތުން އެމްއޭސީއެލްގެ ބޯޑު ރޫމާއި އެސްޓީއޯގެ ބޯޑް ރޫމާއި އެސްޓީއޯގެ އެމްޑީ ރޫމް ފަދަ ތަންތަނުގެ އިންޓީރިއާ ޑިޒައިން ހަދާފައިވަނީ ސްޕޭސް އާޓުންނެވެ.

ލައިބްރަރީގެ އާ ޑިޒައިނާއެކު ލައިބްރަރީގެ ޖާގަ ތަނަވަސްވެ، ތަން މިހާރު ވަނީ ހިތްފަސޭހަވެފަ އެވެ. ގުދުރަތީ އަލި ވަންނަ ގޮތަށް އެ ލައިބްރަރީ ވަނީ ހުޅުވާލާފަ އެވެ.

ސްޕޭސް އާޓުގެ ޑިރެކްޓަރު ހަމްދާ ވިދާޅުވި ގޮތުގައި ލައިބްރަރީގެ އިންޓީރިއާ ޑިޒައިންކުރަން ބެލިއިރު އެންމެ ބޮޑު ދައްޗަކަށް ކުރިމަތިވީ ތަނުގެ ޖާގަ ދަތިވުމެވެ.

"އެންމެ ބޮޑު އުނދަގުލަކަށްވީ ތަނުގެ ޖާގައިގެ ދަތިކަން، ކުރިން މިތަންވެފައި އޮތީ ވަރަށް ޑިޕްރެސިން ތަނަކަށް، ހުރިހާ ވިއުއެއް ބްލޮކްވެފައި އޮތީ، ތަން ބަރޯސާވެފައި އޮތީ ދިއްލާހުރި ބޮކިތަކަށް އެކަނި،" ހަމްދާ ވިދާޅުވި އެވެ.

ޑިޒައިންކުރުމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ތަނުގެ ޖާގަ ބޮޑުވާނެ ގަޮތަކަށް ބަލާ، ގިނަ ދަރިވަރުންނަށް ތިބޭނެ ގޮތް ހެދުމެވެ. އޭގެ އިތުރަށް ތަނަކީ ހިތްފަސޭހަ ދަރިވަރުން ގަޔާވާ ތަނަކަށް ހެދުމަށާއި އިސްލާމިކް ލުކެއް ގެނެސްދިނުމަށް ވެސް ވިސްނި އެވެ. އެކަން ވަނީ ވަރަށް ފުރިހަމައަށް ކޮށްފަ އެވެ.

"ތަނުގެ ޖާގަ ބޮޑުކުރަން ގޮނޑިތައް ބެހެއްޓުމުގެ ބަދަލުގައި ބެންޗް މިހުރީ ބަހައްޓާފައި ވެސް، އެއީ ވެސް ތަނުގެ ޖާގަ ބޮޑުކުރަން ކުރި ކަމެއް،" ހަމްދާ ވިދާޅުވި އެވެ.

ބެންޗްތަކުގެ އިތުރަށް ކުރީގައި ގޮޅިއެއްހެން ހުރި ކައުންޓަރު ވެސް ވަނީ ނަގާފަ އެވެ. މިހާރު ކައުންޓަރު ހުންނަނީ ލައިބްރަރީގެ މެދުގައި ވަށްބުރަކަށްވާ ކަހަލަ ކައުންޓަރެކެވެ. އަދި ވަދެ ނިކުތުމަށް ވަކި ދޮރެއް ވެސް ވަނީ ހަދާފަ އެވެ.

ލައިބްރަރީގެ ޑިޒައިން އެހާ ފުރިހަމައަށް ހެދުނީ ހަމްދާ ވިދާޅުވި ގޮތުގައި އައިޔޫއެމްގެ އިސްވެރިންގެ އެއްބާރުލުމާއެކު އެވެ.ކަންކަން މަޝްވަރާކޮށްލުމަށް ވެސް އެންމެ އިސްވެރިންނާއެކު އިށީދެލުމަށް ފުރުސަތު ލިބުނު ކަމަށް ހަމްދާ ވިދާޅުވި އެވެ. އެއީ ވަރަށް ނުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޖީ ރޫމްތަކެއް!

މި ހިތްފަސޭހަ ލައިބްރަރީގެ ހާއްސަ އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ އެތާ ގާއިމުކޮށްފައިވާ ޕީޖީ ރޫމްތަކެވެ. އެފަދަ ފަސް ރޫމް އެ ލައިބްރަރީގައި ވަނީ ގާއިމުކޮށްފަ އެވެ. މި ރޫމްތަކަކީ ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް ހާއްސަ ރޫމްތަކެކެވެ. އެ ރޫމްތައް އެ ދަރިވަރުންނަށް ބުކް ކޮށްގެން އެއް މަސް ދުވަހަށް ތަޅު ލައިގެން ގެންގުޅެވޭނެ އެވެ. މި ރޫމްތަކުގެ މަގުސަދަކީ އެ ދަރިވަރުން ރިސާޗް ފަދަ ކަންކަން ކުރުމަށް ލިބެންޖެހޭ ޕްރައިވެސީ ހޯދައިދިނުމެވެ.

އެ ރޫމްތަކާ ޖެހިގެން ހުރި ހަރުގަނޑުތަކުގައި ދަރިވަރުންނަށް އެންމެ ބޭނުންވާނެ އެންމެ ބޭނުން ހިފޭނެ ފޮތްތައް ވަނީ ބަހައްޓާފަ އެވެ.

ޒަމާނީ ތަރައްގީ ގެންނަނީ!

ލައިބްރަރީ ހިތް ފަސޭހަ ތަނަވަސް ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާ ފަދައިން ލައިބްރަރީގެ ރިސޯސްތައް އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އާންމުކޮށް އިއުލާންކޮށްގެން ފޮތްތައް ލައިބްރަރީއަށް ގަތުމާއި ބޭރުގެ ގައުމުތަކުން ފޮތްތައް ގެނައުމުގެ މަސައްކަތް ވެސް ކުރާ ކަމަށެވެ. އަދި ބައެއް ޔުނިވާސިޓީތަކުން ފޮތްތައް ހަދިޔާކުރާ ކަމަށް ޑީވައިސީ ވިދާޅުވި އެވެ.

މީގެ އިތުރުން އީ ލައިބްރަރީއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އައިޔޫއެމްގައި ވަނީ ފަށާފަ އެވެ. އެކަޑެމިކް ޑޭޓާ ބޭސްތަކާއި ޖާނަލްތަކަށް އެކްސެސްވެވޭނެ ލައިބްރަރީއެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާއިރު، އެކަމަށް އަދި ވަގުތު ނަގާނެ ކަމަށް ޑީވީސީ ވިދާޅުވި އެވެ. ޓެކްނިކަލީ ކުރަންޖެހޭ ކަންކަން ނިންމުމަށްފަހު ޖޫން މަހުގެ މެދެއްހާ ތާނގައި އީ ލައިބްރަރީގެ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ލައިބްރަރީއިން ފޮޓޯ ކޮޕީގެ ހިދުމަތާއި ހީރަސް ޖެހުމުގެ ހިދުމަތް ވެސް ދޭއިރު ތަނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ސީސީޓީވީ ކެމެރާތައް އިތުރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި ކޮމްޕިއުޓާތަކެއް ވެސް ދަރިވަރުންނަށް ލައިބްރަރީގައި ވަނީ ބަހައްޓާފަ އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ލައިބްރަރީއަކަށް މި ލައިބްރަރީ ހެދުން، ނޭޝަނަލް ލައިބްރަރީއާ ގުޅިގެން ލައިބްރަރީގެ މުވައްޒަފުން އަޕްގްރޭޑްކުރުމާއި ލައިބްރަރީ ސިސްޓަމެޓިކް ކުރުމަށް ވެސް މަސައްކަތް ކުރެވޭނެ،" ޑީވީސީ ވިދާޅުވި އެވެ.

ދަރިވަރުން ތިބީ ވަރަށް އުފަލުން!

ޔުނިވާސިޓީގެ ލައިބްރަރީއަށް އައި ބޮޑު ބަދަލާއެކު ދަރިވަރުން ތިބީ ވަރަށް އުފަލުންނެވެ. ލައިބްރަރީގައި ހޭދަކުރާ ވަގުތު ވަނީ އިތުރުވެފަ އެވެ. ގަޔާވާ ތަނަކަށް ލައިބްރަރީ ވަނީވެފަ އެވެ.

"ވަރަށް ރީތި މިހާރު، ޖާގަ ވެސް ބޮޑު، އަސްލު ވަރަށް ހިތްހަމަ ޖެހުން މި ގެނައި ބަދަލާއެކު، ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ޔުނިވާސިޓީގެ ވެރިންނަށް،" ދަރިވަރަކު ބުންޏެވެ.

އެހެން ދަރިވަރަކު ބުނި ގޮތުގައި ކުރިން ގުރޫޕް މަސައްކަތް ކުރަން ވެސް ވަރަށް އުނދަގުލެވެ. ނަމަވެސް މިހާރު ލައިބްރަރީގައި ހިތްހަމަ ޖެހިލައިގެން ތިބެ އެ މަސައްކަތްތައް ކޮށްލެވެ އެވެ.

މި ހިތްފަސޭހަ ލައިބްރަރީ ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ އަންނަ މަހު ފަސްވަނަ ދުވަހު އެ ޔުނިވާސިޓީގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބޭރުގެ ބައެއް ޔުނިވާސިޓީތަކުގެ ބޭފުޅުން ވެސް ބައިވެރިވާނެ އެވެ.