- މާލެ ކައިރީގައި ދަތުރުދާނެ ރަށެއް ނެތް
- ދިވެހިންނަށް ޕެކޭޖު ދެނީ މަދު ރިސޯޓަކުން
- ދިވެހިން ޗުއްޓީއަށް ބޮޑު ހޭދައެއް ކުރޭ
މާލެއަކީ ދުނިޔޭގައި އޮތް އެންމެ ތޮއްޖެހުން ބޮޑު އެއް ރަށެވެ. ވަށަމިނުގައި ގާތްގަނޑަކަށް ފަސް ކިލޯމީޓަރު ހަމަވާ މާލޭގެ އާބާދީ ދެލައްކައާ ކައިރިކުރާނެ އެވެ. އަދި މާލޭގައި ގެދޮރު ހުރި ގޮތަށް ބަލާއިރު، ތޮއްޖެހުމުގައި މިވަރުގެ ތަނެއް ދުނިޔޭގައި ވެސް މަދުވާނެ އެވެ. މިކަމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ހަމަ ނޭވާލާނެ ވަގުތު ކޮޅެއް ބޭނުންވާނެތާ އެވެ؟ ނޭވާލައި ހިތް ފަސޭހަކޮށްލަން ގިނަ އާއިލާތަކުން ދަތުރުދެ އެވެ. ކުރިން ގިނަ ބަޔަކު ދަނީ ކުޑަ ބަނޑޮހަށެވެ. ނޫނީ މާދޫ ފިނޮޅާއި ކޮއްދިއްޕަރަށެވެ. އެނޫން ވެސް ބައެއް ރަށްރަށަށް ދެ އެވެ. ނަމަވެސް އެހެން ގޮސް އުޅުނު ރަށްރަށް ވެސް މި ވަނީ ރިސޯޓަށް ބަދަލުވެފަ އެވެ. އާއިލާ ގޮވައިގެން ދާނެ ނޫނީ އެކުވެރިންނާއި އޮފީސް މުވައްޒަފުން ދަތުރު ދާނެ ތަނެއް ނެތެވެ؟ އުފެދެނީ ސުވާލެވެ. ޕިކްނިކް ހަދާލަން ދިވެހިން ދާނީ ކޮންތާކަށް ހެއްޔެވެ؟
"މިހާރު ވަރަށް ދަތި، ކުރިން ރައްޓެހިނާ އެކުގައި މަޖާކޮށްލަން ދަތުރު ދާނެ ރަށްތައް އޮވޭ، އެކަމަކު މިހާރަކު އެހެން ދާނެ ރަށެއް ނެތް،" ކުރިން އާއްމުކޮށް ދަތުރުދާ އަހުމަދު މުބާރިކުގެ ކަންބޮޑުވުމަކީ މިއީ އެވެ.
މާލެ، ކައިރިން ދަތުރު ދެވޭ ގޮތަށް ކުރިން އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އަރާ އުޅުނީ ކުޑަ ބަނޑޮހަށެވެ. އެ ރަށަށް ގާތްގަނޑަކަށް 50ރ. ދީގެން އެރެ އެވެ. އަދި ދޯނި ހިފައިގެން ގްރޫޕެއް ދާނަމަ ގާތްގަނޑަކަށް 2،000ރ. އިން ދަތުރު ނިންމާލެވިދާނެ އެވެ. އަދި އެ އަށްވުރެ ކުޑަކޮށް ދާން ބޭނުންނަމަ ފެރީގައިވެސް ދެވިދާނެ އެވެ. ދެން އެންމެ ގިނައިން ދަތުރުދާ އެއް ރަށަކީ ކޮއްދިއްޕެރެވެ. އެ ރަށްވެސް މިހާރު ވަނީ ރިސޯޓެއް ހެދުމުގެ މަގުމަތީގަ އެވެ. އަދި ހިތްގައިމު ގޮނޑުދޮށެއް އޮންނަ މާދޫ ފިނޮޅު ވެސް ވަނީ ދިވެހިންނަށް ބަނދުވެފަ އެވެ. މިއާއެކު ގިނަ ބަޔަކު މިހާރު ދަނީ މާފުއްޓަށެވެ. ނޫނީ މިހާރު ދާން އޮތް ހަމައެކަނި ތަނަކީ ހުޅުމާލެ އެވެ. ނަމަވެސް މީގެ ބަދަލުގައި ދިވެހިން ދަތުރުދާނެ ރަށެއް އޮންނަނަމަ އާއިލާ އާއި ރަހުމަތްތެރިން އެކުގައި ދާން ފުރުސަތު ލިބޭނެ އެވެ. ދެން އޮތީ ރަސް ފަންނެވެ. މާލޭގެ ހުރިހާ ރައްޔިތުން ޗުއްޓީ ހޭދަ ކުރަން ބަލާނަމަ އެތަން ހުވަނދަކަށްވެސް ނުވާނެ އެވެ. މާލޭގެ މަދު ބަޔަކު އެތަނަށް ދާއިރަށް އެތަން ފުރިބާރުވާނެ އެވެ.
ރަސް ފަންނުގައި ހުރެ "އަވަސް" އަށް ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ޗުއްޓީ ހޭދަ ކުރަން ހާއްސަ ރަށެއް ނެތުމަކީ ވަރަށް ދަތިކަމެކެވެ.
"ރިސޯޓުތަކަށް ދާން ބަލާނަމަ ވަރަށް އަގު ބޮޑު. އެކަމަކު ކުރިން ކުޑަ ބަނޑޮސް އޮވޭ. ދެން އޮތީ ރަސް ފަންނު. މިތަން ވެސް މި އޮންނަނީ ތޮއްޖެހިފައި،" ރަސް ފަންނުގައި ހުރި ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.
މިކަން ނުކުރެވޭނަމަ، ދެން ޖެހޭނީ ރާއްޖޭގެ އެހެން ހިސާބަކަށް ދަތުރުކުރާށެވެ.
ދަތުރުފަތުރުގެ އަގު ބޮޑު ތަ؟
ރާއްޖޭގެ އެތެރޭގެ މަންޒިލްތަކަށް ދަތުރުކުުރުމުގެ ވާހަކަ ދައްކާއިރު، މިއީ އަގުގެ ގޮތުން ބަލާއިރު، ބޮޑު ތަކުލީފަކެވެ. މިސާލަކަށް އައްޑު އަށް ނޫނީ ގުދުރަތީ ރީތި މަންޒިލްތަކާއި ސަގާފީ ގިނަ ތަންތަން މުއްސަނދި ލ. އަތޮޅު ނުވަތަ ފުވައްމުލަކަށް ދަތުރުކޮށްލަން ގިނަ ބަޔަކު ބޭނުންވެ އެވެ. ނަމަވެސް މި ފުރުސަތު ނުލިބި އެތައް ބަޔަކު އެބަތިއްބެވެ. ސަބަބަކީ ދަތުރުފަތުރުގެ އަގުތައް ބޮޑުވުމެވެ.
އައްޑޫގައި ބަލާނަން ފަސް ވަރަކަށް މީހުން ދާނަމަ ދަތުރު ފަތުރަށް އެކަނިވެސް ނުވަހާސް ރުފިޔާ ވަރު އަރާނެ އެވެ. އައްޑޫ އަށް ވައިގެ މަގުން ދަތުރުކުރެވޭ އަގުތައް ހުރި ގޮތަށް ބަލާއިރު އެންމެ ހެޔޮއަގުގައި ދަތުރުކޮށް ލެވޭނީ ކޮޅަކަށް 999ރ. އަށެވެ. އެއީ ދެކޮޅަށް ބަލާނަމަ ގާތްގަނޑަކަށް 1998ރ. އެވެ. އަދި ލ. ގަމާއި ފުވައްމުލަކަށް ވެސް ގާތްގަނޑަކަށް ދަތުރުކު ރެވޭނީ މި އަގުގަ އެވެ. މިއަގުތަކާއި އަވައްޓެރި ގައުމަކަށް ދާން ކުރަން ޖެހޭ ހޭދައާ ދާދި ގާތް ކުރެ އެވެ. އަވައްޓެރި ސްރީލަންކާ އަށް ދާން އާއްމު ގޮތެއްގައި ޓިކެޓު ވިއްކަނީ ދެކޮޅަށް 231 ޑޮލަރު (ގާތްގަނޑަކަށް 3،562ރ.) އަށެވެ. އަދި ތައިލެންޑުގެ ބެންކޮކަށް ދިއުމަށް އާއްމު ގޮތެއްގައި ޓިކެޓި ވިއްކަނީ ދެ ކޮޅަށް 452 (ގާތްގަނޑަކަށް 6،969ރ.) އަށެވެ.
ރިސޯޓުތަކުން ފުރުސަތު އެބައޮތް ތަ؟
ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ފުރިހަމަ ހިދުމަތް ދެވޭ 100 އަށް ވުރެ ގިނަ ރިސޯޓު އޮޕަރޭޓް ކުރަމުންދެ އެވެ. ނަމަވެސް ރާއްޖޭގައި ދިވެހިންނަށް ޗުއްޓީ ހޭދަކޮށްލެވޭނެ ރިސޯޓުތައް މަދެވެ. ސުވާލަކީ ކީއްވެގެން ހެއްޔެވެ؟ ގިނަ ރިސޯޓުތަކަކީ "ހައި އެންޑް" ނުވަތަ މަތީ ފަންތީގެ ރިސޯޓުތަކެވެ. އެހެންވެ ރިސޯޓުތަކުން ކޮޓަރި ވިއްކާ އާއްމު އަގުގައި އެ ތަންތަން ބޭނުން ކުރުމަކީ ދިވެހި އާއިލާތަކަށް ވާނެ ކަމެއް ނޫނެވެ. މިސާލަކަށް 800 ޑޮލަރު ( ގާތްގަނޑަކަށް 12،336ރ.) ބޮލަކަށް ނަގާ ރިސޯޓެއްގައި ތިން މީހުން ޗުއްޓީ ހޭދަ ކޮށްލާނަމަ ހަމައެކަނި ކޮޓަރީގެ އަގަށް އެކަނި ވެސް 37،008ރ. އަރާނެ އެވެ. މިއީ އާއްމު ރައްޔިތެއްގެ މުސާރަ އާއި ހަރަދުތައް ހުރި ގޮތަށް ބަލާނަމަ އަތް ފޯރާ ހިސާބެއްނޫނެވެ. ނަމަވެސް މަދު ރިސޯޓުތަކެއްގައި ދިވެހިންނަށް ހާއްސަ ޕެކޭޖުތައް ވިއްކުންދާކަން ފާހަގަ ކުރަން ޖެހެ އެވެ. އެފަދަ އެއް ރިސޯޓަކީ ސަން ލައިލެންޑެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓުކަމަށްވާ ސަން އައިލެންޑަކީ ދިވެހިން އާއްމު ގޮތެއައި އެންމެ ގިނައިން ދާ އެއް ރިސޯޓެވެ. ބޮޑު ޗުއްޓީގައި އެރަށް ފުރެ އެވެ.
ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މައުސޫމް ވިދާޅުވީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރާ 35 ގައުމުގެ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނޭ ކަމަށެވެ.
"ދިވެހިންގެ ޑިމާންޑް ބޮޑު. މި ރަށަކީ ކުޑަކުދިންނާއި އާއިލީ ރިސޯޓެއް. އެހެންވެ ވަރަށް ގިނަ ޕޭރަންޓުން ބުނާނެ މެޑިކަލްއާ ޝޮޕިން ނެތްނަމަ ސަން އައިލެންޑަށޭ ދާނީ،" މައުސޫމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލައިމީގައި ވެސް ދިވެހިންނަށް ހާއްސަ ރޭޓެއް ލިބޭނެ ކަމަށެވެ.
"ދިވެހިންނެ ތަފާތެއް ނެތް. ވަރަށް ރަނގަޅު ހިދުމަތް ތަކެއް ދެވޭނެ. މިރަށަކީ ބޮޑު ރަށެއްވީމަ އެހެން ހަރަކާތްތަކުގައި ވެސް ދިވެހިންނަށް ބައިވެރިވުމަށް ހާއްސަ އަގެއް ހުންނާނެ،" މައުސޫމު ވިދާޅުވި އެވެ.
ޗުއްޓީ ހޭދަ ކުރަން ބޮޑު ހޭދައެއް ކުރޭ!
ދިވެހިންނަނީ ޗުއްޓީ ހޭދަކުރުމާއި ދަތުރު ދިއުމަށް ބޮޑު ހޭދައެއް ކުރާ ބައެކެވެ. މި ޗުއްޓީގެ ތެރޭގައި ބޭސް ފަރުވާއަކީވެސް ބައެކެވެ. އަދި ފަހުގެ ކުދިން ވިޔަފާރި ދަތުރުތަކުގައިވެސް ސްރީލަންކާ ފަދަ ގައުމުތަކަށް ޖައްސާލަ އެވެ.
ރާއްޖޭގެ، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިދިޔަ އަހަރު ކުރި ސާވޭ އަކުން ދެއްކި ގޮތުގައި ރާއްޖޭން ބޭރަށް ދާ ދިވެހިން އެވްރެޖު ގޮތެއްގައި ބޮލަކަށް 1،000 ޑޮލަރު (ގާތްގަނޑަކަށް 15،000ރ.) ހޭދަކުރެ އެވެ. މި ސާވޭ އިން އެނގުނު ގޮތުގައި ދިވެހިން އެންމެ ގިނައިން ދަތުރުކުރަނީ ސްރީލަންކާއަށެވެ. ވިޔަފާރި ކޮށްލުމާއި ބޭސް ފަރުވާއަށް އާއިލާއާއެކު ކުރާ މި ދަތުރުގައި އެވްރެޖު ގޮތެއްގައި ބޮލަކަށް 631 ޑޮލަރު ( ގާތްގަނޑަކަށް 9،730ރ.) ވަރު ހޭދަ ކުރެ އެވެ. އަދި ދެވަނަ އަށް ދިވެހިން ޗުއްޓީ ހޭދަކުރަނީ މެލޭޝިޔާގަ އެވެ. އެ ގައުމަށް ކުރާ ދަތުރުގައި 999 ޑޮލަރު ވަރު ހޭދަ ކުރެ އެވެ. އެހެންކަމުން މިވަރުގެ ހޭދަައެއް ޗުއްޓީއަށް ކުރާއިރު ދިވެހިންނަށް ހާއްސަ ރަށެއް ތަރައްގީ ނުކުރެވޭތޯ؟ މިއީ ސުވާލެކެވެ.
ކޮންމެއަކަސް ދިވެހި ރައްޔިތުން ވެސް ޗުއްޓީ ހޭދަ ކުރަން ބޭނުންވާނެ އެވެ. އެކަމަށް ހާއްސަ ތަނެއް ނޫނީ ރަށެއް އޮންނަން ޖެހޭނެ އެވެ. އެ ފުރުސަތު އެބައޮތް ބާ އެވެ؟ އެކަމަށް ދިވެހިން ދާނީ ކޮންތާކަށް ހެއްޔެވެ؟