އެމްއެންޑީއެފް

ފަސްކުރި ޝަރަފުގެ ހިނގާލުން މާދަމާ ހުޅުމާލޭގައި

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަން ހަމަޖެއްސި ސިފައިންގެ ޝަރަފުގެ ހިނގާލުން ވިއްސާރަވެގެން ފަސް ކުރުމަށްފަހު މާދަމާ ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ، މާދަމާ ހަވީރު ފަށާ ހިނގާލުން ކުރިއަށްދާނީ ހުޅުމާލޭގެ އެމްޕީއެލް ސަރަހައްދުން ފެށިގެން އަސުރުމާ ހިނގުމާއި ނިރޮޅުމަގާއި ފިނިފެންމާ ހިނގުމުން ފެރީ ޓާމިނަލްއާ ދިމާއަށް ނުކުމެ ފިތުރޯނުމަގުން އެމްޕީއެލް ސަރަހައްދަށް ނިންމާ ގޮތަށް ކަމަށެވެ.

މި ޝަރަފުގެ ހިނގާލުމުގައި ތިން ސަރަހައްދެއްގައި ލަޝްކަރު ހުއްޓޭނެ އެވެ. ފުރަތަމަ ހުއްޓޭނީ އަސުރުމާ ހިނގުމާއި ނިރޮޅު މަގުގެ ކަންމަތީގައެވެ. ދެން ނިރޮޅުމަގާއި ފިނިފެންމާ ހިނގުން ގުޅޭ ހިސާބަށެވެ. ތިންވަނައަށް ހުއްޓޭނީ ފިނިފެންމާ ހިނގުމުގައި ފެރީ ޓާމިނަލް ކައިރިއަށެވެ.

ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅޭނެ އެވެ.