ހަބަރު

މިދިޔަ އަހަރު ހދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ސާމިލާ

މިދިޔަ އަހަރު ހދ. އަތޮޅު މަދަރުސާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ސާމިލާ ހޮވައިފި އެވެ.

އެ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް ސާމިލާ ހާސިލްކޮށްފައިވާ އިރު، އޭނާ ވަނީ މިދިޔަ އަހަރު ޖީސީއީ އޯލެވެލް އިމްތިހާނުން 8 މާއްދާއިން "އޭ" ފާސް ހޯދާފަ އެެވެ.

ރޭ ހދ. އަތޮޅު މަދަރުސާގައި ބޭއްވި މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ހދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމް އެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރު އެ ސްކޫލްގެ ގްރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުން ހޮވާފަ އެވެ. އަހަރީ އިނާމު ދިނުމުގެ މި ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުން އެކި ގޮތްގޮތުން ފާހަގަ ކޮށްލެވުނު 39 ދަރިވަރަކަށް އިނާމު ދީފައިވެއެވެ.

ފާއިތުވި އަހަރު 179 ދަރިވަރުން ހދ އަތޮޅު މަދަރުސާއިން ތައުލީމް ހާސިލްކޮށް 17 ދަރިވަރުންވަނީ ޖީސީއީ އޯލެވެލް އިމްތިހާނު ފުރިހަމަކޮށްފައެވެ. އަދި ތިން ދަރިވަރުން ދަސްވާރު ޕްރޮގުރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރި އެވެ. މިދިޔަ އަހަރު އެ ސްކޫލުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި 65 އިންސައްތަ ދަރިވަރުން ފަސް މާއްދާއަށްވުރެ މަތިން ފާސްވި ކަމަށް އެސްކޫލުން މައުލޫމާތު ދެ އެވެ.