ހަބަރު

ދެ މަންމަ އާއި ބައްޕައަކު ހުންނަ ގޮތަށް ދަރިން އުފަންކުރަން އިނގިރޭސި ވިލާތުން ތާއީދުކޮށްފި

ދެ އަންހެނަކާއި އެއް ފިރިހެނެއްގެ ޑީއެންއޭ ހިމޭނޭ ގޮތަށް ދަރިން އުފަން ކުރުވުމުގެ ހުއްދަ ދޭން ފެންނަ ކަމަށް އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކޮމަންސް އިން މިގޮތަށް ފާސްކުރި ނަމަވެސް ތިން މީހުންގެ ޑީއެންއޭ އިން އެއް ދަރި ހޯދުން ހުއްދަވެގެން ދާނީ ހައުސް އޮފް ލޯޑްސް އިން މިގޮތަށް ފާސްވެގެންނެވެ. އަދި މަރުހަލާތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ނަމަ ދެ މަންމަ އާއި އެއް ބައްޕަ ހިމެނޭ ގޮތަށް ފުރަތަމަ ކުއްޖާ އަންނަ އަހަރު އުފަންކުރުވާނެ އެވެ.

މިކަމާ ދެކޮޅު ހަދާ ފަރާތްތަކުން ބުނަމުން ދަނީ މިއީ ވަރަށް ގިނަ އެތިކަލް މައްސަލަތައް ހުރި ރައްކާތެރިކަން ވެސް ކުޑަ ގޮތެއް ކަމަށެވެ.

ދެ މަންމަ އާއި އެއް ބައްޕައަކު ހުންނަ ގޮތަށް ދަރިން އުފަންކުރުވަނީ ސިއްހީ މައްސަލަ ހުންނަ އަންހެނަކާއި ސިއްހަތު ރަނގަޅު އަންހެނެއްގެ ބިސް ފިރިހެނެއްގެ ދަރިފަނި ބޭނުންކޮށްގެން ދަރިމައިކުރުމަށް ފަހު، ބަލި މީހާގެ ބިހުން ނިއުކްލިއަސް (ބިހުގެ ޖެނެޓިކް މާއްދާތައް އެކުލެވޭ ބައި) ނަގައި އަނެއް ބިހުގެ އެ ބަޔާ ބަދަލުކޮށްގެންނެވެ. މިހެން ހެދުމުން އެއް ބިސް އެއީ ދެ އަންހެނެއްގެ ޖެނެޓިކްސް ހިމެނިގެން އަންނަ ބިހަކަށްވެ އެވެ.