ޕީޕީއެމް

ތަގުރީރުގައި ނަޝީދު ހެއްދެވީ ދޮގު: ޕީޕީއެމް

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސް އިން ބާއްވާ "ހިއުމަން ރައިޓްސް އިން އޭޝިޔާ ކޮންފަރެންސް 2016″ ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅު ކުށްވެރި ކޮށް ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޑިމޮކްރެސީގެ އުސޫލުތައް ރާއްޖެއަށް ތައާރަފްކޮށް އެ އުސޫލުތައް އަށަގެންނެވުމަށްޓަކައި ޑިމޮކްރެޓިކް އުސޫލުތަކާއި އިންސާނީ ހައްގުތައް ކަށަަރުކޮށްދީފައިވާ ގާނޫނޫ އަސާސީ އެއް އެކުލަވާލައި އަމަލުކުރަން ފެށީވެސް ރައީސް މައުމޫންގެ ޒައާމަތުގައި ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަަމަ ހިއުމަން ރައިޓްސް ކޮމިޝަނެއް އުފައްދާ ގިނަ ޕާޓީތަކަށް ވާދަކުރެވޭ އިންތިހާބެއް ބޭއްވީ ރައީސް މައުމޫނުގެ ވެރިކަމުގައި ކަމަށާއި ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް ފުރަތަމަ ފަހަރަށް ބޭއްވި އިންތިހާބުގައި އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ނުކުރެވުމުން ދޭހަކޮށްދެނީ އޭރުގެ އިންތިހާބުތަކަށް އެމަނިކުފާނު ނުފޫޒު ފޯރުވާފައި ނުވާކަން ކަމަށެވެ.

މި ބަޔާނުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ހުދުމުހުތާރު އެތައް ކަންތައްތަކެއް ކުރައްވާފައިވާކަން ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި އެއްވެސް އަސާސެއް ނެތި ސިޔާސީ ލީޑަރުން ހައްޔަރު ކުރި ކަމަށާއި އަދި ސުޕްރީމް ކޯޓުގައި ތަޅު އަޅުވައި، މީޑިއާތަކަށް ބިރުދައްކާ އަދި ފަނޑިޔާރަކު ވަގަށް ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އިންތިހާބުވީ ޑިމޮކްރަސީގެ އުސޫލުން ބޭއްވި އިންތިހާބެއްގައި ކަމަށާއި މިސަރުކާރާއި ކުރީގެ ސަރުކާރުތަކުން ހުދުމުހުތާރު ކަންކަން ކޮށްފައިވާ ކަމަށް ދެއްކެވި ވާހަކަ އަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރި ހުދުމުހުތާރު ކަންކަން ބައިނަލްއަގްވާމީ ފަރާތްތަކަށް ފޮރުވަން ދައްކާ ވާހަކަތަކެއް ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.

އެ ކޮންފަރެންސްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށާއި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރަން އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލި އަޅުވާލައްވާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ލިޔުންތެރިއެއްގެ ހައިސިއްޔަތުން ފެއްޓެވި މަސައްކަތާ ގުޅިގެން އެތައް ފަހަރަކު ޖަލަށްލި ކަމަށާއި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ މަސައްކަތަތީ ފަސޭހަ މަސައްކަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.