މި އަހަރު ނިކުންނަ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ސުލްތާން" ރިލީޒްކުރާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް މި ފިލްމާއި މެދު ބެލުންތެރިން ކުރާ އިންތިޒާރު އަންނަނީ ބޮޑުވަމުންނެވެ.
ފިިތުރު އީދުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ނިންމުމަށް ފިލްމުގެ މުޅި ޓީމުން ބުރަ މަސައްކަތެއް ކުރަމުން އަންނައިރު، މިހާތަނަށް މި ފިލްމުގެ ދެ ޓީޒާއެއް ވަނީ އާންމުކޮށްފަ އެވެ.
ސުޕަސްޓާ ސަލްމާން ޚާން ރެސްލިން ތަޅާ މީހެއްގެ ރޯލުން ފެނިގެންދާއިރު، އޭނާއާއެކު ބަތަލާގެ ރޯލުން ފެނިގެންދަނީ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އެވެ. މި ފިލްމުގެ ބަތަލާއަކަށް އަނުޝްކާ ހަމަޖެއްސި ހިސާބުން އޭނާ އަކީ ވެސް ސަލްމާން އެކޭ އެއްގޮތަށް މި ފިލްމުގައި ރެސްލިން ތަޅާ މީހެއްގެ ރޯލުން ފެނިގެންދާނެ މީހެއް ކަމަށް އައީ ބުނަމުންނެވެ.
އަނުޝްކާގެ އުފަން ދުވަހާއި ދިމާކޮށް މިފިލްމު އުފައްދާ ފަރާތުން ވަނީ އޭނާ ފިލްމުގައި ފެނިގެންދާ ރޯލުގެ ޓީޒާއެއް އާންމުކޮށްފަ އެވެ. މި ފިލްމުގައި އަނުޝްކާ ފެނިގެންދާނީ އާރްފާ ކިޔާ ރެސްލިންތެޅުން ތެރިއެއްގެ ގޮތުގަ އެވެ.
"ސުލްތާން"ގެ ޓީޒާ:
ހަރްޔަންވީގެ ޝޭރްނީގެ ގޮތުގައި ފެނިގެންދާ އަނުޝްކާ އަކީ ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުން ރެސްލިން ތެޅުމަށް ތައްޔާރުވެ، މައިދާނަށް އަރާ ރެސްލިންތަޅާ މީހެއްގެ ގޮތުގައި ވެސް ފެނިގެންދާ އަންހެން ކުއްޖެކެވެ.
މީގެއިތުރުންވެސް މި ޓީޒާގައި ވަނީ ވަރަށް ވަރުގަދަ މެސެޖެއްވެސް ދައްކުވައިދީފަ އެވެ. ސަލްމާންގެ އަޑުން އަނުޝްކާ އާރްފާގެ ގޮތުގައި ތައާރަފުވެގެން އަންނައިރު އޭނާ ވަނީ އިންޑިއާގެ ރޫހާއި ހިތަކީ އަންހެނުން ކަމަށާއި ފިރިހެނުން ގަބޫލުކުރަން ބޭނުންވިޔަސް އަދި ނުވިޔަސް އަންހެނުންނަކީ ބޭރުފުށުން ފެންނަ ވަރަށް ވުރެން މާ ބާރުގަދަ އަދި ހިތްވަރުގަދަ ބައެއް ކަމަށް ބުނެފަ އެވެ.
"ސުލްތާން" ޑައިރެކްޓްކުރަނީ އަލީ އައްބާސް ޒަފަރް އެވެ. އަދި މިފިލްމު ޕްރޮޑިއުސްކުރަނީ އަދިތްޔަ ޗޯޕްޅާ އެވެ. މިފިލްމުގައި ރެސްލިންތަޅާ މީހެއްގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ސަލްމާން ވަނީ ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް ބަރުދަންވެސް އިތުރުކޮށްފަ އެވެ.