އަލިފާން

މާފުށީ ޖަލުގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ގެއްލުންތަކެއް!

މާފުށީ ޖަލުގައި ހުންނަ ފިހާރައިގަ އާއި މުވައްޒަފުން ބެރެކްސް ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެ އަލިފާންގަނޑު ނިއްވާލާފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ކުރި މަސައްކަތުންނެވެ.

ރޭ ފަތިހު މާފުށީ ޖަލުގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 03:15 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ވުނީ އެވަގުތުން ފެށިގެން މާފުށީ ޖަލުގައި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ފުލުހުން ވަނީ އެތަނުގެ މުވައްޒަފުންނާއެކު ހަރަކާތްތެރިވެފައި ކަމަށެވެ.

އެމްއެންޑީއެފްއިން އެ ސަރަހައްދަށް ދިޔަ އިރު ވަނީ އަލިފާންގަނޑު ނިއްވާލާފަ އެވެ.

ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މާފުށީޖަލުގައި ހިނގި އަލިފާނުގެ ހާދިސާ ގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ އެތަނުގައި ހުރި ފިހާރައިގައި ކަމަށެވެ. އޭގެ ފަހުން، މުވައްޒަފުންގެ ބެރެކްސް ގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކަރެކްޝަންގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ، ފިހާރައާއި މުވައްޒަފުންގެ ބެރެކްސް ވަނީ ބޭނުންނުކުރެވޭ ވަރަށް އެއްކޮށް އަނދާ ހުލިވެފަ ކަމަށެވެ. ލިބުނު ގެއްލުމުގެ އަދަދު އަދި ސާފުނުވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.