ހަބަރު

ޖޭޕީ، އެމްޑީޕީ އެއްބަސްވުމުން ޖީއެމްއާރު ގެންނަން މަސައްކަތް ކޮށްފާނެ ކަމަށް ތުހުމަތުކޮށްފި

Feb 4, 2015

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ މިހާރު ހަދަން އުޅޭ އެއްބަސްވުމުގެ ފަހަތުގައި ވަނީ، އެއާޕޯޓް ހިންގުމަށް ޖީއެމްއާރު އަނބުރާ ގެނައުމުގެ ވިސްނުން ކަމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައިފި އެވެ.

ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ޖޭޕީ އާއި އެމްޑީޕީން މާދަމާ ރޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ތައްޔާރުވެފައި ވަނިކޮށް، އެކަމާ ގުޅުވައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އަކީ ރާއްޖެ އާއި ވަރަށް ގާތް ރަހުމްތެރި ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އެގުޅުމަށް އިހުތިރާމް ކުރައްވާ ކަމަށާއި ނަމަވެސް ޖީއެމްއާރު އަނބުރާ ގެނައުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވި އެވެ. އަދި އެފަދަ މަސައްކަތަކަށް ތާއީދު ކުރެވެން ނޯންނާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މަޖިލީހުގެ އެހެން މެންބަރަކު ވެސް ވިދާޅުވީ އެމްޑީޕީ-ޖޭޕީ އެއްބަސްވުމުގެ ފަހަތުގައި ޖީއެމްއާރު އަނބުރާ ގެނައުމުގެ ވިސްނުންތަކެއް ހުރި ކަމަށް އެކި ގޮތްގޮތުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކަކީ ގަބޫލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ނަން ހާމަ ކުރަން އުޒުވެރިވެ ވަޑައިގަތް އެ މެންބަރު ވިދާޅުވީ، ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތެރެއަށް ވަދެ ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކުން ޖާގަ ދީގެން ނުވާނެ ކަމަށެވެ.

އެކަމަށް އެއްބަސްވެފައިވާ ލިޔުންތަކެއް ލީކުވެފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދާދި ފަހުން ވިދާޅުވެފައި ވަނީ ބޭރުގެ ބޮޑެތި ކުންފުނިތަކާއި އިންވެސްޓަރުންނާއި ބޭރުގެ ބައެއް ގައުމުތަކުން ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލު ކުރަން ކަމަށެވެ. އަދި ޖޭޕީ އާއި އެމްޑީޕީ ގުޅިގެން ކުރާނީ އެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ. ބޭރުގެ ކުންފުނިތަކޭ ނަޝީދު އެ އިޝާރާތް ކުރެއްވީ ޖީއެމްއާރަށް ކަމަށް ގަބޫލު ކުރެވެ އެވެ.

އެމްޑީޕީ އާއި ޖޭޕީގެ ކޯލިޝަން އެގްރިމަންޓް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ދައުރުވި ޑޮކިއުމަންޓެއްގައިވާ ގޮތުގައި ޖޭޕީ އާއި އެމްޑީޕީން ގުޅިގެން ކުރާނީ މި ސަރުކާރު ވައްޓާލުމަށް ކުރާނެ މަސައްކަތްތަކެވެ. އެގޮތުން ކެބިނެޓްގައި ތިއްބެވި ރައީސް ޔާމީނާއި ދެކޮޅު ވަޒީރުން އިސްތިއުފާ ދޭން މަގުފަހި ކުރާނެ އުސޫލުތަކެއް ކަނޑައެޅުމާއި ސަރުކާރާ ދެކޮޅު މައުލޫމާތު ފަތުރައިގެން އާންމުންގެ ނަފުރަތު އުފެއްދުން އަދި ސިފައިންނާއި ފުލުހުންގެ އެހީގައި ސަރުކާރު ބަދަލު ކުރުމުގެ ވާހަކަ އެ ލިޔުމުގައި ހިމަނާފައިވެ އެވެ. އެކަމަކު ޖޭޕީން ވެސް އަދި އެމްޑީޕީން ވެސް އެ ލިޔުން ވަނީ ދޮގުކޮށްފަ އެވެ.

އެމްޑީޕީ އާއި ޖޭޕީން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފެށި ނަމަވެސް އަދާލަތު ޕާޓީ އާއި ޑީއާރުޕީން ނިންމާފައި ވަނީ މި ވަގުތު އެ މަޝްވަރާތަކުގައި ބައިވެރި ނުވުމަށެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތްތައް ޖޭޕީ އަދި އެމްޑީޕީ އެކުވެގެން ފެށީ 65 އަހަރުވުމުން ވެރިކަމަށް ކުރިމަތި ނުލެވޭނެ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމުންނެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ އެވެ.