ވިޔަފާރި

ދުނިޔޭގެ ޓޫރިޒަމަށް ކުރިއެރުން، ރާއްޖޭގެ ޓޫރިޒަމް ހީނަރުކަމުގައި

May 3, 2016
  • އަންދާޒާ ކުރާ އަދަދަށް ޓޫރިސްޓުންނެއް ނާދެ
  • އާމްދަނީއަށް ފަސް ޕަސެންޓްގެ ހީނަރުކަމެއް
  • ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ހީނަރުވަނީ

މިިދިޔަ އަހަރުގެ ތެރޭގައި މުޅި ދުނިޔޭގެ ޓޫރިޒަމް ކުރި އެރި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް އޮތީ ހީނަރުކަމެއްގެ ތެރޭގައި ކަމަށް، މަރުކަޒީ ބޭންކް އެމްއެމްއޭ އިން އާންމު ކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމާ ގުޅޭ މައި ޖަމްއިއްޔާ، ޔޫއެންޑަބްލިއުޓީއޯ ގެ ތަފާސްހިސާބުތަކަށް ބަލައި އެމްއެމްއޭގެ ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ ދެ ޕަސެންޓް ދަށް އަދަދެއް ކަމަށެވެ. އަދި މުޅި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރި ޓޫރިސްޓުންގެ އަދަދު ހަތަރު ޕަސެންޓްގައި ކުރި އެރި ނަމަވެސް، ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ކުރިއަރާފައި ވަނީ ދެ ޕަސެންޓްގައި ކަމަށެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރު ވެސް އެ އަދަދު ހަތް ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އެމްއެމްއޭގެ ރިޕޯޓްގައިވެ އެވެ.

މި ހީނަރުކަން ކުރިމަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރު ޗައިނާ އާއި ރަޝިޔާއިން އިން ރާއްޖެ އައި ޓޫރިސްޓުން މަދުވުމާއި ސްޓޭޓް އޮފް އެމަޖެންސީގެ ސަބަބުން ކުރިމަތިވި ބުކިންތައް ކެންސަލް ކުރުމުގެ މައްސަލަ އެވެ. މި ސަބަބުތަކާ ހުރެ، 75 ޕަސެންޓްގައި ހުރި ޓޫރިސްޓް އޮކިއުޕަންސީ ރޭޓް 67 ޕަސެންޓަށް ވެއްޓިފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި މިދިޔަ އަހަރު ޓޫރިޒަމުން މުޅި ރާއްޖެއަށް ލިބިފައި ވަނީ 2.7 ބިލިއަން ޑޮލަރެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު، ފަސް ޕަސެންޓްގެ ދަށްވުމެއް ކަމަށް އެމްއެމްއޭގެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ޓޫރިޒަމުން ރާއްޖެ އަށް ވަދެފައިވާ ފައިސާގެ އަދަދު ދަށްވީ ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ ރޭގެ ނިސްބަތް ދަށަށް ދިޔުމުންނެވެ. ރިޕޯޓްގައިވާ ގޮތުގައި، މިދިޔަ އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރީ 5.7 ރޭގަ އެވެ. މީގެ ކުރިން އެވްރެޖްކޮށް ހަ ރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވުނު އާ ރިސޯޓްތަކާ އެކު ޓޫރިސްޓް އެނދުގެ އަދަދު ވަނީ ތިން ޕަސެންޓް އިތުރުވެ، 27،748 އެނދަށް އުފުލިފަ އެވެ. އެގޮތުން މުޅިން އަލަށް ހުޅުވި ތިން ރިސޯޓާ އެކު 909 އާ އެނދު ވަނީ ޓޫރިޒަމް މާކެޓަށް މިދިޔަ އަހަރު ނެރެފަ އެވެ. ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ދަށްވި ނަމަވެސް، ގެސްޓް ހައުސްތަކާއި ސަފާރީ ތަކުގެ އޮކިއުޕަންސީ ރޭޓް ވަނީ ބޮޑުތަކުން މައްޗަށް ޖެހިލައިފަ އެވެ. ރިޕޯޓްގައި ހުރި ތަފާސްހިސާބުތަކަށް ބަލާ އިރު، ގެސްޓް ހައުސްތަކުގެ އޮކިއުޕަންސީ ރޭޓް 24 ޕަސެންޓްގައި ހުރި އިރު، އެއީ ފަސް ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ސަފާރީ ބޯޓްތަކުގެ އޮކިއުޕަންސީ 29 ޕަސެންޓްގައި ހުރި އިރު، އެއީ ތިން ޕަސެންޓްގެ ކުރިއެރުމެކެވެ. ރިސޯޓްތަކުގެ އޮކިއުޕަންސީ މުޅި އަހަރުގެ ތެރޭގައި ވެސް ހުރީ 76 ޕަސެންޓްގަ އެވެ. އެއީ ހަ ޕަސެންޓްގެ ދަށްވުމެއް ކަމަސް ރިޕޯޓްގައި ފާހަގަ ކުރެ އެވެ.

ޓޫރިޒަމަށް މިދިޔަ އަހަރު ދެން ކުރިމަތިވި، ހީނަރުކަމަކީ ރިޕޯޓްގައިވާ ގޮތުގައި ޒަމާނުއްސުރެ ޓޫރިސްޓުން ރާއްޖެ އަންނަ މާކެޓްތައް ކަމަށްވާ ޗައިނާގެ މާކެޓް ވަނީ ޕަސެންޓެއް ދަށްވެ، ޗައިނާގެ މީހުންގެ ހިއްސާ 29 ޕަސެންޓް ދަށްވެފަ އެވެ. އެހެން ނަމަވެސް ޔޫކޭ އަދި ޖަރުމަނުން އައި ޓޫރިސްޓުންގެ އަދަދު އަށް ޕަސެންޓާއި ނުވަ ޕަސެންޓް އިތުރުވެފައިވެ އެވެ. އެހެން ނަމަވެސް ރަޝިޔާ މާކެޓް ވަނީ ހަތަރު ޕަސެންޓް ދަށްވެފަ އެވެ. މީގެ އިތުރަށް، ރާއްޖެއަށް ޓޫރިސްޓުން ގެންނަ އެއާލައިންތައް އައި މިންވަރު ވެސް މިދިޔަ އަހަރު އެއް ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.