އެމްޑީޕީ

ނޫސްވެރިންނަށް އެމްޑީޕީއިން ތަހުނިޔާ ކިޔައިފި

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ނޫސްވެރިންނަށް އެމްޑީޕީއިން މަރުހަބާ ކިޔައިފިއެވެ.

އެމްޑީޕީއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މި ސަރުކާރުގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ކުރިއެރުމެއް ލިބުމުގެ ބަދަލުގައި ނޫސްވެރިންނަށް ހައްތަހާވެސް ކުރިމަތިކޮށްފައިވަނީ ބިރުވެރިކަމާއި ގޮންޖެހުންތައް ކަމަށެވެ.

އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށްނެގިތާ 633 ދުވަސް ފާއިތުވެފައިވާއިރު އެ މައްސަލަ ފުރިހަމަގޮތުގައި ފުލުހުން ތަހުގީގުކޮށްފައި ނުވަނީ، އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ބަލާފައި ނުވަނީ، ސީދާ ސަރުކާރުން ގަސްތުގައި އެ މައްސަލަ ބަލަން ބޭނުންނުވާތީކަމުގައި ގަބޫލުކުރެވޭ ކަމަށް އެމްޑީޕީއިން ބުނެ އެވެ. އަދި ރާއްޖެ ޓީވީ އަންދައި އަޅިޔަށް ހަދައިލި މައްސަލައާއި ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑް) އަށް ދިން މަރުގެ ހަމަލާގެ މައްސަލާގައި އިންސާފެއް ހޯދިފައި ނުވާކަން ވެސް އެމްޑީޕީއިން ފާހަގަކުރެ އެވެ.

އެމްޑީޕީއިން ބުނީ އެކަންކަން ބެލުމެއް ނެތި ރާއްޖެ ޓީވީ ގެ ހަތަރު ނޫސްވެރިޔަކަށް ޖިނާއީ ދައުވާ އުފުލައިގެން އެ މައްސަލަތައް ކުރިއަށް ގެންދާ ގެންދިއުމަކީ ހަމަހަމަކަމާއި އިންސާފުގެ ކަންފުޅެއްވެސް ނެތުން ކަމަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އަށާއި ސަންގު ޓީވީއަށް އަމުރުތައްކޮށް ބްރޯޑްކާސްޓްކުރުމުގެ މިނިވަންކަމަށް ތަކުރާރުކޮށް އަރައިގަންނަމުންދާކަން ކަމަށް ބުނެ ވެސް އެމްޑީޕީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.