ވިޔަފާރި

އެމްޓީސީސީ ރިއަލްއެސްޓޭޓް ވިޔަފާރިއަށްވަދެ، ތިލަފުށީގައި ޕޯޓެއް ހަދަން ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ނުކުމެ، ހުޅުމާލޭގައި ހަތަރު ބުރީގެ އިމާރާތަކާއި ތިލަފުށިގައި ޕޯޓެއް ހަދަން ފަށައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން ސީއީއޯ އަބްދުރައްޒާގު ހަލީމް ވިދާޅުވީ އެ ކުންފުނިން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ނުކުމެ ހުޅުމާލޭގައި ހަތަރު ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އިމާރާތުގެ މަސައްކަތް މާޗް މަހު ނިންމާލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން މަސައްކަތް ކުރަމުން ދިޔައީ މެރިން ކޮންސްޓްރަކްޝަންގައި. މިހާރު ރިއަލް އެސްޓޭޓް ވިޔަފާރި ވެސް ފަށައިފިން،" ހަލީމް، އަވަސްއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމަށް އެމްޓީސީސީގެ 100 ޕަސެންޓް ހިއްސާއާއެކު އުފައްދާފައިވާ ކުންފުނި ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރު މަޝްރޫއުތަކަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތުގެ އިތުރުން ތިލަފުށީގައި ކުޑަ ޕޯޓަކާއި ޑޮކިން ފެލިސިލިޓީސްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތިލަފުށީގައި ވިޔަފާރި ފުޅާކުރުމަށް މި ދަނީ މަސައްކަތް ކުރަމުން. އެ މަސައްކަތްތަކުގެ ތިލަފުށީގައި ކުޑަ ޕޯޓެއް ހެދުމުގެ މަސައްކަތް ވެސް އެބަ ކުރަން. ކުޑަ ޕޯޓެއް ހެދުމުގެ ބޭނުމަކީ އެމްޓީސީސީއަށް ބޭނުންވާ ސޭންޑާއި އެގްރިގޭޓް ރާއްޖެއަށް އެތެރެކޮށް ބެހެއްޓުން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޓީސީސީން އިތުރު ވިޔަފާރިތަކަށް ވިސްނުން ހުރިނަމަވެސް، އެންމެ އިސްކަމެއް ދޭނީ ޓްރާންސްޕޯޓާއި އިމާރާތް ކުރުމުގެ ދާއިރާއަށް ކަމަށެވެ.

" އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުރީ ދުވަހު ރައީސް އަލިއަޅުވާލި ފަދައިން. ކުންފުނިތައް އުފައްދާފައިވަނީ ހުރިހާ މަސައްކަތް ތަކެއް ކުރާކަށް ނޫން. ކުންފުނި އުފެއްދިފައިވާ ސަބަބު އެބަޖެހޭ ދެނެ ގަންނަން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ޓޫރިޒަމް ދާއިރާއަށްވެސް ޝައުގުވެރިކަން އެބަހުރި ކަމަށާއި، ނަމަވެސްމ މި ދާއިރާގައި ޝައުގުވެރިކަން ހުރީ ރިސޯޓުގެ އިމާރާތް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ޝައުގުވެރިކަން އެބަހުރި ރިސޯޓް ހަދަން އެފަދަ ރަށެއް ލިބިއްޖެނަމަ ރިސޯޓެއް ޑިވްލޮޕްކުރަން. އެ ކެޕޭސިޓީ ވެސް އެބަހުރި. އެއީ އަޅުގަނޑުމެންގެ ފީލްޑަކީ . އެކަމަކު ރިސޯޓު ހިންގަން ޖެހޭނީ އެހެން ބައެއް. އެކަން ކުރާނީ އެ ފީލްޑުގެ ބޭފުޅުން،" ހަލީމް ވިދާޅުވި އެވެ.