ރިޕޯޓް

މިހުރީ ކުނިވަށި ގަނޑު، އެ އޮތީ ކުނިކޮޅު!؟

  • އޭޓީއެމް ކައިރިއަށް ކަރުދާސް އެޅުން އާއްމު ކަމެއް
  • އާއްމު ދިރިއުޅުމުގައި ވެސް ރީތި އާދައެއް ނުފެނޭ
  • ތީމާވެއްޓަށް ދިވެހިންގެ ލޯ ހުޅުވަން ޖެހޭ

ކަންފަސޭހަ ވިއަސް މި ވަރެއް ނުދެކެމެވެ. މި ފޮޓޯ އިން ތިޔަ ފެނަކީ ބޭންކުގެ އޭޓީއެމްގެ ގޯތި ތެރެ އެވެ. ފައިސާ ނަގާ މެޝިން ހުންނަ "ކޮޓަރި" އެވެ. އޭޓީއެމް ކައިރީގައި ދިވެހި ބަހުން "ޑަސްބިން" ލިޔެފައި އެވަނީ ފައިސާ ނެގުމުން ނުކުންނަ ކުޑަ ކަރުދާސްކޮޅު ވައްޓާލުމަށެވެ. ކުނި ވަށިގަނޑެއްގެ ގޮތުގަ އެވެ. އެކަމަކު އެ ބެހެއްޓުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކުނިވަށި ގަނޑު އެހުރީ އެވެ. ކުނިކޮޅު އޮތްތައް ބަލާށެވެ.

ކޮންމެ މަހެއްނިމި ޖެހިގެން އަންނަ މަސް ފެށޭއިރު ރާއްޖޭގެ ހުރިހާ އޭޓީއެމްތަކެއްގެ ބުޑުން ވެސް ފެންނާނީ ހަމަ މި ތަސްވީރެވެ. އޭޓީއެމް ކައިރި އަށް ކަރުދާސް އަޅައި، މުޅިތަން ގޮނޑުކޮށްފައި ހުންނަ މަންޒަރެވެ. ފައިސާ ނެގުން ނޫނީ އެކައުންޓުގެ ބެލެންސް ބަލައިލުމުން އޭޓީއެމް އިން ނުކުންނަ ކުޑަ ކަރުދާސްކޮޅު ކުނި ވަށިގަނޑަށް ވައްޓާލާނެ ވަގުތެއް ވެސް އަހަރެމެންގެ ނެތީ އެވެ. އެ ހިތްވަރު އަމުދުންނު ވެސް ހައްދަވަނީ އެވެ. މިއީ ޒިންމާދާރު މީހުންގެ ކިބައިގައި ހުންނަން ވާނެ ރިވެތި އާދައެއް ބާ އެވެ؟ މުސާރަ ވެރިންގެ ހާލަތު ހުރި ގޮތް މިފެންނަނީ އެވެ. ދެން މި ނޫން މީހުންގެ ހާލަތަކީ ކޮބައިބާއޭ ސުވާލު ނޫފެދޭނެ ވަރެއް ނޫނެވެ. ކޮންމެ ފަހަރަކު އޭޓީއެމުން ފައިސާ ނަގައިގެން ދަމުން ކަރުދާސްކޮޅު ބޭންކުގެ ދޮރު މައްޗަށް ބޮނޑި ކޮށްލާފައި ހޫރާލުމަކީ ރީތި އާދައެއް ހެޔެވެ؟ މީގައި ތިމާގެ ޒިންމާއެއް ހަމަ ނެތީބާ އެވެ؟

މިފަދަ މަންޒަރުތަކުން އެނގެނީ އަތަށް ކިތަންމެ ރީތި، މޮޅު، ފަހުގެ ސްމާޓް ފޯނެއް އެރިއަސް އަދި ތިމާ ސްމާޓް ނުވާ ކަމެވެ. ތަހުޒީބު ނުވާކަމެވެ. އެކަން މިހެރަގެން ފެންނަނީ އެވެ. މި ފަދަ ޒަމާނެއްގައި އަހަރެމެން މި ތިބެނީ ވަރަށް ހޭލުންތެރިކަމަށް ހެދިގެންނެވެ. ހޭލުންތެރިކަމުގެ ތާކިހާ އަމިއްލަ އަށް ބޮލަށް މަހައިގެންނެވެ. އެކަމަކު މި ފަދަ ފޮޓޯ ތަކުން އެނގެނީ "ގޫގުލް ސްޕީޑާ" ބައިކުޅަ ބައި ވެސް އަހަރެމެންގެ ސިކުނޑި ނުހިނގާ ކަމެވެ. އެހެން ނޫންނަމަ މިހާ ޒިންމާދާރުކަން ކުޑައެއް ނުވާނެ އެވެ. އަޅަ ބުނަނީ ކީކޭ ހެއްޔެވެ؟

ރާއްޖެއަކީ ތިމާވެއްޓަށް ސަމާލުކަން ދޭ ގައުމެއްގެ "ބޯޑު" އަޅުވައިގެން އުޅޭ ގައުމެވެ. އަދި ބޭރު ކަރަކަރައިގެ މީހުންނަށް ކިޔައިދެނީ ދިވެހިންނަކީ ތިމާވެއްޓަށް ވަރަށް ހޭލުންތެރި ބައެއްގެ ގޮތުގަ އެވެ. ބޭރުގައި ބާއްވާ ޖަލްސާތަކުގައިވެސް "މޯލްޑިވްސް" މަސްހޫރުވެފައި އޮންނަނީ ތިމާވެށީގެ ގައުމެއްގެ ގޮތުގަ އެވެ. އެކަންވާނީ ވެސް މިހެންތާ އެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ ބޭރުގެ މެހުމާނުނަށް ފެންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު ކުނި ކަހާ ބޯކިރު ކޮޅެއް ފަދަ ރީތި ގޮނޑު ދޮށެވެ. ދޮންވެލި ތުޑިތަކެވެ. އެކަމަކު އަހަރެމެންގެ ހޭލުންތެރިކަން ހުރި ދަރަޖަ މިނެ ކިރާލެވެނީ މިފަދަ ފޮޓޯތަކުންނެވެ. އޭޓީއެމް ކައިރީގައި އެ ހުރީ ހުސް ކަރުދާހެވެ. މިއީ ފައިސާ ނެގުމުން އަންނަ ރަސީދު އަތުކޮޅަށް ހޫރާލަނީ މަގު މައްޗަށެވެ.