ބޭރު ކުޅިވަރު

ސިޓީއާ ދެކޮޅަށް ކުޅެން ރޮނާލްޑޯ ފިޓްވެއްޖެ

ޗެމްޕިއަންސް ލީގުގައި މިރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ސްޕޭނުގެ ރެއާލް މެޑްރިޑުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފިޓްވެއްޖެ އެވެ.

ކޯޗު ޒައިނުއްދީން ޒިދާން ބުނީ އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ރޮނާލްޑޯ 100 ޕަސެންޓް ފިޓް ކަމަށާއި މެޗުގައި އޭނާ ކުޅޭނެ ކަމަށެވެ.
މި ދެ ޓީމު ސިޓީގެ ދަނޑުގައި މީގެ ހަފުތާއެއް ކުރިން 0-0އިން އެއްވަރުވި މެޗުގައި ރޮނާލްޑޯ ނުކުޅެ އެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.

ނަމަވެސް އޭނާ ކުޅޭތީވެ ސިޓީގެ ކޯޗު ޗިލީގެ މެނުއަލް ޕެލެގްރީނީ ވަނީ އެކަމަށް ސަމާލުވާން އޭނާގެ ކުޅުންތެރިން ގާތު ބުނެފަ އެވެ.
"ރޮނާލްޑޯ އަކީ ތަފާތު ކުޅުންތެރިއެއް. އޭނާ އަކީ ވަރަށް ގިނަ ގޯލުތައް ޖަހާފައިވާ ކުޅުންތެރިއެއް،" ރޮނާލްޑޯގެ ފުރަތަމަ އަހަރު ރެއާލްގެ ކޯޗުކަމުގައި ހުރި ޕެލެގްރީނީ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ވަރަށް ގިނަ ފަހަރު ރޮނާލްޑޯއާ ދެކޮޅަށް ކޯޗުކޮށް، އޭނާ ވަނީ ރޮނާލްޑޯ ހިފަހައްޓާފައި ކަމަށާއި ސިޓިގައި ވެސް އެ ފެންވަރު އެބަހުރި ކަމަށެވެ.

"އަހަންނަކަށް ހިޔެއްނުވޭ ރެއާލް އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ (އެކަނި)ހެން. އަހަރުމެން ޓީމެއްގެ ގޮތުގައި ޑިފެންސް ކުރަންޖެހޭނީ،" ޕެލެގްރީނީ ބުންޏެވެ.