ވިޔަފާރި

ޗައިނާއަށް މަސް ބޭރު ކުރުމުގެ ހުއްދަ ދިވެހި ކުންފުނިތަކަށް ދޭން މަސައްކަތް ފަށައިފި

May 4, 2016

ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ޗައިނާއަށް ބޭރު ކުރުމުގެ ހުއްދަ ދިނުމަށް އެ ގައުމުގެ ކަމާ ގުޅޭ ވަފުދެއް ރާއްޖެ އައިސް މަސައްކަތްތައް ފަށައިގެންފި އެވެ.

އެ ގޮތުން އިއްޔެ ރާއްޖެ އައިސްފައި ވަނީ، ޗައިނާއަށް އެތެރެ ކުރާ އަދި ބޭރު ކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރާ އެ ގައުމުގެ އިދާރާ، އޭކިއުއެސްއައިކިއު ގެ ހަތަރު އޮފިޝަލެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެޓީމްގެ މަސައްކަތަކަށް ވާނީ ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ތައްޔާރު ކުރަނީ ޗައިނާއަށް އެތެރެ ކުރޭ ވަރުގެ ކޮލިޓީއެއްގައި ކަން ބަލައި ކަށަވަރު ކުރުމެވެ. އެގޮތުން މިފްކޯ އާއި އެންސިސް އަދި އެހެން ވެސް ބައެއް މަސް ކުންފުނިތަކާ ބައްދަލު ކުރުމާއި މަސް ތައްޔާރު ކުރާ ޕްލާންޓްތަކަށް ޒިޔާރަތްކޮށް އެ ވަފުދުން މައުލޫމާތު އެއްކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެއްކުރެވޭ މައުލޫމާތުތަކަށް ފަހު، ރާއްޖޭގައި އުފައްދާ މަސް ޗައިނާއަށް އެތެރެ ކުރުމުގެ ހުއްދަ ދިވެހި ކުންފުނިތަކަށް ދޭން ނިންމާފައިވާ ކަމަށް ވެސް އޮފިޝަަލް ވިދާޅުވި އެވެ. ރާއްޖޭގެ މަސް މިހާރު ޗައިނާގެ މާކެޓަކަށް އެސްޕޯޓެއް ނުކުރެ އެވެ. ދިވެހި މަސް އެންމެ ގިިނައިން ބޭރު ކުރަނީ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ ބައްރު އަދި އޭޝިޔާގެ ބައެއް ގައުމުތަކަށެވެ.

އޭކިއުއެސްއައިކިއު ގެ ބޭފުޅުން އިއްޔެ ވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އަދި އެންމެ ގިނައިން މަހުގެ ބާވަތްތައް ތައްޔާރު ކުރާ އެއްކުންފުނި އެންސިސްއާ ބައްދަލު ކޮށްފަ އެވެ.

އީޔޫއަށް އެތެރެ ކުރާ މަހުގެ ޑިއުޓީއަށް ދެމުން އައި އިނާޔަތްތައް ހުއްޓާލުމާ ގުޅިގެން މަހުގެ އެކްސްޕޯޓަށް ބޮޑު ހީނަރުކަމެއް ލިބިފައިވެ އެވެ. ރާއްޖެއިން އަންނަނީ މަސް އެކްސްޕޯޓް ކުރާނެ އިތުރު މާކެޓްތައް ހޯދަމުންނެވެ. އެގޮތުން މެދުއިރުމަތީގެ މާކެޓަށް މަސް ބޭރު ކުރަން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

ރާއްޖެ އާއި ޗައިނާ އިން އެކުލަވާލާ ފްރީ ޓްރޭޑް އެއްބަސްވުމުގައި ރާއްޖެއިން ޗައިނާއަށް ބޭރު ކުރާ މަހަށް ޑިއުޓީއެއް ކަނޑާލުމަށް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. މިއަހަރުގެ ތެރޭގައި އެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ލަފާކޮށްފަ އެވެ.