ހަބަރު

ވަގަށް ދޫނިތަކެއް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި

ބެންކޮކުން ރާއްޖެ އައި މީހަކު ދޫނިތަކަކާއި އޭގެ ބިސްތަކެއް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު ބެންކޮކުން މާލެއައި އުމުރުން 35 އަހަރުގެ ދިވެއްސެއްގެ އަތުން، ދުނިތަކަކާއި އޭގެ ދޫނި ބިސްތަކެއް ވަނީ އަތުލައިގެންފައި ކަމަށެވެ. ދޫންޏާއި ގަސްގަހާ ގެހި ފަދަ ތަކެތި ރާއްޖެ އެތެރެ ކުރެވޭނީ، ފިޝަރީޒް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ނަގައިގެން، އެކަމުގެ ހުއްދަ އޮންނަ ފަރާތްތަކަށެވެ.

ކަސްޓަމްސް އިން ބުނީ، އެ މީހާގެ އަތުން ފެނުނު 11 ދޫނި ހުރީ، އެކަމަށް ހާއްސަ ކުރެވިފައިވާ ފޮށިތަކެއްގައި ބަންދުކޮށް، އޭނާ ލަގަޖުގެ ގޮތުގައި ބޭނުން ކުރި ބްރިފްކޭހެއްގެ ތެރެއަށް ލާފައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ގްރީން ޗީކް އަދި ދެ ބާޒު ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެ ތަކެތި ހުރީ އެކަމަށް ހާއްސަ ފޮށިތަކެއްގައި ބަންދުކޮށްފައި ކަމަށާއި އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗައާ ހަވާލުކޮށްފަ އެވެ.

މީގެއިތުރުން ސްރީލަންކަން އެއާލައިންސް އިން ރާއްޖެއައި ދިވެހި އަންހެނެއްގެ ފޮށިތަންމަތި ބަލައިފާސްކުރުމުގެ ތެރޭގައި 762 ގްރާމް ހެރޮއިން އަތުލައިގަނެވިފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ. މީގެ އިތުރަށް މި މަހުގެ ތިން ވަނަ ދުވަހު، ސްރީލަންކާ އެއާލައިންސް އިން ރާއްޖެ އައި މީހެއްގެ ފޮށިތަންމަތި އެކްސްރޭކުރުމުގެ ތެރޭގައި އޭނާއާ މެދު އެއާޕޯޓްގެ ޕެސެންޖާ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ފޮށިތަކެއް ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މިކޭސްތަކުގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ. އެ ދެކޭހުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނަކީ 1.7 ކިލޯއެވެ.