ހަބަރު

ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ކުރީގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ފަރާތުން ހަބް ކޮމްޕެނީން ހޯދާފައިވާ ޚިދުމަތްތަކަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ތާއީދުކުރީ ހަބް ކޮމްޕެނީއަށް 718،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން އޭޕްރީލް، 2014 ގައި ސިވިލް ކޯޓުން ކުރި ހުކުމަށެވެ. އެ ހުކުމް ޑީއާރުޕީގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެނެވެން ނެތް ކަމަށެވެ.

އެ ފައިސާ ދައްކަން ސިވިލް ކޯޓުގެ ހުކުމުގައި ޑީއާރުޕީއަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިގެން އެ ޕާޓީ ޖޫރިމަނާ ކުރަން ވެސް ކޯޓުން މިދިޔަ އޮގަސްޓް މަހު ހުކުމްކުރި އެވެ.

ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަބަށް ދައްކަން ޑީއާރުޕީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓިއިރު އެމްޓީސީސީއަށް 1.1 މިލިއަން ރުފިޔާ ދައްކަން މިދިޔަ އޮކްޓޫބަރު މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި ޑީއާރުޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން އެ ޕާޓީ ބައިބައިވެގެން ގޮސްފައިވާއިރު އެތައް މިލިއަން ރުފިޔާގެ ދަރަންޏަކާ އެކު އެ ޕާޓީ އޮތީ "އައިސީޔޫގައި" ކަމަށް އެ ޕާޓީގެ މިހާރު ރައީސް މުހައްމަދު ނަޝީދު(ކާނަލް) ވަނީ ވިދާޅުވެފަ އެވެ.