ވިޔަފާރި

ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ "ކިލިބް" އެސްޓީއޯއިން ތައާރަފްކޮށްފި

ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް ހާއްސަކޮށްފައިވާ ކްރީމެއް އެސްޓީއޯ އިން މިއަދު މާކެޓެއް ނެރެ ވިއްކަން ފަށައިފި އެވެ.

އެސްޓީއޯއިން އަލަށް ތައާރަފް ކުރި "ކިލިބް" ނަމަކަށް ކިޔާ މި ކްރީމަކީ ގަލްޑޭމާ ކުންފުނިން އުފައްދާ ޕްރޮޑަކްޓެކެވެ.

ކިލިބްގެ ކްރީމް ބާޒާރަށް ނެރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގަލްޑޭމާގެ ކުންފުނީގެ ބިޒްނަސް ޔުނިޓް ހެޑް ސަންދީޕް ރެއްޑީ ވިދާޅުވީ ގަލްޑޭމާ އަކީ، ހަމުގެ ބަލިތަކުން ސަލާމަތްވުމަށް ހާއްސަ، ޕްރޮޑަކްޓުތައް އުފައްދައި ދުނިޔޭގެ އެކި ހިސާބުގައި ވިއްކަމުން އަންނަ ބްރޭންޑެއް ކަމަށެވެ. އަދި މިފަހުން ނެރުނު ގިނަ ޕްރޮޑަކްޓްތަކަކީ، އިސްތަށިގަނޑަށް ފަރުވާ ކުރުމަށް ހާއްސަކޮށްފައިވާ ތަކެތި ކަމަށް ސަންދީޕް ވިދާޅުވި އެވެ. ކިލިބް އަކީ ގިނަ ބައެއް ތަޖުރިބާ ކުރުމަށް ފަހު، އިސްތަށި ފޭބުމުގެ މައްސަލަ ހައްލު ކުރުމަށް ގިނަ ތަހުލީލުތަކެއް ހަދައި އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށް ވެސް ސަންދީޕް ވިދާޅުވި އެވެ.

"ހާއްސަކޮށް އަންހެނުން ވިހެއުމަށް ފަހު އާދަޔާ ހިލާފަށް އިސްތަށި ފޭބުމުގެ މައްސަލަވެސް ދިމާވޭ. އެހެންވީމައި އެކަމަށް ހަދާފައި ހުރި ޕްރޮޑަކްޓެއް މިއީ. މިއީ ކްލިނިކަލީ ޕްރޫވަން ޕްރޮޑަކްޓެއް. އެހެންވީމައި ގިނަ ކަސްޓަމަރުން ތަޖުރިބާކޮށް ބޮޑު ތަރުހީބެއް ލިބިފައިވާ ޕްރޮޑަކްޓެއް މިއީ،" ސަންދީޕް ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނީ މި ކްރީމް އަންނަ ހަފްތާއިން ފެށިގެން ވިއްކަން ފަށާނެ ކަމަށާއި އެސްޓީއޯގެ ސުޕަ މާކެޓުތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި ވިއްކަނީ 335 ރުފިޔާއަށް ކަމަށެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ ގަލްޑޭމާ އާއި ބޭރު ޑޮކްޓަރުން ގުޅިގެން ރާއްޖޭގެ ޑޮކްޓަރުންނާ އެކު ބައްދަލު ވުމެއް މާދަމާ ބާއްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި އިސްތަށިގަނޑަށް އާންމުކޮށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށް ވެސް ބުންޏެވެ.