ރިޕޯޓް

މެނޭޖްމަންޓަކީ ކޮބާ؟ ފުރިހަމަ މެނޭޖްމަންޓެއްގެ ބޭނުމަކީ ކޮބާ؟

May 7, 2016
1

ދިވެހިންގެ ވިޔަފާރިތަކުގެ ތެރެއިން ވަކިން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ގިނަ ވިޔަފާރިއަކީ، ދިރިއުޅޭނެ މަގެއް ހޯދުމުގެ މަޤްޞަދުގައި ވަރަށް އާދައިގެ ގޮތެއްގައި ފައްޓާފައިވާ ވިޔަފާރިތަކެވެ. މިގޮތުން ވިޔަފާރި ފައްޓާ މީހާއަކީ ކޮންމެހެން ވިޔަފާރިއެއް ހިންގުމުގެ ދާއިރާގައި މާގިނަ ކަންތައްތަކެއް އެނގިގެން ވިޔަފާރި ހިންގާ މީހަކަށް ގިނަފަހަރު ނުވެއެވެ. އަދި އެހެންވާކަށްވެސް ކޮންމެހެން ނުވެސްޖެހެއެވެ. އެހެންނަމަވެސް، ކޮންމެ ކަމެއްވެސް، އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅުގޮތް އެނގިގެން ކުރުމާ، އެނޫންގޮތަކަށް ކުރުމާ މިއީ އެކަމުން ނުކުންނަ ނަތީޖާގައި ހާސްބައި ތަފާތުވެދާނެ ކަންކަމެވެ.

މިސާލަކަށް، ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދާން ފުރާ ދޯނި، އެ ދާންއުޅޭ ރަށަށް ދާން އޮންނަ އެންމެ ކުރު މަގު އެނގިގެން ދުއްވާ ދުއްވުމާއި، އެންމެ ކުރުމަގު ނޭގުނު ނަމަވެސް، ދާންވީ މިސްރާބު ކޮންމެވެސް މިންވަރަކަށް އެނގި، އެހެން ރަށްރަށް ބަލަމުން ދުއްވުމާއި ވަރަށް ތަފާތުވާނެއެވެ. ދާންވާ އެންމެ ކުރުމަގު އެނގިގެން އޮޔަށާއި ވަޔަށް ކެނޑުމަށްފަހު ރަނގަޅު މިސްރާބަށް ދުއްވާ ކައްޕިތާނު، އޭނާގެ އޮޑިޔާއި ފަޅުވެރިންނާއިގެން އެ ދާންއުޅޭ ރަށަކަށް ދާލެއް އަވަސްވެފައި، އެ ދަތުރު ކުރުމަށް ކުރަންޖެހޭ ޚަރަދު، ސީދާ ދާންވީ މިސްރާބާއި އޮޔާއި ވައި ނޭގި ދުއްވާ ކައްޕިތާނު ދުއްވާ އޮޑީގެ ޚަރަދުތަކަށްވުރެ ހަމަގައިމުވެސް ކުޑަވާނެއެވެ.

ހަމަ މިބީދައިން، ހިންގުމުގެ ދާއިރާ ރަނގަޅަށް ދަންނަ ވިޔަފާރިވެރިޔާގެ ހިންގުންތެރި ކަމާއި، އެފަންނު ރަނގަޅަށް ނޭގި ވިޔަފާރި ހިންގާ ވިޔަފާރިވެރިޔާއާއި ދެމެދުވެސް ހަމަ މިފަރަގު ހުންނާނެ އެވެ. ހިންގުމުގެ ފަންނުވެރިކަމާއި ވައްޓަފާޅި އާއި ބީރައްޓެހި ވިޔަފާރިވެރިޔާ، އޭނާގެ ވިޔަފާރިން ހިންގުމުގައި ކުރަން ނުޖެހޭ ޚަރަދުތައް ކުރުމާއި، ކަންތައްތައް ކުރެވޭގޮތުގެ ސަބަބުން މަސައްކަތާއި ވަގުތު އަދި ފައިސާ ބޭކާރުގޮތުގައި ޚަރަދުވާ ފަހަރުތައް އަންނާނެއެވެ.

އެހެންކަމުން މެނޭޖްމަންޓް ނުވަތަ ހިންގުތެރިކަމާބެހޭގޮތުން ކޮންމެވެސް ވަރަކަށް މި ލިޔުމުގައި އަލިއަޅުވާލެވޭތޯ ބަލާލާނަމެވެ.

ދިވެހިބަހުން "މެނޭޖްމަންޓް" މިބަހާއި އެންމެ ގުޅޭ އެއް މާނައެއް ކަމުގައި އަޅުގަނޑަށް ފެންނަނީ ހިންގުން ނުވަތަ ހިންގުންތެރިކަމެވެ. ދިވެހި ރަދީފުގައި ބަޔާންކޮށްފައި އޮންނަގޮތުން، "ހިންގުން" މިބަހުގެ މާނައަކީ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމެވެ. އަދި "ހިންގުންތެރިކަން" މިބަހުގެ މާނައަކީ ގިނަ ކަންތައްތަކެއް ފުރިހަމައަށް ކުރިއަށް ގެންދިއުމުގެ ކުޅަދާނަކަން ލިބިގެންވުމެވެ. އެހެންކަމުން މި ލިޔުމުގައި އަޅުގަނޑު ހިންގުން ނުވަތަ ހިންގުންތެރިކަމުގެ މާނައިގައި މިބޭނުންކުރަނީ މެނޭޖް ކުރުން ނުވަތަ މެނޭޖްމަންޓެވެ.

މެނޭޖްމަންޓާއި ބެހޭ ފޮތްފޮތުގައި މެނޭޖްމަންޓް އަކީ ކޮންއެއްޗެއްކަން ބުނެދިނުމަށް ބަޔާންކޮށްފައި ހުންނަގޮތަށް ބަލާލާއިރު، މެނޭޖްމަންޓަކީ ކަނޑައެޅިފައިވާ ވަކި ލަނޑުދަނޑިއެއް ޙާޞިލްކުރުމަށްޓަކައި މެނޭޖަރަކު ކުރާ ކަންތައްތަކެކެވެ.

މެނޭޖްކުރުމަށް ކުރަންޖެހެނީ ކޮންކަމެއްތޯ ބަލާލަމާތޯއެވެ. އާދެ، ހިންގުމުގައި ހިމެނޭ ކަންތަކަކީ، ޕްލޭނިންގް ނުވަތަ ރޭވުމާއި، އޯގަނައިޒިން ނުވަތަ އިންތިޒާމް ކުރުމާއި އިންފްލުއެންސިން ނުވަތަ ނުފޫޒު ފޯރުވުމާއި ކޮންޓްރޯލް ކުރުމެވެ.

މެނޭޖްމަންޓާއި ބެހޭ ބައެއް ލިޔުން ތަކުގައި މިނޫން އެހެން ކަންތައްތައްވެސް ބަޔާން ކޮށްފައި ހުރެއެވެ. މިގޮތުން އެހެން ފޮތެއްގައި ބަޔާން ކުރާގޮތުން، މެނޭޖްމަންޓަކީ، ކަނޑައެޅިފައިވާ ލަނޑުދަނޑިއެއް ޙާސިލްކުރުމަށްޓަކައި ސްޓެރްޓެޖިކް ޕްލޭން ހެދުމާއި، ޙާސިލްކުރާނެ މަޤްޞަދު ތައް (އޮބްޖެކްޓިވްސް) ކަނޑައެޅުމާއި، ލިބެންހުރި އިންސާނީ، މާލީ، އަދި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން ކަނޑައެޅިފައިވާ ލަނޑުދަނޑިއެއް ޙޞިލްކުރުމަށް މަސައްކަތްކުރުމެވެ. އަދި މިލަނޑުދަނޑި ޙާޞިލްވަމުންދާ މިންވަރު ވަޒަންކުރަމުން ގެންދިއުމެވެ.

މިއިން ކޮންމެ ގޮތަކަށް ބަލާލިނަމަވެސް، ހިންގުމަކީ، ކަނޑައެޅިފައިވާ ލަނޑުދަނޑިއެއް ޙާޞިލް ކުރުމަށްޓަކައި ރޭވުންތެރިކަމާއިއެކު މަސައްކަތްކުރުންކަން ހާމަވެގެން ދެއެވެ. ވީއިރު، ރަނގަޅުގޮތެއްގައި ވިޔަފާރިއެއް ނުވަތަ އެނޫންވެސް އިދާރާއެއް ނުވަތަ މަސައްކަތެއް މެނޭޖްކުރުމަށްޓަކައި، ކޮންމެހެން މުހިންމު ކަންތައްތަކެއް މީގެތެރެއިން އެބަ ފާހަގަ ކުރެވިގެން ދޭ އެހެންނޫންތޯއެވެ.

މީގެތެރެއިން އެންމެ ފުރަތަމަ ކަމަކީ، އަދި އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އެންމެ މުހިންމު ކަމަކީ ޕްލޭން ކުރުމެވެ. ނުވަތަ ސްޓްރެޓެޖިކް ޕްލޭން އެއް އެކުލަވާލުމެވެ. ސްޓްރެޓެޖިކް ޕްލޭންއަކީ، ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން، ކުރިމަތިވެދާނެ ހުރަސްތަކާއި ދަތިތައް ގިރާކޮށްފައި ބޭނުންވާ ލަނޑުދަނޑިއެއް ނުވަތަ ލަނޑުދަނޑިތަކެއް ޙާސިލްކުރާނެ ގޮތް ބަޔާންކުރާ ޕްލޭން އެކެވެ. -- މާތްﷲ ގެ ވާގިފުޅާއިއެކު، ސްޓްރެޓެޖިކް ޕްލޭނިންގ އާއި ބެހޭގޮތުން އެހެން ލިޔުމެއްގައި ތަންކޮޅެއް ތަފްސީލުކޮށް އަލިއަޅުވާލަން ގަސްދު ކުރަމެވެ. --

ދެވަނަކަމަކީ އޯގަނައިޒް ކުރުމެވެ، ނުވަތަ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތްތައް އިންތިޒާމް ކުރުމެވެ. މީގެތެރޭގައި އެކިއެކި މަސައްކަތްތައް ހިންގާނެ ގޮތްތައް އިންތިޒާމް ކުރުމާއި، ވިޔަފާރީގެ މަޤްޞަދުތައް ޙާސިލްކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް އިންތިޒާމް ކުރުންފަދަ ކަންތައްތައް ހިމެނިގެންވެއެވެ.

ތިންވަނަ ކަމަކަށް ފާހަގަ ކުރެވޭ ކަމަކީ ނުފޫޒު ފޯރުވުމެވެ. ނުފޫޒު ފޯރުވުމުގެ ތެރޭގައި މަސައްކަތްތައް ކުރަންވީ ގޮތް ބުނެދިނުމާއި، މަސައްކަތަށް އަހުލުވެރިކުރުން (މޯޓިވޭޓިން) އަދި މަސައްކަތަށް ބޭނުންވާ ތަމްރީނު ދިނުން ފަދަ ކަންތައް ހިމެނިގެންވެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ނުފޫޒުފޯރުވުމޭ ބުނެވާ ބަހުގެ މާނައަކީ، އެ އޯގަނައިޒޭޝަންއެއްގެ މުވައްޒަފުންގެ މަސައްކަތް ގެންދަން ބޭނުންވާ މިސްރާބަކަށާއި، ކުރިއަށް ގެންދަން ބޭނުންވާ ގޮތަކަށް ބައްޓަށްކުރުވުމަށް ކުރާ ހުރިހާ މަސައްކަތްތަކެކެވެ.

އެންމެ ފަހު، ކަމަކީ ކޮންޓްރޯލް ކުރުމުގެ މަސައްކަތެވެ. މިމަސައްކަތުގައި ހިމެނޭނީ، އެއޯގަނައިޒޭޝަނެއްގެ މަސައްކަތްތައް ކުރެވޭ މިންވަރު ވަޒަންކުރުމާ، ކުރަން ކަނޑައަޅާފައިވާ މިންގަނޑުތަކަށް މަސައްކަތްތައް ކުރެވޭތޯ ބެލުމާއި، މިދެކަންތައް އަޅާކިޔުމަށްފަހު މަސައްކަތްތައް ކުރާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.

މިއިން ކޮންމެ ކަމަކީވެސް ހިންގުމުގެ ދާއިރާގައި ކޮންމެހެން މުހިންމު ކަންތައްތަކެވެ. އަދި ފާހަގަކުރެވޭގޮތުގައި އަޅުގަނޑުގެމެންގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކަންތައްތަކެވެ.

ކުޑަ މިސާލެއް ދަންނަވާލާނަމެވެ. އަނެއްކާވެސް ދަތުރެއްގެ މިސާލެވެ. ތިޔަބޭފުޅާ ބޭނުންފުޅުވެވަޑައިގަންނަވަނީ މާލެއިން ހދ. މަކުނުދޫއަށް ވަޑައިގެންނެވުމަށްކަމަށް ބަލަމާތޯއެވެ. މަކުނުދޫއަށް ވަޑައިގެންނެވުން އެއީ ކުރަން ބޭނުން ކަންތައް ކަމުގައި ވީނަމަވެސް އެކަން ކުރާނެ ގޮތެއް ކަނޑަނާޅާހާ ހިނދަކު އެއީ ހަމައެކަނި ހިތުގެ އެދުމެކެވެ. ވީމާ ކާމިޔާބުކަމާއެކު މަކުނުދޫއަށް ވަޑައިގެންނެވުމަށްޓަކައި ޕްލޭންއެއް އެބަ ބޭނުންވެއެވެ. އާދެ މި ޕްލޭނަކީ، މާލެ އިން ހުޅުލެއަށް ފެރީ އެއްގައި ވަޑައިގެންނެވުމާއި، ހުޅުލެއިން ވައިގެ މަގުން ހަނިމާދޫއަށް ވަޑައިގަތުމާއި، ހަނިމާދޫއިން ކަނޑުމަގުން މަކުނދޫއަށް ވަޑައިގަތުމެވެ.

ޕްލޭން ކަނޑައެޅުއްވުމަށްފަހު ދެން އޮތީ އޯގަނައިޒް ކުރެއްވުމެވެ. ޓިކެޓް ބުކް ކުރެއްވުމާއި، ހަނިމާދޫ އިން މަކުނުދޫއަށް ވަޑައިގަންނަވާނެ ޓްރާސްންޕޯޓް ހަމަޖެއްސެވުން ފަދަ ކަންތައްތަކެވެ. ދެންއޮތީ މުވައްޒަފުން ލައްވާ، ތިޔަ ބޭފުޅާ އެންމެ އެދިވަޑައިގަންނަވާ ގޮތަށް މިދަތުރު ގެ ކަންތައްތައް އިންތިޒާމު ކުރުވުމުގެ މަސައްކަތެވެ. އާދެ ނުފޫޒު ފޯރުވުން ނުވަތަ އިންފްލުއެންސް ކުރުވުމުގެ މަރުޙަލާއެވެ. އަދި އެއަށްފަހު ދަތުރު ނިންމަވާލެއްވުމަށްފަހު ކޮންޓްރޯލް ކުރެއްވުމުގެ މަރުޙަލާއެވެ. ދަތުރުގެ އިންތިޒާމް ތައް ހަމަޖެހިފައިވަނީ އެންމެ ރަނގަޅަށް ނޫންކަމުގައި ވާނަމަ، އެހެން ދިމާވާން ޖެހުނު މައްސަލަ ބައްލަވާ، އެކަމަށް ކަނޑައަޅާފައިވާ މިންގަނޑަށް އެކަން ކުރެވުނުތޯ ބައްލަވާ، ކުރިއަށް އޮތް ތަނުގައި ކަންތައްތައް ހަރުދަނާ ކުރެއްވުމުގެ މަރުހަލާއެވެ.

އެންމެ ފުރިހަމަގޮތުގައި މެނޭޖްކުރެވުނުނަމަ، އެއްވެސް ދަތިކަމެއް ދިމާނުވެ މިދަތުރު ނިންމާލެވުނީސްކަން ޔަޤީނެވެ. އެހެންނަމަވެސް މެނޭޖްކުރުމުގައި ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން، ހަނިމާދޫއަށް ވަޑައިގެންފައި ބައްލަވާލައްވާއިރު މަކުނުދޫއަށް ދަތުރުކުރައްވާނެ ލާންޗު ހަމަޖެހިފައި ނެތްނަމަ، އެވަގުތުން ލާންޗެއް ހޯއްދެވުމަށް އެތައް ވަގުތެއް ބާކާރުވެގެން ދިޔައީސްކަން ކަށަވަރެވެ. އެހެންނަމަވެސް ކޮންޓްރޯލް ކުރުމުގެ މަރުޙަލާގައި އެކަމާމެދު މަޝްވަރާކުރައްވާ ދެން އެމައްސަލަ ކުރިމަތި ނުވާނެގޮތަށް ކަންކަން ރާވާލައްވައިފިނަމަ، ކުރިއަށް ހުރި ދަތުރުފުޅުތައް މާފަސޭހަ ކަމާއިއެކު ކުރިއަށް ގެންދެވޭނެކަން ޔަޤީނެވެ.

އާދެ ވަރަށް ކުޑަގޮތަކަށް ދަންނަވާލެވޭތޯ މިމަސައްކަތް ކުރީ މެނޭޖްމަންޓަކީ ކޮންއެއްޗެއް ކަމާއި ރަނގަޅުގޮތުގައި މެނޭޖްކުރުމުގެ ފައިދާ ތަކުގެ މައްޗަށެވެ. ފައިދާކުރަނިވި މަޢުލޫމާތު ކޮޅެއްކަމުގައި އުންމީދުކުރަމެވެ.

* މިކަމާ ގުޅޭގޮތުން، އަދި މެނޭޖްމަންޓުގެ މިނޫން ދާއިރާތަކާއި ގުޅޭގޮތުންވ www.bizconsultancy.co/blog ގައި އެކި ލިޔުންތައް ޝާއިޢު ކޮށްފައި ހުންނާނެއެވެ.

އަލީ އާމިރު

އެޑިޓަރުގެ ނޯޓް: މ. އާސްތާނާ އަލީ އާމިރަކީ، ހިންގުމާއި މެނޭޖްމަންޓްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އާމިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވެއެވެ. ލިޔުއްވުމަކީ އޭނާގެ އާއިލާގެ ތެރެއިން އައިސްފައިވާ އޭނާގެ ވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެކެވެ.