ޓޫރިޒަމް

އިޓަލީ ކުންފުންޏަކުން ރާއްޖޭގައި ހަދާ ފަސްތަރީގެ ފުރަތަމަ ރިސޯޓް އަންނަ އަހަރު ހުޅުވަނީ

May 7, 2016
  • ހުޅުވަނީ އަންނަ އަހަރު ކުރީކޮޅު
  • މާގައުގައި 99 ވިލާ ހުންނާނެ
  • ރިސޯޓް ހަދަނީ ބަގްލިއޯނީ ކުންފުނިން

އިޓަލީ ކުންފުންޏަކުން ރާއްޖޭގައި ހަދާ ފަސް ތަރީގެ ފުރަތަމަ ރިސޯޓު އަންނަ އަހަރު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން ދ. މާގައުގައި އިޓަލީގެ ކުންފުންޏެއް ކަމަށްވާ ބަގްލިއޯނީ ހޮޓެލްސްއިން ތަރައްގީ ކުރަމުން ގެންދާ މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގަ އެވެ.

ބަގްލިއޯނީ ހޮޓެލްސް އިން މާގައުގައި ތަރައްގީ ކުރާ ރިސޯޓުގައި 99 ވިލާ އާއި ތިން ރެސްޓޯރެންޓް އަދި ސުވިމިން ޕޫލާއި ބާ އަދި ސްޕާފަދަ ވަސީލަތްތައް ހުންނާނެ އެވެ.

އެ ކުންފުނީގެ ސީއީ ގުލިޓާނީ ޕޮލީތޯ ވިދާޅުވީ މި ރިސޯޓު ހުޅުވުމުގެ ސަބަބުން އެ ކުންފުނީގެ އާމްދަނީ ހީކުރާ ވަރަށްވުރެވެސް މަތިވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބަގްލިއޯނީ ކުންފުނި އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 55 މިލިއަން ޕައުންޑުގެ އާމްދަނީ އަންނަ އަހަރު 58 މިލިއަން ޕައުންޑަށް އިތުރު ވެގެންދާނެ އެވެ.

އެ ކުންފުނިން ދަނީ ރާއްޖޭގެ އިތުރުން މެދުއިރުމައްޗާއި އެމެރިކާގައިވެސް ރިސޯޓު ތަރައްގީ ކުރަން ތައްޔާރު ވަމުންނެވެ.