- މިއަހަރު އިމާރާތް ކުރުމުގެ ދާއިރާ 51 ޕަސެންޓް ކުރިއަރާނެ
- ކުންފުނިތަކުގެ މާލީ ހާލަތަށް ލިބުނު މާ ބޮޑު ކުރިއެރުމެއް ނެތް
- ޕްރޮޖެކްޓްތަކުން ފައިސާ ނުލިބުމުގެ މައްސަލަ ބޮޑު
މި އަހަރުގެ ފުރަތަމަ ކުއާޓާ ނޫނީ، އަހަރުގެ ފުރަތަމަ، ތިން މަސް ދުވަހުގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމުކޮށްފައިވާ، މިއަހަރުގެ ފުރަތަމަ ކުއާޓާގެ ބިޒްނަސް ސާވޭ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އިމާރާތް ކުރުމުގެ ޕްރޮޖަކްޓްތައް ހިންގި އަދަދު މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހާ އަޅާބަލާއިރު 79 ޕަސެންޓް އިތުރުވެ، މި ދާއިރާ އިން އުފެދުނު ވަޒީފާގެ ފުރުސަތުތައް ވަނީ އިތުރުވެފަ އެވެ.
ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބޮޑު ބަޔަކީ ބިދޭސީންނެވެ.
އެމްއެމްއޭ އިން އަންދާޒާ ކޮށްފައިވާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓާގައި އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތައް ފުރަތަމަ ކުއާޓާއަށްވުރެ 51 ޕަސެންޓު އިތުރުވާނެ ކަމަށެވެ.
އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތައް އިތުރުވާނެ ކަމަށް މަރުކަޒީ ބޭންކުން އަންދާޒާކޮށްފައިވާއިރު، ސަރުކާރުން ވަނީ ސޯޝަލް ހައުސިންގެ ގިނަ މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވެފަ އެވެ. އަދި ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ދަށް ކުރަމުން ދިއުމުގެ ސަބަބުން އިމާރާތް ކުރުމަށް ލޯނު ނަގާ އަދަދު އިތުރުވެފައިވާ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
ބިޒްނަސް ސާވޭގައި ބައިވެރިވި، ގިނަ ވިޔަފާރިތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި، އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި ގަންނަން ލިބުނު އަގުތައް މިދިޔަ ކުއާޓާގައި ބޮޑުވެފައިވާ އިރު، މުވައްޒަފުންނަށް ކުރަން ޖެހޭ ހަރަދުތައް ވެސް ވަނީ ބޮޑުވެގެން ގޮސްފަ އެވެ. ނަތީޖާއެއްގެ ގޮތުން ސާވޭގައި ބައިވެރިވި 50 ޕަސެންޓް ވިޔަފާރިވެރިން ބުނެފައި ވަނީ އެ މީހުން ނަގާ އަގުތައް ވަރަށް ބޮޑުތަން ބޮޑުވެފައިވާ ކަމަށެވެ. އަދި 65 ޕަސެންޓް ވިޔަފާރިތަކުން ބުނަނީ އެ މީހުންގެ މާލީ ހާލަތު ހުރީ ހަމަ ހުރި ހިސާބުގައި ކަމަށެވެ. އަދި 57 ޕަސެންޓް ވިޔަފާރިވެރިން ބުނެފައި ވަނީ ވިޔަފާރި ކުރަން ބޭނުންވާ ކެޕިޓަލް ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
ވިޔަފާރިތަކުން ފާހަގަކުރާ ގޮތުގައި ކޮންސްޓްރަކްޝަން ދާއިރާއަށް އޮތް އެންމެ ބޮޑެތި ގޮންޖެހުންތަކަކީ ބޭރު ފައިސާ ނުލިބުމުގެ މައްސަލަ އާއި މަސައްކަތަތަށް ބޭނުންވާ އެކަށީގެންވާ މުވައްޒަފުން ލިބުން އުނދަގޫ ކަމާއި އެ މީހުންނަށް ކުރަން ޖެހޭ ހަރަދު ބޮޑުުވުމާއި ބޭންކްތަކުން ފައިސާ ހޯދުމުގައި ހުރި ދަތިތަކެވެ. އަދި މަސައްކަތް ކުރުމަށް ފަހު ކަސްޓަމަރު ފައިސާ ދިނުން ލަސްވުމަކީ ވެސް އެދާއިރާގެ ވިޔަފާރިތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.