ހަބަރު

އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނު ފަށައިފި

މި އަހަރުގެ އޭލެވެލް އަދި ހަޔާ ސެކަންޑަރީ ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާނު ފަށައިފި އެވެ.

މިއަދު ފެށި މި އިމްތިހާނުގައި މިއަހަރު ރާއްޖެއިން 3761 ދަރިވަރުން ބައިވެރިވި އެވެ. އޭގެ ތެރެއިން 1870 ދަރިވަރުން އެޗްއެސްސީ އިމްތިހާނު ހަދާނެ އެވެ. އެޗްއެސްސީ އިމްތިހާނު ނިމޭނީ މިމަހުގެ 28 ގަ އެވެ. މި އިމްތިހާނުގައި ރާއްޖޭގެ 45 ސްކޫލަކުން ބައިވެރިވި އެވެ.

މިއަހަރު އޭ ލެވެލް ހަދާ ދަރިވަރުންނަކީ 2014 ވަނަ އަހަރު 11 އަށް ވަން ދަރިވަރުންނެވެ. މިއަހަރު އަދި މި އަންނަ އަހަރު މެއި އަދި ޖޫން މަހު އެޗްއެސްސީ އަދި އޭލެވެލް އިމްތިހާނު ހަދާއިރު 2018 ވަނަ އަހަރުން ފެށިގެން މި އިމްތިހާނުތައް ހަދާނީ އޮކްޓޫބާ އަދި ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް ނިންމީ އޯލެވެލް ނިމި އޭލެވެލްއަށް ކިޔަވަން ފެށުމާދޭތެރޭ ދުވަސްކޮޅެއް ނަގާތީ އެކަމާ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވާތީ ކަމަށާއި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޓެސްޓްދޭ ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުމަށްފަހު ގެނައި މި ބަދަލުން ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.