ހަބަރު

ޕީއެސްއެމް މަދަހަ މުބާރާތުގެ އެއްވަނަ ސައިނާއަށް

ޕީއެސްއެމް މަދަހަ މުބާރާތުން އެއްވަނަ ޖަމާލުއްދީން ސްކޫލްގެ އާމިނަތު ސައިނާ މުހައްމަދު ރަޝީދު ހޯދައިފި އެވެ. މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މުޅި މުބާރާތުގެ އެއްވަނަ ސްކޫލަކީ ޖަމާލުއްދީން ސްކޫލެވެ.

މުބާރާތުގެ އެއް ވަނަ ސައިނާ ހޯދާފައިވާއިރު، މުބާރާތުގެ ނަތީޖާ ފާޅުކުރަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސައިނާއަށް ޓްރޮފީ ހަވާލު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. މުބާރާތުގެ އެއްވަނައިގެ އިތުރުން ސައިނާ ވަނީ ސީނިއާ ގުރޫޕްގެ އެއްވަނަ ވެސް ހޯދާފަ އެވެ. އިނާމެއްގެ ގޮތުން ސައިނާއަށް ވަނީ ސޯލޯ މަދަހަ އަލްބަމެއް ރިކޯޑްކޮށްދިނުމުގެ ފުރުސަތު ޕީއެސްއެމްއިން ދީފަ އެވެ.

ޖޫނިއާ ބައިން އެއްވަނަ ހޯދާފައިވަނީ މުހިއްބުއްދީން ސްކޫލްގެ ދަރިވަރު އާމިނަތު ޒަހާ ޒިޔާދެވެ.

މުބާރާތުގައި ހަ އުމުރު ފުރާއަކުން ދަރިވަރުން ބައިވެރިވި އެވެ. އެގޮތުން ހަ އަހަރުން ދަށު އުމުރުފުރާގެ އެއްވަނަ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލްގެ ދަރިވަރު މުހައްމަދު ކައިސް އިނާފް އާތިފް ހޯދިއިރު ނުވަ އަހަރުން ދަށުގެ އުމުރު ފުރައިން އެއްވަނަ ހޯދީ ތާޖުއްދީން ސްކޫލްގެ ދަރިވަރު އާއިޝަތު އާލާ ހަސަން އެވެ. އެގާރަ އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނަ ހާސިލުކުރީ މުހްޔުއްދީން ސްކޫލްގެ ދަރިވަރު އާމިނަތު ޒަހާ ޒިޔާދުއެވެ.

މީގެއިތުރުން 13 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ތާޖުއްދީން ސްކޫލްގެ ދަރިވަރު އާމިނަތު ނަބާހާ ހުސެއިން ހޯދިއިރު، 16 އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލް ދަރިވަރު އާމިނަތު ސައިނާ މުހައްމަދު ރަޝީދުއެވެ. ނާވާރަ އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނަ ހޯދީ މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރު މުހައްމަދު ފަރީދު އަހުމަދެވެ.

މި މުބާރާތުގައި އެންމެ މޮޅު އަމިއްލަ ރާގުގެ ޓްރޮފީ ހާސިލުކުރީ މުހައްމަދު ޝަފީގުލް އިސްލާމް ހައްދަވާފައިވާ ރާގެވެ. އެންމެ މޮޅު ޅެމަކަށް ހޮވުނީ ޅ. ނައިފަރު ޗާންދަނީވިލާ އާދަމް ހަލީމް އަދުނާން ހައްދަވާފައިވާ ޅެމަކަށެވެ.