ރިޕޯޓް

މޮޑެލް ފްލައިޓެއްހެން ހީވޭ، އެކަމަކު އެހެނެއް ނޫން!

ޓިކެޓެއް ގަތުމަށް އެއާލައިނެއްގެ އޮފީހަށް ވަންނައިރު އެންމެ ފުރަތަމަ ވެސް މޭޒުން މަތިން ފެންނަނީ މޮޑެލް ފްލައިޓެއް އެހެން ނޫންތޯ އެވެ؟ މޮޑެލް ފްލައިޓަކީ ދަންނަ ފެންނަ އެއްޗަކަށްވާއިރު އޭގެ ސިފަތައް ވެސް ވަރަށް ރަނގަޅަށް ގިނަ މީހުންނަށް އެނގޭނެ އެވެ. އެ ހުންނަގޮތް ވެސް އެނގޭނެ އެވެ.

ދައްކަން މިއުޅެނީ ވަރަށް ތަފާތު "މޮޑެލް ފްލައިޓެއް"ގެ ވާހަކަ އެވެ. މީހަކު ނަގާފައިވާ ފޮޓޯއެއް "މޮޑެލް ފްލައިޓް" އަކަށްވެފައިވާ ވާހަކަ އެވެ. މި ފޮޓޯ ވެސް ގިނަ މީހުންނަށް ހުންނަނީ ފެނިފަ އެވެ. އިއްޔެ އެންމެ ބާރަށް ސޯޝަލް މީޑިއާގައި ދައުރުވި އެއް ފޮޓޯއަށް ވެސް ވާނެ އެވެ. މިއީ މެގަ މޯލްޑިވްސްގެ ފްލައިޓެއްގެ ފޮޓޯކެވެ. ފޮޓޯ ނަގާފައިވަނީ ބްރިޖްގެ މަސައްކަތްކުރަމުންދާ ރާޅުގަނޑާ ދިމާލުން އެ ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދަނިކޮށެވެ.

މޮޑެލް ފްލައިޓެއް ފުރިހަމަ ވަނީ ބުޑަކާއި ދަނޑިގަނޑު އަދި ފްލައިޓްގެ މޮޑެލް ހުރެގެންނެވެ. މި ފޮޓޯގައި މި ހުރިހާ ސިފައެއް ލިބި، މޮޑެލް ފްލައިޓެއް މިވަނީ އުފެދިފަ އެވެ. ބުޑުގަނޑަކީ ނުވަތަ މައުންޓަކީ ބްރިޖްގެ މަސައްކަތައް އަޅާފައިވާ ޕްލެޓްފޯމްތަކުގެ ތެރެއިން ޕްލެޓްފޯމެކެވެ. ދަނޑިގަނޑަކީ އޭގެ މަތީގައި ހުރިކެރޭނެވެ. ފްލައިޓަކީ މި ފޮޓޯގައި އޮތީ މެގަ މޯލްޑިވްސްގެ 8Q-MEH ފްލައިޓެވެ.

މި ފޮޓޯ ވަނީ މަތިންދާބޯޓް އެމްއެލްއީ ޕްލޭންސްޕޮޓާ ޕޭޖްގައި ޝެއާކޮށްފަ އެވެ. ފޮޓޯއަކީ ފައިޒާން ނަމަކަށްކިޔާ ޒުވާނަކު ނެގި ފޮޓޯއެކެވެ. އެ ޕޭޖްގައި މިފަދަ އެހެން ފޮޓޯތައް ވެސް ޝެއާކޮށްފައި އެބަ ހުއްޓެވެ.

މި ފެންނަނީ ތަރައްގީ، ކުރިއެރުން

ފޮޓޯއަކީ އާދައިގެ ފޮޓޯއެއް ކަމަށް ބަޔަކު ދެކިދާނެ އެވެ. މި ދެން އެހާ މޮޅު ކަމެއްހޭ ވެސް ސުވާލުކޮށްފާނެ އެވެ. ޖަވާބަކީ މިއީ މޮޅު ކަމެކޭ އެވެ. މި ފޮޓޯތަކުން ފެނިގެން ދަނީ ރާއްޖެއަށް އަންނަމުންދާ ތަރައްގީ އެވެ. ރާއްޖެ ކުރިއަރަމުންދާ ކަމުގެ ނިޝާންތަކެވެ.

މަތިން ބޯޓުތައް އުދުހިފައިދާއިރު ތިރީގައި ބްރިޖް އަޅަނީ އެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ އެވެ. ބްރިޖްގެ މަސައްކަތް ކުރިއަށްދާއިރު އެއާޕޯޓްގެ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތަށް އެ އޮތީ ތައްޔާރަށެވެ. މިއީ ތަރައްގީ ނޫން ދެން ކޮން އެއްޗެއްބާވެ އެވެ.

ތަރައްގީގެ އިތުރުން މިފަދަ ފޮޓޯތަކުން އެހެން ކަމެއް ވެސް އެނގިގެންދެ އެވެ. ދިވެހިންގެ ހުނަރުވެރިކަމާއި ކުޅަދާނަ ކަމެކެވެ. އަދި ހަމަ އުފެއްދުންތެރި ކަމެވެ. މިއީ އިއްތިފާގުން ނަގާފައިވާ ފޮޓޯއެއް ކަމަށް ނުބެލެވެ އެވެ. މިއީ އެގޮތަށް ވިސްނާ ހިޔާލުކޮށް އެކަމަށް ސަމާލުކަން ދީގެން ނަގާފައިވާ ފޮޓޯއެއް ކަމަށް ބެލެވެ އެވެ. އެއީ ދިވެހިންގެ މޮޅުކަމެވެ. ކުޅަދާނެ ކަމެވެ. ހުޝިޔާރު ކަމެވެ.

މަތިންދާބޯޓް ޕޭޖް، މިއީ މޮޅު ބައެއް!

މި ޕޭޖްގައި ޝެއާކޮށްފައިވާ ފޮޓޯތައް ބަލާލުމަށް ވަގުތު ކޮޅެއް ހޭދަކޮށްލާށެވެ. ގައިމު ވެސް މާޔޫސްއެއް ނުވާނެ އެވެ. ޕޭޖްގައި ހުސްވެސް ހުރީ ވަރަށް ތަފާތު މޮޅު ފޮޓޯތަކެވެ. މަތިންދާބޯޓުގެ ތަފާތު ފޮޓޯތަކެވެ. މޮޅު ގޮތްގޮތަށް ނަގާފައިވާ ފޮޓޯތަކެވެ.

ކުރިން ވެސް ބުނި ފަދައިން މިއީ ހަމަ ދިވެހިންގެ ހުނަރުވެރިކަމެވެ. ކުޅަދާނަ ކަމެވެ.

ޕޭޖްގައިވާ ފޮޓޯތަކުން އެއާޕޯޓަށް ޖައްސާ ގިނަ އެއާލައިންތަކުގެ ފްލައިޓްތަކުގެ ފޮޓޯ އެބަހުއްޓެވެ. އެއީ ވެސް އެހާ ތަފާތުކޮށެވެ. އެއަށްފަހު ބްރިޖްގެ ޕްލެޓްފޯމާއެކު ފޮޓޯ ނަގާފައިހުރިއްޔާ އަނެއް ފަހަރު ފޮޓޯ ނަގާފައި ހުންނަނީ ބިޔަ ރާޅަކާ އެކީގަ އެވެ. ފްލައިޓްގައި އިނދެ ނަގާފައިވާ ފޮޓޯތަކާއި ފްލައިޓްތައް ކައިރިން މީހުން ނަގާފައިވާ ފޮޓޯތައް ވެސް މި ޕޭޖްގައި އެބަ ހުއްޓެވެ. ކޮންމެ ފޮޓޯއެއް ވެސް ހަމަ އެހާ ފުރިހަމަ އެވެ.