ލައިފްސްޓައިލް

ލޯބިވާ ވަރު ބުނެދޭނީ ކިހިނެތް؟

May 8, 2016
2

މޮޑާން ރިލޭޝަންޝިޕްސް އަކީ އަޖާއިބެއް ކަހަލަ އެއްޗެކެވެ. އިނދެގެން، އެންމެ ލޯބީގައި އުޅޭ ކަމަށް ހީކުރާ މީހުން އުޅެނީ އުފަލަކު ނޫނެވެ. ދެން ފެންނަނީ އެ ދެ މީހުން ރުޅިވެގެން އުޅޭ މަންޒަރެވެ. ދެން އަހާލެވެނީ މިހެންނެވެ.

"ހުވާތަ؟ ކިހިނެތްތަވީ އަޅެ؟ ކޮބައިތަ މައްސަލައަކީ؟."

މައްސަލަ އަކީ ލޯބިވާވަރު ބުނެދޭން ނޭނގުމެވެ. ނުވަތަ ވާ ލޯބި ފާޅުކޮށްދޭނެ ގޮތެއް ނޭނގުމެވެ. އެންމެ ވެސް ލޯބިވެ އެވެ. އެ ލޯބި ތަރުޖަމާކޮށްދޭން ނޭނގެނީ އެވެ.

އެހެންވީމަ އެންމެ ފުރަތަމަ ވެސް ވާހަކަ ދެއްކުމާއި ރިވެތި އަހުލާގުން ފަށައިގަންނަމާ ހިނގާށެވެ. ސަބަބަކީ މޮޑާން ރިލޭޝަންޝިޕްސްގައި ޖެހޭ އެންމެ ބޮޑު އެއް މައްސަލައަކަށް މިކަން ވެފައި އޮތުމެވެ. ރީއްޗަށް ވާހަކަ ދެއްކޭ ނަމަ އެއީ ރަނގަޅު ފާލެކެވެ.

ވާހަކަ ދައްކާއިރު އިހްތިރާމް ހިމެނުން ވަރަށް މުހިންމެވެ. އޭރަށް، އެ ވާހަކައެއް ނިސްބަތްކުރެވޭ މީހާގެ އަގު އެ މީހަކަށް އިހްސާސްކުރެވޭނެ އެވެ. އެމީހަކީ މުހިންމު ނޫން މީހެއްކަން އިހްސާސްކުރެވޭ ފާޑަށް ވާހަކަ ދެއްކުމަކީ ގުޅުން ގޯސްކޮށްލަފާނެ ކަމެކެވެ.

ވާހަކަ ދައްކާއިރު ކަނުލައި އަޑުއެހުން ވެސް ވަރަށް މުހިންމެވެ. ވަކިން ހާއްސަކޮށް ލޯބިވެރިޔާ ނުވަތަ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާ ވާހަކައެއް ދައްކާ ނަމަ އޭނާގެ ވާހަކަ އަށް ސަމާލުކަން ދިނުން މުހިންމެވެ. ހަގީގީ ލޯތްބަކީ މިއީ ކަމަށް ވަރަށް ގިނަ އަންހެން ކުދިން ބުނެ އެވެ. ވާހަކައެއް ދައްކާއިރު ހަމައެކަނި އެ ބުނާ ބަސްތަކެއް ހަނދާނުގައި ހަރުލެއްވުމެއް ނޫނެވެ. އިހްސާސްކޮށް އޭގެ ޖަޒުބާތުގައި ވެސް ޖެހުމެވެ.

އަންހެން ކުއްޖާ އަށް ތައުރީފު ވެސް ކުރާށެވެ. ލޯބި އޭގެ ގޮތުގައި ކުރިއަށް ދާ ސަބަބަކީ މިއީ އެވެ. ވަކިން ހާއްސަކޮށް ކޮމްޕްލިމެންޓެއް ދޭއިރު ވަކި ހާއްސަ ކަމެއް ނުވަތަ ސިފައެއް ފާހަގަކުރުން މުހިންމެވެ. އެ ބުނާ ވާހަކައެއް ހިތުގެ އަޑިން ގަބޫލުކުރަން އަންހެން ކުއްޖާ އަށް ފަސޭހަވާނީ އޭރުންނެވެ.

އަންހެން ކުއްޖާ ޝައުގުވެރިވާ ކަންކަމަށް ޝައުގުވެރިވުން ވެސް ވަރަށް މުހިންމެވެ. މިސާލަކަށް ފިރިހެނުން ކެއްކުން، އަންހެން ކުދިންނަށް އެހާ ކަމުދާ ކަމަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ ކެއްކުމަށް އަންހެން ކުދިން ވެސް އެހައި ފޯރި ހުންނާތީ އެވެ. އަންހެން ކުދިން ޝައުގުވެރިވާ ކަންކަމަށް ފިރިހެން ކުއްޖާ ޝައުގުވެރިވުން ވަރަށް ވެސް މުހިންމެވެ.

ކަމެއް ކުރަން ކަނޑައެޅުމުގެ ކުރިން އަންހެން ކުއްޖާގެ ހިޔާލު ހޯދާށެވެ. އެއީ ވެސް ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން އާ އުސްމިނަކަށް ގެންގޮސްދޭނެ ކަމެކެވެ.

މައާފުކުރާށެވެ. މީހަކު ދެކެ ހަގީގީ ލޯބިވުމުގައި މިއަށް ވުރެ ސަޅި ސިފައެއް ނުވަތަ ނަމޫނާއެއް ނުދެއްކޭނެ އެވެ. ހިތުގައި ވާހަކައެއް ނުވަތަ ކަމެއް ބާއްވައިގެން ހުންނަހާ ދުވަހަކު ދެ މީހުންގެ ގުޅުމެއް ރަނގަޅުނުވާނެ އެވެ.

ދަތުރު ދިއުން ވެސް ވަަރަށް މުހިންމެވެ. ވަކިން ހާއްސަކޮށް ރިސޯޓް ކަހަލަ ތަންތަނަށް ވީކެންޑްގައި ޖައްސާލީމަ އަންހެން ކުދިން ވަރަށް ހެޕީވާނެ އެވެ. ނިކަން ލޯބިވެއޭ ބުނާނެ އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ ދެ މީހުންނަށް އެކުގައި ކޮލިޓީ ޓައިމް ސްޕެންޑްކޮށްލެވެނީއެއް ނޫން ހެއްޔެވެ.

ކުށަށް އިއުތިރާފުވާށެވެ. ވަފާތެރި ތެދުވެރި ލޯތްބަކީ މިއީއެއް ނޫން ހެއްޔެވެ؟ ތިމާ ތިއީ އެހައި ފުރިހަމަ މީހެއް ނޫންކަން އަމިއްލަ އަށް ގަބޫލުކޮށް އެކަމަށް އަންހެން ކުއްޖާގެ ކުރިމަތީގައި އެއްބަސްވުމަކީ އެ ކުއްޖާގެ ހިތުގައި ތިމާ އަށް އޮންނަ ގަދަރާއި ލޯބި ބޮޑުވެގެންދާނެ ކަމެކެވެ.

ދެން މި އޮތީ ވަރަށް އެހެން ކަހަލަ ވާހަކަ އެވެ. އެކަމަކު ލޯބިވާވަރު ބުނެދޭން ބޭނުން ނަމަ އިހްތިޔާކުރަން ޖެހޭނީ އޭނާ އެވެ. މިސާލަކަށް ކަމެއް ވަރަށް ގޯސްވީ އެވެ. ބައެއްގެ މައްޗަށް އޭނާ އިހްތިޔާރުކުރަން ޖެހުނީ އެވެ. ލޯބިވާ ނަމަ ފަސްޖެހުމެއް ނެތި ކޮންމެ ކަމެއް އަދި ބައެއް ނުވަތަ އެއްޗެއްގެ މައްޗަށް ވެސް އިހްތިޔާރުކުރާނީ ބައިވެރިޔާ އެވެ.

މަސާޖަކުން ވެސް އަންހެނަކު ހިތްހަމަޖައްސާލެވިދާނެ އެވެ. ކުޑަކޮށް ބުރަކަށި މޮޑެލަދެނިކޮށް ވެސް ވަރަށް އުފާވެދާނެ އެވެ. އެޓެންޝަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟

ކަމެއްގައި ކިތަންމެ ބިޒީކޮށް ހުއްޓަސް އޭނަ ތިމަންނަ ގާތު ކަމަކު ބުނެފި ނަމަ އެކަމެއް ކޮށްދޭށެވެ. ކުނި މޫނު ދައްކައިގެން އެކަމެއް ކޮށްދީފި ނަމަ އަންހެން ކުއްޖާ ވަރަށް ފޫހިވާނެ އެވެ.

ވީހާ ވެސް ގިނަ ވަގުތު ލޯބިވެރިޔާއާ އެކު ހޭދަކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އަންހެން ކުދިން ރުޅިއައީމަ އަބަދުވެސް އެންމެ ފަސޭހައިން ބުނާނީ މިހެންނެވެ. ކަލޭ މަށަކަށް ވަގުތެއް ނުދެ އެވެ. އެހެންވީމަ ދެ މީހެއްގެ ގުޅުމަށް ވަގުތު މުހިންމުވާ މިންވަރަކީ ކޮބައިކަން މިވަރުން ވެސް އެނގެއެއް ނޫން ހެއްޔެވެ؟

ސަޕްރައިޒް ދިނުމަކީ ވެސް ލޯބީގެ ވަރަށް ސަޅި ވައްތަރެކެވެ. އެކަމަކު ހޭނެތިގެން ވެއްޓޭވަރުކޮށްލާނީކީއެއް ނޫނެވެ. އުފަން ދުވަސްތަކުގަ އާއި ލޯތްބަށް ހަފުތާ އާއި މަހާއި އަހަރު ފުރޭ ދުވަސްތައް ކަލަންޑަރުން ފާހަގަކޮށްގެން އެ ދުވަސްތަކުގައި ސެންޓުފުޅި އާއި ކޭކާއި އަގުބޮޑެތި އެހެން އެއްޗެހިތައް ދިނީމަ ވެސް އަންހެން ކުދިން ވަރަށް އުފާވާނެ އެވެ. މިއީ ހަގީގަތެވެ. މިހެން ނަހަދާ ނަމަ އަދި ވަރަށް ފަސޭހައިން ފޫހިވާނެ އެވެ.

އޭރުން ބުނާނީ "ކަލޭ މަ ދެކެ ލޯތްބެއް" ނުވެއޭ އެވެ. ތިއީ ފޫހި މީހާ ގަނޑެކޭ އެވެ.

އެނގޭ ހެއްޔެވެ؟ ސެލެބްރޭޓްކުރުން މިއީ ލޯބީގައި އަންނަ ވަރަށް މުހިންމު ސިފައެެކެވެ. ވަކިން ހާއްސަކޮށް މޮޑާން ރިލޭޝަންޝިޕްސްތަކުގަ އެވެ.