ހަބަރު

ހޮޅުދޫ އިސްމާއިލްބެ މަރާލި މައްސަލާގައި މީހަކަށް ދައުވާކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނ. ހޮޅުދޫގައި މަރާލި 73 އަހަރުގެ އިސްމާއިލް އަބްދުއްރަހުމާނު (އިސްމާއިލުބެ)ގެ މައްސަލާގައި މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ، ހޮޅުދޫ އާޒާދުގެ ހާރޫނު އަބްދުލް ލަތީފުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ހިޝާމް މިއަދު ވިދާޅުވީ، އިސްމާއިލްބެ މަރާލި މައްސަލާގައި ހާރޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލަ ޕީޖީއިން ނިންމާ، ކްރިމިނަލް ކޯޓަށް ވައްދާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

އިސްމާއިލްބެ މަރާލާފައިވަނީ ނަމާދުން ފައިބައިގެން ގެޔަށް ދިޔަ މަގުމަތީ، އޭނާއަށް ވަޅިއަކުން ދިން ހަމަލާއެއްގަ އެވެ. ވަޅިން ހަމަލާދީފައިވަނީ އިސްމާއިލްބެގެ މެޔަށެވެ. އިސްމާއިލްބެއަކީ އެރަށުގެ ކުރީގެ ކަތީބެވެ. އަދި އެރަށު މުދިމުކަން ވެސް ކުރި މީހެކެވެ.

އިސްމާއިލްބެއަށް ހަމަލާދިން މީހާ ވަނީ އެރޭ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.