ހަބަރު

ނަދާލުގެ މަރާ ގުޅިގެން އަންހެނަކު ވެސް ހައްޔަރުކޮށްފި

ދެހާސްސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ރޭގެ ވަގުތެއްގައި މއ. ބޭރުމަތީގޭގެ ހަ ވަނަ ފަންގިފިލާއިން މަގުމައްޗަށް ވެއްޓި ހ.ދޫހިމެރިގެ، ނަދާލް ރަޝީދު (25އ) ނިޔާވި މައްސަލައާ ގުޅިގެން އިއްޔެއާއި މިއަދު ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ އަންހެނެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

މި މައްސަލައާ ގުޅިގެން މައުލުމާތު ހިއްސާކުރައްވަމުން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް މީގެ ކުރިން ވިދާލުވެފައިވަނީ، މއ. ބޭރުމަތީގޭގެ ހަވަނަ ފަންގިފިލާއިން ނަދާލް ރަޝީދު ވެއްޓި ނިޔާވިރޭ އެ އެޕާޓްމަންޓްގައި ތިބި ހަތަރު މީހެއްގެ ކުޑަކަމުދާތަކެތި ނަގާފައިވާކަމަށާއި އެމީހުންގެ ކުޑަކަމުދާތަކެތި ތަހުލީލުކުރިއިރު ދާއިމީ ނަތީޖާއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މީގެއިތުރުން، ނަދާލް ހަށިގަނޑުން ނެގުނު ބްލަޑް ސާމަޕަލް ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށް މި މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިދިޔަ އަހަރު ބޭއްވި ބައްދަލުވުމުގައި އެސްޕީ ޝަތީހް ވިދާޅުވެފައިވެއެވެ.

ނަދާލް ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ނިޔާވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށާއި ނަދާލް ހޮސްޕިޓަލަށް ގެނެވުނުއިރު އޭނާގެ ބޮލުފެ ފުށްކިބައިން ދެ ތަނެއް ފަޅައިގެން ގޮސްފައިވާކަމަށް ސަތީހް ވިދާޅުވެފައިވެއެވެ.

މިމައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.