ވިޔަފާރި

53 ކޮޓަރީގެ މާގިރި ހޮޓާ މި އަހަރު ހުޅުވަނީ

  • ހޮޓާ ހަދަނީ ތާރީހީ ގޮތުން ޓޫރިޒަމާ ގުޅިފައިވާ ގެއެއްގައި
  • ހޮޓާ ހުންނަނީ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތިން
  • ހޮޓާ ހަދަނީ ދިވެހި ވިޔަފާރިވެރިންތަކެއް ގުޅިގެން

ފަންސާސް ތިންކޮޓަރީގެ "މާގިރި ހޮޓާ" މި އަހަރު ހުޅުވާނެ ކަމަށް ހޮޓާ ހަދަމުން ގެންދާ ރީޖެންޓް މޯލްޑިވްސް އިން ބުނެފި އެވެ.

ހުޅުމާލެ ފެރީޓާމިނަލް ކުރިމައްޗަށްވާ ގޮތަށް ހަދަމުން ގެންދާ ހޮޓާލަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިން ތަކެއް ގުޅިގެން ހަދާ ހޮޓަލެކެވެ.

"މާގިރި ހޮޓާ" ތަރައްގީ ކުރުމުގައި ހަރަކާތެރިވާ އެއް ހިއްސާދާރު ކަމަށްވާ ލިލީ ޝިޕިންގެ ޗެއާމަން މައްލާ އަހުމަދު ނާސިރު (މައްލާ ނާބެ) ވިދާޅުވީ މި ހޮޓާ ރޯދަ މަސް ނިމިގެން މާގިނަ ދުވަހެއް ނުވެ ހުޅުވޭ ވަރުވާނެ ކަމަށެވެ.

"އިރާދުކުރެއްވިޔާ 53 ރޫމްގެ މި ހޮޓާ ހުޅުވޭ ވަރަށް އަވަހަށް. މިހާރު އެހުރީ ކޮންކްރީޓްގެ ހުރިހާ މަސައްކަތްތަކެއް ނިމިގައި. މިހާރު ކުރަމުން ގެންދަނީ އިންޓީރިއާގެ މަސައްކަތް. އިންޓީރިއާގެ މަސައްކަތްތަކީ ކޮންކްރީޓްގެ މަސައްކަތްހެން މާ އަވަހަށް ކުރިއަށް ގެންދެވޭނެ ކަމެއް ނޫން. ނަމަވެސް އިދާރުކުރެއްވިއްޔާ ވަރަށް އަވަހަށް ހުޅުވޭނެ،" ނާބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހޮޓާ ހަދާ "މާގިރި" ގެ އަކީ ރާއްޖޭގެ ދެވަނަ ރަައީސް އިބްރާހިމް ނާސިރުގެ އަނބިކަނބަލުން ނަސީމާ ގެއެއް ކަމަށެވެ.

"ނަސީމާ ވިދާޅުވި ގޮތުގައި މި ގެއަކީ ފުރަތަމަ ޓޫރިސްޓުން އައިސް ތިބި ގެސްޓް ހައުސް. ކަން ދިމާވި ގޮތުން މިތަން ހަދަމުން މިދަނީ،" ނާބެ ވިދާޅުވި އެވެ.

މާގިރި ހޮޓާ ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ކުރިން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ހޮޓާ ކަމަށްވާ ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ތަނުގައި ވެސް ހޮޓަލެއް އެޅުމަށް ވަނީ ނިންމާފަ އެވެ.